ޚަބަރު

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ މައުލޫމާތުތައް އެއްތާކުން ދިނުމަށް މީޑިއާ މަޢުރަޒެއް ހުޅުވައިފި


  • މިމައުރަޒުން ގިނަ މައުލޫމާތުތަކެއް ލިބޭނެ

  • މަޢުރަޒް ހޯމަދުވަހުގެ 18:00 ނިޔަލަށް ހުޅުވާފައި ހުންނާނެ

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރަމުން ގެންދާ މަސައްކަތްތަކުގެ މައުލޫމާތުތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި އެވުޒާރާއިން "މީޑިއާ މައުރަޒު"ގެ ނަމުގައި މައުރަޒެއް ހުޅުވައިފިއެވެ.

މީޑިއާ މައުރަޒު ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުޙައްމަދު ލަތީފެވެ.

މީޑިއާ މައުރަޒަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ޤައުމުގެ ރިޔާސަތާ ހަވާލުވެވަޑައިގެންނެވިތާ އަށް މަސް ފުރޭ މުނާސަބަތާ ގުޅިގެން އެ މަނިކުފާނުގެ މެނިފެސްޓޯގައިވާ ކަންތައްތަކުގެ ތެރެއިން އިސްލާމީ ދާއިރާއިން މިހާތަނަށް ހާސިލުކުރެވިފައިވާ ކަންކަން މީޑިއާއާ ހިއްސާކުރެއްވުމަށް ބާއްވަވާ މައުރަޒެކެވެ.

މިމައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ވަރަށް ގިނަ ކަންތައްތަކެއް ފަށާފައިވާ ކަމަށާއި ގިނަ ކަންތައްތަކެއް މިހާރުވެސް ފުރިހަމަވެފައިވާ ކަމަށެވެ.

ވަޒީރު ވިދާޅުވީ މިމައުރަޒުން ވަރަށް ގިނަ މައުލޫމާތުތައް އެނގޭނެކަމަށެވެ. އަދި ޚާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ސަރުކާރުގެ ވުޒާރާއަކުން ކުރާ މަސައްކަތްތައް އެނިވަޑައިގަތުމަކީ ވަރަށް މުހިންމު ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

" ތިބޭފުޅުންނަށް ވަރަށް މުހިންމު މައުލޫމާތުތަކެއް ލިބިގެން ދާނެ. ޚާއްސަކޮށް މަޖިލީހުގެ މެންބަރުންނަށް މަސައްކަތް ހިނގާ ނުހިނގާ ގޮތް އެނގުމަކީ ވަރަށް މުހިންމުކަމެއް" ވަޒީރު ވިދާޅުވިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ މިއީ މިގޮތަށް މައުލޫމާތުތައް އެއްތާކުން ލިބޭގޮތަށް ވުޒާރާއަކުން ބާއްވާ ފުރަތަމަ މައުރަޒުކަމަށެވެ.

މި މައުރަޒުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އެކި ސެކްޝަންތަކާއި އިދާރާތަކުގެ ސްޓޯލްތައް ހުންނާނެއެވެ. މި ސްޓޯލްތަކުން އެ ސެކްޝަނުން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތަފްސީލީ މައުލޫމާތު ލިބޭނެކަމަށް އެވުޒާރާއިން މައުލޫމާތުދެއެވެ.

މިމައުރަޒުގައި ހުރި ސްޓޯލްތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ޒަކާތު ހައުސް، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް، މޮސްކް މެނޭޖްމަންޓް ސެކްޝަންއާއި ޕަބްލިކޭޝަން ޔުނިޓް އަދި ޙަލާލް ސެޓްފިކޭޝަން ޔުނިޓްގެ އިތުރުން ޙައްޖާއި ޢުމްރާއާ ބެހޭ ޔުނިޓްތައް ހިމެނެއެވެ. މީގެ އިތުރުން އިސްލާމިކް ދަޢުވާ، ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު، މިނިސްޓަރ ބިއުރޯ އަދި އައުޤާފް އެންޑް އިންފްރާސްޓަކްޗަރ ހިމެނެއެވެ.

މިމައުރަޒް ހުޅުވުމުގެ ރަސްމިއްޔާތުގައި މަޖިލީހުގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ މުވައްޒަފުންވެސް ބައިވެރިވިއެވެ.

އިސްލާމީ ކަންތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ މީޑިއާ މައުރަޒު 22 ވަނަ ދުވަހުގެ 18:00އަށް ހަމައަށް ހުޅުވާފައި ހުންނާނެކަމަށެވެ.