ޚަބަރު

މިދުވަސްވަރު މޫދު ކުޅިވަރުތައް ނުހިންގެވުމަށް އިލްތިމާސްކޮށްފި


މިދުވަސްވަރަކީ ރާއްޖޭގެ މޫސުން ގޯސްވެ، ކަނޑުގަދަ ދުވަސްވަރެއްކަމުން ޑައިވްކުރުމާއި އެހެނިހެން މޫދު ކުޅިވަރުތައް ރާވާހިންގާ ފަރާތްތަކުން މިދުވަސްވަރު އެފަދަ ކުޅިވަރުތައް ނުހިންގެވުމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއިން އިލްތިމާސްކުރައްވައިފިއެވެ. 

އެމްއެންޑީއެފުން ވިދާޅުވީ މޫސުން ގޯސްވެ ވިއްސާރަވުމުގެ ސަބަބުން ނުރައްކާތެރި ކަނޑުމަތީގެ ތަފާތު ގިނަ ހާދިސާތަކުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބެމުންދާކަމަށާއި، އެހެންކަމުން މިދުވަސްވަރު ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އިތުރު ދަތުރުތައް ނުރޭއްވެވުމަށް އިލްތިމާސްކުރައްވާކަމަށެވެ. އަދި ފަޅުތެރޭގައްޔާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރާއި ހަވާލުވެފައިވާ ފަރާތްތަކުންވެސް އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ދިޔަހިއްކުމަށް އިތުރަށް ސަމާލުކަންދިނުމަށްވެސް އެމްއެންޑީއެފުން އިލްތިމާސްކުރައްވައެވެ. 

img:http://s4.psmnews.mv/images/660x400/14634942720108.jpg|މޫސުން ގޯސްވުމުގެ ސަބަބުން މާލެ ސަރަޙައްދުގެ ކަނޑު ގަދަވެފައި / ފޮޓޯ: ޕީއެސްއެމް

އެމްއެންޑީއެފުން ވިދާޅުވީ، މިދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް، ކަނޑުގަދަ ވިއްސާރަ ދުވަސް ވަރަކަށްވެފައި، މޫސުމާބެހޭ އިދާރާއިން ރާއްޖެއަށް ވަރަށްބޮޑަށް މޫސުން ގޯސްވާނެކަމަށް ލަފާކުރާތީވެ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވެ، ދަތުރަށް ނިކުންނަން ޖެހިއްޖެ ހާލަތެއްގައި، ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ އިތުރުން، މުދާ އުފުލާ އުޅަނދުފަހަރުން ދޯންޏަށް މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ބަރުނުކުރެއްވުމަށް އިލްތިމާސްކުރައްވާކަމަށެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކުރިޔަށް އޮތް ސައުވީސްގަޑިއިރުވެސް ވިލާގަނޑުގައި ގަޑިއަކު 50 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވައެވެ. އެހެންކަމުން ރާއްޖޭގެ އެކި ހިސާބުތަކުގެ ކަނޑުތައް ގަދަވާނެކަމަށްވެސް އެއިދާރާއިން ލަފާކުރައްވައެވެ.