ޚަބަރު

ބަންގްލަދޭޝްގައި ކަރފިޔު އިޢުލާނުކޮށް އޮފީސްތައް ބަންދު ކޮށްފި


ބަންގްލްދޭޝްގައި ސަރުކާރު ވަޒީފާތަކަށް މީހުން ޢައްޔަން ކުރުމުގައި އަމަލު ކުރަމުންދާ ކޯޓާ ނިޒާމާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތައް ހުއްޓުވުމުގެ ނަމުގައި ކަރފިޔު އިޢުލާނުކޮށް, އޮފީސްތައް ބަންދު ކޮށްފިއެވެ. ކޮލެޖުތަކާއި ޔުނިވަރސިޓީތަކުގައި މަތީ ތަޢުލީމު ހާސިލު ކުރާ ދަރިވަރުން އިސްވެ ފަށާފައިވާ މުޒާހަރާތައް ރޫޅައިލުމަށް ފުލުހުން ބާރުގެ ބޭނުން ކުރަމުން ދިޔުމާ ގުޅިގެން މަރުވި މީހުންގެ ޢަދަދު ވަނީ 114އަށް އުފުލިފައެވެ.

މުޒާހަރާތައް ރޫޅައިލުމުގެ ގޮތުން ކަރފިޔު އިޢުލާނުކޮށް, ބަންގްލަދޭޝްގެ އަސްކަރިއްޔާގެ ސިފައިން ވަނީ މަގުތަކަށް ނިކުމެ ފޯރިމަރަން ފަށާފައެވެ. އެންމެ ގިނަ ޢަދަދެއްގެ ސިފައިން ހަރަކާތްތެރިވަމުން ދަނީ ވެރިރަށް ދާކާގެ މަގުތަކުގައެވެ. ކަރފިޔު އިޢުލާނު ކުރުމުގެ އިތުރުން ބަންގްލަދޭޝްގެ ސަރުކާރުން ވަނީ ހުރިހާ އޮފީސްތަކާއި މުވައްސަސާތައް ވެސް ބަންދު ކުރަން އަމުރު ކޮށްފައެވެ. އަދި, އާދީއްތައާއި ހޯމަ ދުވަހަކީ ބަންދު ދުވަސްތަކެއްގެ ގޮތުގައި ބޮޑުވަޒީރު ޝައިޚް ޙަސީނާގެ ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.

މުޒާހަރާ ކުރަމުންދާ ދަރިވަރުން ހުއްޓުވަން ފުލުހުން އަދިވެސް ދަނީ ބާރުގެ ބޭނުން ކުރަމުންނެވެ. މި ގޮތުން, ޖުލައި 20ވަނަ ދުވަހު ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި އިތުރު ހަތަރު މީހުން ވަނީ މަރުވެފައެވެ. މި ކުރިމަތިލުންތަކުގައި ޒަޚަމުވެފައިވާ މީހުންގެ ޢަދަދު އެތަކެއް ހާހަކަށް އުފުލިފައިވާ ކަމުގައި އެ ޤައުމުގެ މީޑިޔާތަކުން ރިޕޯޓު ކުރެއެވެ.

މުޒާހަރާގެ ބައިވެރިން ވަނީ ބަންގްލަދޭޝްގެ މެދުތެރޭގައި އޮންނަ ނޮރޮސިންގްދީ ޑިސްޓްރިކްޓުގައި ހުންނަ ޖަލެއް ފަޅައިލައި, އެ ތަނުގައި ތިބި ގައިދީންގެ ތެރެއިން 850 މީހުން މިނިވަކޮށް ދޫކޮށްލާފައެވެ. އަދި, އެ ތަނުގައި ހުޅުޖަހައި, ރޯކޮށްލާފައެވެ. ތަންތަނުގައި ހުޅުޖެހުމުގެ ގިނަ ހާދިސާތަކެއް ރިޕޯޓު ކުރަމުންދާ ކަމުގައި ބަންގްލަދޭޝްގެ ރިޕޯޓުތައް ބުނެއެވެ.

ހަމަނުޖެހުންތަކާއި މަރުވަމުންދާ ޢާންމުންގެ ޢަދަދާ މެދު ބައިނަލްއަޤުވާމީ މައިދާނުގައި ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ހަމަނުޖެހުންތަކާ ގުޅިގެން ބަންގްލަދޭޝް ސަރުކާރަށް ފާޑު ކިޔުންތައް އަމާޒު ކުރަމުންދާ ބައިނަލްއަޤުވާމީ ޖަމުޢިއްޔާތަކުގެ ތެރޭގައި އެމްނެސްޓީ އިންޓަރނޭޝަނަލް ހިމެނެއެވެ.

