ޚަބަރު

ނުރައްކާތެރި ނިޕާ ވައިރަސް ޖެހިގެން ކެރެލާއިން މީހަކު މަރުވެއްޖެ


އިންޑިޔާގެ ދެކުނުގައި އޮންނަ ކެރެލާ ސްޓޭޓުގައި ނުރައްކާތެރި ނިޕާ ވައިރަސްގެ ސަބަބުން 14 އަހަރުގެ ފިރިހެން ކުއްޖަކު މަރުވުމާ ގުޅިގެން ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅަން ފަށައިފިއެވެ. ނިޕާ ވައިރަހަކީ ވައު އަދި އޫރު ފަދަ ބައެއް ޖަނަވާރުގެ ފުށުން އިންސާނުންގެ ހަށިގަނޑަށް އަރާ ނުރައްކާތެރި ބައްޔެކެވެ. އެ ބަލީގެ ބައެއް އަލާމާތްތަކުގެ ތެރޭގައި ގަދައަށް ހުންއައުމާއި ސިކުނޑި ދުޅަވުން ހިމެނެއެވެ.

ކެރަލާ ސްޓޭޓްގެ ޞިއްޙަތާ ބެހޭ ވަޒީރު ވީނާ ޖޯޖް ވިދާޅުވީ, އެ ސްޓޭޓްގައި ނިޕާ ވައިރަހަށް ހުށަހެޅިފައިވާ 60އެއްހާ މީހުން ދެނެގަނެވިފައިވާ ކަމުގައެވެ. "ބަލި ޖެހުނު ކުއްޖާ މަރުވީ ހިތް ހުއްޓިގެން،" ޖޯޖް ވިދާޅުވިއެވެ. އަދި, ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމަށާއި, އެ މަސައްކަތްތައް ވިލަރެސް ކުރުމަށް 25 ކޮމިޓީ އުފައްދާފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. އެ ކޮމިޓީތަކުގެ މައިގަނޑު މަސައްކަތަކީ ބަލި ޖެހިފައިވާ މީހުންނާއި, ބަައްޔަށް ހުށަހެޅިފައިވާ މީހުން ދެނެގަނެ, އެ މީހުން އެކަހެރި ކުރުމެވެ.

ނިޕާ ވައިރަހަކީ ވަރަށް ފަސޭހައިން ގައިން ގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމުގައި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ބުންޏެވެ. އަދި, އެ ވައިރަސް ފެތުރުން ކޮންޓްރޯލް ނުކުރެވިއްޖެ ނަމަ ޢާންމު ބަލިމަޑުކަމެއް ފެށުމުގެ ފުރުޞަތު ބޮޑު ކަމުގައި ވެސް ޞިއްޙަތު ޖަމުޢިއްޔާއިން އިންޒާރު ކުރެއެވެ.

ކާލީކަޓްގެ އެސްޓަރ މިމްސް ހަސްފަތާލުގެ ޑިރެކްޓަރ ޑރ އަނޫޕް ކުމާރް ވިދާޅުވީ, ނިޕާ ވައިރަހަށް ޕޮޒިޓިވްވެފައި ވަނީ މަދަރުސާއެއްގައި ކިޔަވަމުން ދިޔަ ދަރިވަރެއް ކަމުގައެވެ. އަދި, އޭނާއާ އެއްތަންވެފައިވާ މީހުން ދެނެގަނެ, އެ މީހުން އެކަހެރިކޮށް, އެ މީހުންގެ ޞިއްޙަތު ވަރަށް ގާތުން ބަލަމުންދާ ކަމުގައެވެ.

"މި ވައިރަސްގެ ސަބަބުން ބަލިމަޑުކަމެއް ފެށިދާނެ ކަމުގެ ފުރުޞަތު ވަރަށް ކުޑަ،" ޑރ ކުމާރް ވިދާޅުވިއެވެ. ނަމަވެސް, ބަލީގައި މަރުވި ކުއްޖާއާ އެއްތަންވެފައިވާ މީހުން ކުރިއަށް އޮތް 10 ވަރަކަށް ދުވަހު މޮނިޓަރ ކުރާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. ބަލީގައި މަރުވި ކުއްޖާގެ ކޮންޓެކްޓުންގެ ގޮތުގައި 241 މީހަކު ދެނެގަނެވިފައިވެއެވެ. އޭގެ ތެރެއިން 60 މީހަކު ބައްޔަށް ހުށަހެޅިފައިވާ ކަމުގައި ޑރ ކުމާރް ވިދާޅުވިއެވެ.

ބަލި ޖެހިފައިވާ ކުއްޖަކު ފެނިފައި ވަނީ ކެރަލާގެ ވެރިރަށް ތިރުވަނަންތަޕޫރަމްގެ މަލައްޕުރަމް އަވަށުންނެވެ. ތިރުވަނަންތަޕޫރަމަކީ ގިނަ ޢަދަދެއްގެ ދިވެހިން ބޭސްފަރުވާއަށް ދަތުރުކޮށް އުޅޭ, އަދި ގިނަ ޢަދަދެއްގެ ދިވެހިން ހިޖުރަ ކޮށްގެން ދިރިއުޅޭ ރަށެކެވެ. ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ, ވަގުތުން އެކަހެރިވެ, ލަސްނުކޮށް ޞިއްޙީ ފަރުވާ ހޯދުމަށް ކެރަލާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ވަނީ އިރުޝާދު ދީފައެވެ.

ކެރަލާގެ ސަރުކާރުން ވެސް ވަނީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ކަން ހާމަކޮށްފައެވެ. މި ގޮތުން, މަރުވި ކުއްޖާގެ ސެކަންޑަރީ ކޮންޓެކްޓުން ދެނެގަތުމަށް މަސައްކަތް ކުރަމުންދާ ކަމުގައި އެ ސްޓޭޓުން ބުންޏެވެ. ނުރައްކާތެރި ނިޕާ ވައިރަސް ކެރަލާއިން ފުރަތަމަ ދެނެގަނެވިފައި ވަނީ 2018ވަނަ އަހަރުއެވެ. އޭގެ ފަހުން މި ބަލީގައި ދޮޅަހަކަށް ވުރެ ގިނަ މީހުން މަރުވެފައިވެއެވެ. ނިޕާ އެންމެ ފުރަތަމަ ދެނެގަނެވިފައި ވަނީ މީގެ 25 އަހަރު ކުރިން މެލޭޝިޔާއިންނެވެ. އެއަށްފަހު, ބަންގްލަދޭޝާއި އިންޑިޔާގެ އިތުރުން ސިންގަޕޫރުން ވެސް މި ބަލި ޖެހިފައިވާ މީހުން ފެނިފައިވެއެވެ.