ޚަބަރު

އެމެރިކާގެ ކެޕްޓަން، އެޑަމްސް އަށް ސީޒަނުގެ ކުރީބައިގައި ނުކުޅެވޭނެ


ބޯންމައުތަށް ކުޅެމުން އަންނަ އެމެރިކާގެ ފުޓްބޯޅަ ޓީމުގެ ކެޕްޓަން، ޓައިލާ އެޑަމްސް އަށް ބުރަކަށީގެ އޮޕަރޭޝަނެއް ކުރުމުގެ ސަބަބުން ކުރިއަށް އޮތް ސީޒަނުގެ ކުރީބައިގައި ނުކުޅެވޭނެ އެވެ.

އެޑަމްސް، 25، އަށް ވަނީ ނިމިދިޔަ ސީޒަނުގައި ވެސް ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާގެ ސަބަބުން ބޯންމައުތުގެ ގިނަ މެޗުތަކެއް ގެއްލިފައެވެ. އަދި އޭގެފަހުން، ކުޅުމަށް އެނބުރިއައިސް ބުރަކަށްޓަށް ލިބުނު އަނިޔާއެއްގެ ސަބަބުން މާގިނަ މެޗުތަކެއް ކުޅެވޭ ގޮތެއްނުވިއެވެ.

އެޑަމްސްގެ އަނިޔާއާ ގުޅޭގޮތުން، ބޯންމައުތުގެ ކޯޗު، އެންޑޮނި އިރައޯލާ ބުނީ، އޭނާ އަށް ކުޅުމަށް އެނބުރި އާދެވޭނެ ވަކި ދުވަހެއް ބުނަން ނޭނގޭކަމަށާއި، ޔަގީނުން ވެސް ސީޒަންގެ ކުރީބައި ގެއްލޭނެ ކަމަށެވެ. އެޑަމްސް އަށް ކުޅުމަށް އެނބުރިއާދެވޭނެ ކަމަށް ބޮޑަށް ބެލެވެނީ ސެޕްޓެންބަރު ނުވަތަ އޮކްޓޫބަރު މަހުގައި ކަމަށް ވެސް އިރައޯލާ ބުންޏެވެ.

އެމެރިކާގެ ކެޕްޓަންކަން ކުރަމުން އަންނަ އެޑަމްސް ވަނީ، އެންމެ ފަހުގެ ކޮޕާ އެމެރިކާގައި ވާދަކުރި ޓީމުގައި ކުޅެފައެވެ. އޭނާ އެންމެ ފަހުން ކުޅުނީ ގްރޫޕް ސްޓޭޖުގައި އުރުގުއޭ އަތުން 1-0 އިން އެމެރިކާ ބަލިވި މެޗުގައެވެ. އެމެރިކާ ކެޓީ އެ މުބާރާތުގެ ގްރޫޕް ސްޓޭޖުންނެވެ.

އަނިޔާގައި ހުރެ، އެ މުބާރާތުގައި އެޑަމްސް އަށް ކުޅުމުގެ ފުރުޞަތު ދެވުނީ ކީއްވެތޯ އެހުމުން އިރައޯލާ ބުނީ، އެ ނިންމުމަކީ ގައުމީ ޓީމުގެ ނިންމުމެއް ކަމަށެވެ. އަދި، ކޮންމެ ގައުމީ ޓީމަކަށް ވެސް ކުޅުންތެރިން ނެގުމުގެ ފުރުޞަތު އޮތުމާއެކު، އެޑަމްސް ވެސް އަނިޔާ އިތުރަށް ގޯސްނުވާނެ ކަމަށް ހީކޮށް ބައިވެރިވީ ކަމަށް ވެސް އިރައޯލާ ބުންޏެވެ. އެހެންނަމަވެސް، ހީކުރި ގޮތާއި ހިލާފަށް އަނިޔާ އިތުރަށް ގޯސްވެފައިވާ ކަމަށް ވެސް އިރައޯލާ ފާހަގަކުރިއެވެ.

މިދިޔަ އޮގަސްޓް މަހުގައި ލީޑްސް ޔުނައިޓެޑުން ގާތްގަނޑަކަށް 26.9 މިލިއަން ޔޫރޯގެ އަގަކަށް ބޯންމައުތު ބަދަލުވި، އެޑަމްސް ވަނީ ކުރީން ޖަރުމަނުގެ އާރްބީ ލީޕްޒިގަށް ވެސް ކުޅެފައެވެ. ބޯންމައުތުގެ ޖާޒީގައި މިހާތަނަށް އެންމެ ހަތަރު މެޗު ކުޅެފައިވާ އެޑަމްސް ވަނީ ގައުމީ ޓީމަށް ކުޅެދިން 42 މެޗުގައި ދެ ލަނޑުޖަހައިފައެވެ.

އައު ސީޒަނުގައި ބޯންމައުތު އެންމެ ފުރަތަމަ ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި އަންނަ އޮގަސްޓް މަހުގެ 17 ވަނަ ދުވަހު ނިކުންނާނީ ރަށުން ބޭރުގައި ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށެވެ.