މަރުކަޒީ ބޭންކް، އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް، މަގާމުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުވުމުގެ މައްސަލަ މާދަމާގެ ޖަލްސާއަށް ތަވާލުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އެޖެންޑާގައިވާގޮތުން މިމައްސަލަ ތާވަލުކޮށްފައިވަނީ ކޮމިޓީން ހުށަހަޅާ މައްސަލައިގެ ގޮތުގައެވެ. އެގޮތުން، މި މައްސަލައިގައި މާލިއްޔަތު ކޮމިޓީގެ ރިޕޯޓް ތަޅުމަށް ހުށަހެޅުމަށް ވަނީ ނިންމާފައެވެ.
މާލިއްޔަތު ކޮމިޓީން ވަނީ އިޤްތިޞާދީ ކާރިސާއިން ޤައުމު ސަލާމަތްކުރުމަށް މަރުކަޒީ ބޭންކުގެ ގަވަރުނަރުގެ ހައިސިއްޔަތުން މަސައްކަތްކޮށްފައި ނުވާކަމަށް ބުނެ، ގަވަރުނަރުގެ މަޤާމުން ޢަލީ ޙާޝިމް ވަކިކުރެއްވުމަށް ރައީސަށް ލަފާދެއްވުމަށް ފާސްކޮށްފައެވެ. މީގެ ކުރިންވެސް އެ ކޮމިޓީން އެގޮތަށް ނިންމައި މަޖިލީހުގެ ރައީސަށް ސިޓީ ފޮނުވިއެވެ. ނަމަވެސް އެމައްސަލައިގައި ގަވަރުނަރަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށް މައްސަލަ ދިރާސާކުރުމަށް ކޮމިޓީއަށް އަލުން ފޮނުވިއެވެ.
ޖަވާބުދާރީވުމަށް ގަވަރުނަރަށް މާލިއްޔަތު ކޮމިޓީން ތިން ފުރުސަތު ދިން ނަމަވެސް ކޮމިޓީގެ ޖަލްސާތަކަށް ގަވަރުނަރު ހާޒިރުވެވަޑައިނުގަންނަވައެވެ. މިމައްސަލާގައި އެންމެ ފަހުން ގަވަރުނަރު ލިޔުމުން ދެއްވާފައިވާ ޖަވާބުގެ އިތުރަށް އިތުރު ކަމެއް މެންބަރުން ސާފު ކުރަން ބޭނުންވާނަމަ ލިއުމުން އެކަމަށް ޖަވާބުދާރީވާނެކަން ގަވަރުނަރު ވަނީ އަންގަވާފައެވެ.
މިކަމުގައި ލިއުމުން ޖަވާބުދާރީވުމަށް ގަވަރުނަރަށް އިތުރު ފުރުޞަތެއް ދިނުމާއި ގުޅޭގޮތުން ކޮމިޓީގެ މެންބަރުންގެ މެދުގައި ވަނީ ވޯޓަށް އަހާފައެވެ. އެވޯޓުގައި މެންބަރުންގެ އަޤުލަބިއްޔަތުން ނިންމީ އިތުރަށް ފުރުޞަތެއް ދޭން ނުފެންނަކަމަށެވެ.
ކޮމިޓީގައި މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަނީ ގަވަރުނަރުގެ މަޤާމުން އަލީ ޙާޝިމް ވަކިކުރުމަށް ރައީސުލްޖުމުހޫރިއްޔާއަށް ލަފާދޭން ފާސްކުރުމަށް ހުށަހަޅުއްވާފައެވެ. އެ ހުށަހެޅުއްވުމުގެ ކުރިން ގަވަރުނަރު އަދާކުރަން ޖެހޭ ޒިންމާތައް އަދާ ނުކުރާ ކަމަށް ބުނެ، އިދާރާތަކުން ދީފައިވާ ޖަވާބުތައްވެސް ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން އެމްއެމްއޭއިން ހަދަން ޖެހޭ ޤަވާއިދުތައް އަދާހަމަ ނުކުރުމާއި، މާލީ ވުޒާރާއާއި އެމްއެމްއޭއާ ދެމެދު އެކަށީގެންވާ ވަރަށް މަޝްވަރާ ނުކުރެވި ކަންކަން މިހާތަނަށް ނިންމިފައި ހުރިކަން ފާހަގަކުރެއްވިއެވެ. އެ ހުށަހެޅުން ކޮމެޓީގެ މެންބަރުންގެ އަޤުލަބިއްޔަތުން ވަނީ ފާސްކޮށްފައެވެ.
ކޮމިޓީގެ ރިޕޯޓަށް ބަހުސްކުރުމަށް ވަގުތު ކަނޑައެޅުމަށް މިރޭ ވަނީ އާންމު ކޮމިޓީގެ ޖަލްސާއެއްވެސް ބާއްވާފައެވެ. މި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 10 މެންބަރުންގެ ތެރެއިން 8 މެންބަރުންގެ ވޯޓުން ފާސްކޮށްފައިވަނީ މި މައްސަލައިގެ ބަހުސް ވަގުތުގެ ގޮތުގައި 1 ގަޑިއިރު ކަނޑައެޅުމަށް ފާސްކޮށްފައެވެ.