ކުޅިވަރު

އެވަޓަނުން ކިޔާ އަގު ނުދޭނަމަ ބްރަންތުވެއިޓް ނުވިއްކާނެކަމަށް ބުނެފި


އެވަޓަނުން ކިޔާ އަގު ނުދޭނަމަ މެންޗެސްޓާ ޔުނައިޓެޑަށް އެ ޓީމުގެ އިނގިރޭސި ޑިފެންޑަރު، ޖަރަޑް ބްރަންތުވެއިޓް ނުވިއްކާނެ ކަމަށް އެ ކްލަބުން ބުނެފިއެވެ.

އެމެރިކާގެ ދަ ފްރީޑްކިން ގްރޫޕް (ޓީއެފްޖީ) އިން އެވަޓަން ގަތުމަށް ކުރި މަސައްކަތް ނާކާމިޔާބުވިނަމަވެސް، މާލީގޮތުން ދަތިކަމެއް ނެތް ކަމަށާއި، އެހެންކަމުން އަވަސްއަރުވާލައިގެން އެ ކްލަބުގެ މުހިއްމު ކުޅުންތެރިން ވިއްކާލުމުގެ ވިސްނުމެއް ނެތް ކަމަށް ކަމަށް އެވަޓަނުން ވަނީ ބުނެފައެވެ.

ބްރަންތުވެއިޓް، 22، އަކީ މިވަގުތު އެންމެ ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ އިނގިރޭސި އެއް ޑިފެންޑަރެވެ. މިއާއެކު، އޭނާ ގަތުމަށް ކްލަބުތަކުން ދަނީ ފާރަލަމުންނެވެ.

އެވަޓަނުން ބްރަންތުވެއިޓްގެ ޓްރާންސްފާއާ ގުޅޭގޮތުން ދައްކާ ވާހަކައަކީ، އެފަދަ އުއްމީދީ ކުޅުންތެރިއެއް އަވަސް އަރުވާލައިގެން ވިއްކާލުމުގެ ބަދަލުގައި އެންމެ ފަހުން ކްލަބުތައް ބަދަލުކުރި ސެންޓްރަލް ޑިފެންޑަރުން ކަމަށްވާ، ހެރީ މެގުއާ އާއި ވެސްލީ ފޮފާނާ އަދި ޔޮޝްކޯ ގްވާޑިއޯލް ފަދަ ކުޅުންތެރިންގެ ޓްރާންސްފާ ފީއާ މެދު ވިސްނާލަންޖެހޭ ކަމަށެވެ.

ދާދިފަހުން އެވަޓަން ދޫކޮށް އެސްޓަން ވިލާ އަށް ބަދަލުވި، ބެލްޖިއަމްގެ މިޑްފީލްޑަރު، އަންދްރޭ އޮނާނާގެ ޓްރާންސްފާ އާއެކު ވެސް މުހިއްމު އިތުރު ކުޅުންތެރިން ވިއްކުމަށް އެ ޓީމަށް މަޖުބޫރުކަމެއް ނެތެވެ.

އަދި އިތުރު ކުޅުންތެރިން ވިއްކާލަންޖެހިއްޖެ ހާލަތެއްގައި އެންމެ ފުރަތަމަ ވިއްކާލަން ބޭނުންވާ ކުޅުންތެރިންގެ ލިސްޓުގެ އެންމެ ކުރީގައި ހިމެނެނީ، ޑޮމިނިކް ކެލްވާޓް-ލެވިން ފަދަ ކުޅުންތެރިން ކަމަށާއި، ބްރަންތުވެއިޓް ވިއްކާލާނީ އެންމެ ފަހުން ކަމަށް ވެސް މީޑިއާ ހަބަރުތައް ބުނެއެވެ.

މީގެއިތުރުން، ބްރަންތުވެއިޓް ވިއްކާލާނެ އޮތް ހަމައެކަނި ގޮތަކީ، އެވަޓަނުން ބޭނުންވާ އަގެއް އެހެން ކްލަބަކުން ދޭން އެއްބަސްވެވޭ ހާލަތެއްގައި ކަމަށް ވެސް އެވަޓަނުން ބުނެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ޔުނައިޓެޑުން ވަނީ ބްރަންތުވެއިޓް ގަތުމަށް އެވަޓަނަށް ބޯނަހާއެކު 43 މިލިއަން ޕައުންޑްގެ ބިޑަކާއި 50 މިލިއަން ޕައުންޑްގެ ބިޑެއް ހުށަހަޅާފައެވެ. އެކަމަކު، އެވަޓަނުން ވަނީ މި ދެ ބިޑު ވެސް އަނބުރާ ފޮނުވާލައިފައެވެ.