ޚަބަރު

ކިރްގިސްތާނު ބަލިކޮށް ލަންކާ ރޭންކިންގެ އެއްވަނައަށް


ރާއްޖޭގައި މިހާރު ކުރިއަށްދާ ކާވާ 20 އަހަރުން ދަށުގެ އަންހެން ވޮލީބޯޅަ މުބާރާތުގައި ކިރްގިސްތާނާއި ވާދަކޮށް ފަސް ސެޓު ކުޅެގެން މޮޅުވެ، ރޭންކިންގެ އެއްވަނަ މަގާމު ސްރީ ލަންކާއިން ހޯދައިފިއެވެ.

ސޯޝަލް ސެންޓަރުގައި ރޭ ލަންކާ އާއި ކިރްގިސްތާނު ބައްދަލުކުރި ފޯރިގަދަ މެޗު ލަންކާއިން ކާމިޔާބުކޮށްފައިވަނީ 3-2 ސެޓުންނެވެ. މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ފެނުނީ ވާދަވެރި ކުޅުމެކެވެ. މި ނަތީޖާއާއެކު މުބާރާތުގެ ސެމީ ފައިނަލުގައި ލަންކާ ބައްދަލުކުރަން ޖެހޭނީ ރޭންކިންގެ ހަތަރުވަނަ ހޯދާފައިވާ ރާއްޖެއާއެވެ.

މެޗުގައި ކިރްގިސްތާނުގެ ފެށުން ފެނުނީ ދަށްކޮށެވެ. އޭގެ ފައިދާ ނަގައިގެން ލަންކާއިން ވަނީ ލިބުނު ދަނޑިވަޅުތަކުގައި ގިނަ ހަމަލާތަކަކުން ޕޮއިންޓު ހޯދާފައެވެ. ފުރަތަމަ ސެޓު ލަންކާއިން ކާމިޔާބުކޮށްފައިވަނީ 25-16 އިންނެވެ. ފުރަތަމަ ސެޓު ދަށްކޮށް ދިޔަ ނަމަވެސް ދެވަނަ ސެޓުގައި ކިރްގިސްތާނުން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. ދެވަނަ ސެޓު ކިރްގިސްތާނުން ކާމިޔާބުކޮށްފައިވަނީ 19-25 އިންނެވެ.

ތިންވަނަ ސެޓަކީ މުޅި މެޗުގައިވެސް އެންމެ ވާދަވެރިކޮށް ފެނުނު އެއް ސެޓެވެ. ލަންކާ އާއި ކިރްގިސްތާނުން ވެސް މި ސެޓުގައި ބޮޑު ލީޑެއް ނެގުމުގެ ފުރުސަތެއް ނުލިބުނެވެ. ތިންވަނަ ސެޓު ކިރްގިސްތާނުން ކާމިޔާބުކޮށްފައިވަނީ 26-24 އިންނެވެ. ހަތަރުވަނަ ސެޓުގައި ލަންކާއިން ވަނީ އެނބުރި ކުޅުމުގެ ތެރެއަށް ވަދެ އަނެއްކާވެސް އެ ޓީމުގެ ފެންވަރު ދައްކާލާފައެވެ. މި ސެޓު ލަންކާއިން ކާމިޔާބުކޮށްފައިވަނީ 25-17 އިންނެވެ. ކޮންމެ ޓީމަކަށްވެސް ދެ ސެޓު ލިބުމާއެކު ނަތީޖާ ނެރުމަށް ކުޅުނު ފަސްވަނަ ސެޓު ލަންކާއިން ކާމިޔާބުކޮށްފައިވަނީ 10-15 އިންނެވެ.

މި ނަތީޖާއާއެކު މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ރޭންކިންގެ އެއްވަނަ ހޯދި ލަންކާ އާއި ހަތަރުވަނަ ރާއްޖެއާއެވެ. އަދި ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ރޭންކިންގެ ދެވަނަ އަދި ތިންވަނަ ޓީމެވެ. ދެ މެޗުވެސް ކުޅޭނީ ހޯމަ ދުވަހުއެވެ. މި ދެ މެޗުވެސް ޔެސް ޓީވީން ވަގުތުން ގެނެސްދޭގޮތަށް ވަނީ ހަމަޖެހިފައެވެ.