ކޮންގޯގައި ހަލުވިކަމާއެކު ފެތުރެމުންދާ އިބޯލާ ރޯގާ ޖެހުނު މީހުންގެ ޢަދަދު 4،000 އަށްވުރެ މައްޗަށް ގޮސްފައިވާކަމަށް އެ ޤައުމުގެ ސަރުކާރުގެ ރަސްމީ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ދުނިޔޭގައި ދެވަނައަށް އެންމެ ބޮޑަށް ފެތުރޭ މި ރޯގާ އެއްވެސް މަޑުޖެހުމެއްނެތި ފެތުރެމުންދާއިރު، މިއީ ކޮންގޯގެ ތާރީޚުގައިވެސް ކުރިމަތިވި އެންމެ ނުރައްކާތެރި އިބޯލާގެ ބަލިމަޑުކަމެވެ.
ކޮންގޯގެ ސިއްޙަތާބެހޭ ވުޒާރާގެ އެންމެ ފަހުގެ ރިޕޯޓްތަކުން އެނގޭގޮތުގައި، މިދިޔަ މެއި މަހުން ފެށިގެން މިހާތަނަށް އިބޯލާގެ "ބުންޑިބުގްޔޯ" ބާވަތުގެ 4،053 ކޭސް ވަނީ ފެނިފައެވެ. މިއީ އިބޯލާގެ ބާވަތްތަކުގެ ތެރެއިން އެންމެ ނުރައްކާތެރި، ނަމަވެސް މަދުން ނޫނީ ނުފެންނަ ވައްތަރެވެ.މީގެ ތެރެއިން 1،850 މީހުން ވަނީ މި ބަލީގައި މަރުވެފައެވެ. މި ރޯގާ މިހާރު ވަނީ އެ ޤައުމުގެ ފަސް ޕްރޮވިންސެއްގެ 53 ސަރަޙައްދަކަށް ފެތުރިފައެވެ.
މި ނުރައްކާތެރި ޙާލަތާ ގުޅިގެން، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) ގެ ވެކްސިނާބެހޭ މާހިރުން ވަނީ މިހާރު ބޭނުންކުރުމުގެ ޙުއްދަ ދީފައިވާ ހަމައެކަނި އިބޯލާ ވެކްސިން ކަމަށްވާ "އަރވީބޯ"، އިންސާނުންގެ ހަށިގަނޑުގައި ފުޅާދާއިރާއެއްގައި ޓެސްޓުކުރުމަށް ލަފާދީފައެވެ. އާންމުކޮށް އިބޯލާގެ "ޒައިއަރ" ވައްތަރާ ދެކޮޅަށް ބޭނުންކުރާ މި ވެކްސިނަކީ ބުންޑިބުގްޔޯއާ ދެކޮޅަށްވެސް ކޮންމެވެސް މިންވަރެއްގެ ރައްކާތެރިކަމެއް ފޯރުކޮށްދީފާނެ ވެކްސިނެއް ކަމަށް ލެބޯޓްރީ ތަހުލީލުތަކުން ވަނީ ދައްކާފައެވެ.
ޖަނަވާރުން ބޭނުންކޮށްގެން ހެދި ތަހުލީލުތަކުން ދައްކާގޮތުގައި، މި ވެކްސިންގެ ސަބަބުން ބަލިޖެހިގެން މަރުވާ މީހުންގެ ޢަދަދު ވަރަށް ބޮޑަށް މަދުކުރުމުގެ ފުރުޞަތު އެބައޮތެވެ. ޑަބްލިއުއެޗްއޯ އިން މިހާރު ވަނީ މި ވެކްސިން އިންސާނުންގެ ގަޔަށް ޖަހައިގެން ޓެސްޓުކުރުމުގެ މަރުޙަލާތައް ފެށުމަށް ބާރުއަޅާފައެވެ.
ދުނިޔޭގެ ވެކްސިން އުފައްދާ ކުންފުނިތަކުގެ އިއްތިޙާދުގެ ޗީފް އެކްޒެކެޓިވް ސާނިއާ ނިޝްތާރު ވިދާޅުވީ، މިއީ ކޮންގޯގެ ތާރީޚުގައިވެސް ފެތުރުނު އެންމެ ބޮޑު ރޯގާ ކަމަށާއި، މި ވެކްސިންގެ ސަބަބުން މަރުވާ މީހުންގެ ޢަދަދު މަދުކުރެވިދާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ. ގަވީން މިހާރު ވަނީ ވެކްސިން ޓެސްޓުކުރުމަށް ބޭނުންވާ ވެކްސިން ޑޯޒްތަކުގެ ބައެއް ކޮންގޯއަށް ފޮނުވައިފައެވެ.
ނަމަވެސް، ކޮންގޯގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައާއި، ބަލި ދެނެގަތުން ލަސްވުމުގެ ސަބަބުން މި ބަލިމަޑުކަން ކޮންޓްރޯލްކުރުމަށް ސިއްޙީ މާހިރުންނަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. މާހިރުން ލަފާކުރާ ގޮތުގައި ބަލިޖެހިފައިވާ މީހުންގެ ހަޤީޤީ ޢަދަދު ރަސްމީ ތަފާސްހިސާބުތަކަށްވުރެ މާ ގިނަވުން އެކަށީގެންވެއެވެ.