ޚަބަރު

ނެދަލެންޑްސްގެ ކުޅުންތެރިން ގެނައުމަށް ޔުނައިޓެޑުން މަސައްކަތްކުރުމަކީ އިއްތިފާގެއް: ޓެން ހާގް


ނެދަލެންޑްސްގެ ޑިފެންޑަރު، މަތައިސް ޑި ލިޓް ގެނައުމަށް މެންޗެސްޓާ ޔުނައިޓެޑުން މަސައްކަތްކުރަމުންދާ ކަމުގެ އަޑުތައް މީޑިއާގައި ގަދަވެފައިވާއިރު، އެކަން ޔަގީންކޮށްދެމުން އެ ޓީމުގެ ކޯޗު، އެރިކް ޓެން ހާގް ވަނީ އެ ކްލަބުން ނެދަލެންޑްސްގެ ކުޅުންތެރިންނަށް ޝައުގުވެރިވުމަކީ އިއްތިފާގެއް ކަމަށް ބުނެފައެވެ.

މި ފަހަރުގެ ސީޒަނަށް މިހާތަނަށް ޔުނައިޓެޑުން ސޮއިކުރި ދެ ކުޅުންތެރިންގެ ތެރެއިން އެއްކުޅުންތެރިއަކީ ނެދަލެންޑްސްގެ ފޯވާޑް، ޖޯޝުއާ ޒިރްކްޒީ އެވެ. ދެން އެ ޓީމަށް ސޮއިކުރީ ފްރާންސްގެ އުމުރުން 18 އަހަރުގެ ޑިފެންޑަރު، ލެނީ ޔޯރޯ އެވެ.

ޓެން ހާގް، 54، މަގާމާ ހަވާލުވިފަހުން ނެދަލެންޑްސްގެ ޓައިރެލް މަލާކިއާ އާއި ލޯނު އުސޫލުން ވައުޓް ވެގްހޯސްޓް ގެނައިއިރު، ހޮލެންޑް ލީގުގައި ކުޅެމުންއައި ބްރެޒިލްގެ ވިންގް، އެންތަނީ އާއި ލިސަންދްރޯ މާޓިނޭޒް އަދި އަންދްރޭ އޮނާނާ ވަނީ ގެނެސްފައެވެ.

ޔުނައިޓެޑްގެ ޑިފެންސުން މިވަގުތު ގެނައުމަށް މަސައްކަތްކުރާ ނެދަލެންޑްސްގެ ސެންޓްރަލް ޑިފެންޑަރު، ޑި ލިޓްއާ ގުޅޭގޮތުން ބުނީ، އެ ގައުމަށް ނިސްބަތްވާ ކުޅުންތެރިއަކަށްވުމުން ގެނައުމަށް މަސައްކަތްކުރަނީ ނޫން ކަމަށާއި، އެކަން ކުރަނީ އެންމެންގެ މަޝްވަރާއަށް ފަހުގައި ކަމަށެވެ. އަދި، އެއީ އިއްތިފާގެއް ކަމަށް ވެސް ޓެން ހާގް ބުންޏެވެ.

ޑި ލިޓް އަކީ އޭނާ އަށް ވަރަށް ރަނގަޅަށް އެނގޭ ކުޅުންތެރިއެއް ކަމަށާއި، މީގެކުރީން ވެސް ގެނައުމަށް މަސައްކަތްކޮށްފައިވާ ކުޅުންތެރިއެއް ކަމަށް ވެސް ޓެން ހާގްގެ ވާހަކައިގައި ވަނީ ފާހަގަކޮށްފައެވެ.

އަދި، ޔުނައިޓެޑުން ޓްރާންސްފާ ބާޒާރުގައި ކުޅުންތެރިން ހޯދުުމަށް ކަނޑައަޅައި، މަސައްކަތްފަށާފައިވަނީ އޭނާ ޗުއްޓީގައި ހުއްޓާ އެ ކްލަބުގެ ސްކައުޓިންގ އަދި ރެކްރޫޓްމަންޑް ޑިޕާޓްމަންޓުން ކަމަށް ވެސް ޓެން ހާގް ވަނީ ބުނެފައެވެ.

އެ ކްލަބުގެ ސީނިއާ ޓީމުގެ ކޯޗިންގެ ސްޓާފަށް ބެލިޔަސް މިވަގުތު ނެދަލެންޑްސް އަށް ނިސްބަތްވާ މީހުންގެ އަދަދު މަދެއް ނޫނެވެ. ދާދިފަހުން ވަނީ ކުރީގެ ފޯވާޑް، ރޫޑް ވެން ނިސްޓެލްރޫއީ އާއި ރެން ހާކޭ ވެސް ޓެން ހާގްގެ ކޯޗިންގ ޓީމާ ގުޅިފައެވެ.