ޚަބަރު

ފްރާންސްގެ ކޯޗު އޮންރީ ބޭނުންވަނީ އެޓޭކިން ފުޓްބޯޅަ ކުޅުވަން: ލަކަޒޭ


ފްރާންސްގައި މި މަހު ފަށާ އޮލިމްޕިކް ގޭމްސްގައި ވާދަކުރާ އެ ގައުމުގެ އޮލިމްޕިކް ފުޓްބޯޅަ ޓީމުގެ ކެޕްޓަން، އަލެކްސެންޑާ ލަކަޒޭ ބުނީ، ފްރާންސްގެ ކޯޗު ތިއެރީ އޮންރީ ބޭނުންވަނީ ގިނަވަގުތު ބޯޅަ ގެންގުޅެ، ސަޕޯޓަރުން ބަލާހިތްވާ ފަދަ އެޓޭކިންގ ފުޓްބޯޅަ ކުޅުވަން ކަމަށެވެ. އަދި އަމިއްލަ ގައުމުގައި ހުރިހާ ސަޕޯޓަރުންގެ ކުރިމަތީގައި ބާއްވާ ގޭމްސްއަކަށްވުމުން އެ ޓީމުން މެޑަލްއެއް ހޯދުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރާ ކަމަށް ވެސް ލަކަޒޭ ވަނީ ބުނެފައެވެ.

ލަކަޒޭ މިހެން ބުނީ، ފީފާ އަށް ދިން އިންޓަވިއުއެއްގައެވެ.

ލަކަޒޭ ވަނީ، އޭނާ ކުޅެން ފެށިއިރު މަގްބޫލް ކުޅުންތެރިއެއްގެ ގޮތުގައި ދެކެމުންއައި ކުރީގެ ލެޖެންޑް، ތިއެރީ އޮންރީގެ ކޯޗުކަމުގައި ފްރާންސްގެ އޮލިމްޕިކް ޓީމުގެ ކެޕްޓަންކަމުގެ ޒިންމާ ހަވާލުކުރުމުން ފަޚުރުވެރިވާ ކަމަށް ވެސް ބުނެފައެވެ.

އަދި އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި އޮލިމްޕިކް ގޭމްސްގެ ފުޓްބޯޅައިގައި ރަން މެޑަލް ހޯދުމަށްޓަކައި، ފްރާންސްގެ އޮލިމްޕިކް ފުޓްބޯޅަ ޓީމު އޮތީ ވަރަށް ބަދަހިކަމާއެކު އެކަމަށްޓަކައި ކެތްމަދުވެފައި ކަމަށް ވެސް ލަކަޒޭގެ ވާހަކައިގައި ފާހަގަކުރިއެވެ.

"އަހަރެމެންގެ އެންމެން މި މަސައްކަތްކުރަނީ އެއް އަޒުމެއްގައި، އެއް އަމާޒަކަށް ވާސިލްވުމަށް."

"ބޭނުމީ ގޯލްޑް މެޑަލް ހޯދަން،" ލަކަޒޭ ބުންޏެވެ.

ލަކަޒޭ ބުނީ، އަމިއްލަ ގައުމުގައި ބާއްވާ ގޭމްސް އަކަށް ވުމަކީ ހުރިހާ ކުޅުންތެރިންނަށް ލިބޭ އިތުރު މޯޓިވޭޝަނެއް ކަމަށެވެ.

ފްރާންސުން މިހާތަނަށް އޮލިމްޕިކް ގޭމްސްގެ ރަން މެޑަލް ހޯދާފައިވަނީ 1984 ވަނަ އަހަރު އެމެރިކާގެ ލޮސް އެންޖަލިސްގައި އޮތް ގޭމްސްގަ އެވެ. އަދި އެންމެ ފަހުން، 2020 ވަނަ އަހަރު ޖަޕާންގެ ޓޯކިއޯގައި ކުރިއަށްދިޔަ ގޭމްސްގައި ފްރާންސް ކެޓީ ގުރޫޕް ސްޓޭޖުންނެވެ.

މިފަހަރުގެ އޮލިމްޕިކް ގޭމްސްގެ ފުޓްބޯޅަ އިވެންޓްގައި ވާދަކުރާ ފްރާންސުން މި މަހުގެ 25 ވަނަ ދުވަހު ނިކުންނާނީ އެމެރިކާއާ ދެކޮޅަށެވެ. ފްރާންސާއި އެމެރިކާގެ އިތުރުން ގްރޫޕް އޭގައި ދެން އޮތީ ގިނީ އަދި ނިއު ޒިލޭންޑެވެ.