"މަރުވަމުންދާ މީހުންގެ ޢަދަދު އިތުރުވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް. މިއިން ދޭހަ ކޮށްދެނީ ތަފާތު ޚިޔާލުތަކުގެ މީހުންނާއި ސަރުކާރާ ދެކޮޅު މީހުންނަށް ބަންގްލަދޭޝްގެ ސަރުކާރުން އިޙުތިރާމު ނުކުރާ ކަން. އެ މީހުންނަށް އެއްވެސް ފުރުޞަތެއް ނުދޭ ކަން," ހަމަނުޖެހުންތަކާ މެދު ކަންބޮޑުވުން ފާޅު ކުރައްވަމުން އެމްނެސްޓީގެ އިސް އޮފިޝަލެއް ކަމުގައިވާ ބާބޫ ރާމް ޕާންތް ވިދާޅުވިއެވެ.

މިއީ, ވެރިކަމުގެ ހަތަރު ވަނަ ދައުރަކަށް ޖަނަވަރީ މަހު އިންތިޚާބުވެ ވަޑައިގެންނެވި ޝައިޚް ޙަސީނާގެ ސަރުކާރާ ދެކޮޅަށް މި ދައުރުގައި ފަށާފައިވާ މި ފަދަ އެންމެ ބޮޑު މުޒާހަރާތަކެވެ. މުޒާހަރާގެ ބައިވެރިން ކަންބޮޑުވުން ފާޅު ކުރަމުންދާ އެންމެ ބޮޑު މައްސަލައަކީ, އެ ޤައުމުގެ ޒުވާނުންނަށް އޮތް ވަޒީފާގެ ފުރުޞަތުތައް މަދުވުމެވެ. ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި ބަންގްލަދޭޝްގެ 170 މިލިޔަން މީހުންގެ އާބާދީގެ ތެރެއިން ފަސްބައިކުޅަ އެއްބައި މީހުންނަކީ ވަޒީފާ ނެތް މީހުންނެވެ.

ސަރުކާރު ވަޒީފާތަކަށް މީހުން ޢައްޔަން ކުރުމުގައި އަމަލު ކުރާ ކޯޓާ ނިޒާމާ ދެކޮޅަށް މުޒާހަރާ ކުރަން ފަށާފައި ވަނީ, ބަންގްލަދޭޝްގެ މިނިވަން ކަމަށް ކުރި ހަނގުރާމައިގެ ބައިވެރިންގެ ޢާއިލާތަކަށް ސަރުކާރު ވަޒީފާތަކުގެ 30 އިންސައްތަ ޚާއްޞަ ކުރުމަށް އެ ޤައުމުގެ ހައި ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ. އެ ނިިންމުމާ އެކު, ސަރުކާރު ވަޒީފާތަކުގެ ތެރެއިން ވަކި ބަޔަކަށް ޚާއްޞަ ކޮށްފައިވާ ވަޒީފާތަކުގެ ނިސްބަތް 50 އިންސައްތައަށް ވުރެ އިތުރުވިއެވެ. ބަންގްލަދޭޝްގެ ސުޕްރީމް ކޯޓުން އެ އަމުރު ބާޠިލު ކުރި ނަމަވެސް މުޒާހަރާތަކަށް ނިމުމެއް ގެނެސްފައެއް ނުވެއެވެ.

މުޒާހަރާތަކަށް ނިމުމެއް ގެނައުމުގެ ގޮތުން ޙަސީނާގެ ސަރުކާރުން ވަނީ ކޮލެޖުތަކާއި ޔުނިވަރސިޓީތައް ވެސް ބަންދު ކޮށްފައެވެ. އަދި, މޮބައިލް އިންޓަރނެޓުގެ ޚިދުމަތާއި ބޭރު ޤައުމުތަކަށް ފޯނު ކުރުމުގެ ޚިދުމަތްތައް ވެސް ހުރަސް އަޅާފައެވެ. މީގެ އިތުރުން, ޚަބަރު ފަތުރާ ގިނަ ނޫސްތަކުގެ ވެބްސައިޓުތަކާއި ސޯޝަލް މީޑިޔާ ވެސް އަޕްޑޭޓު ކުރުން ވެސް ވަނީ ހުއްޓައިލާފައެވެ.

ބަންގްލަދޭޝްގެ ދަޢުލަތުގެ މީޑިޔާ, ބީޓީވީން ގެނެސްދޭ ޚަބަރާއި މަޢުލޫމާތުގެ ޕުރޮގުރާމުތައް ވަނީ ހުއްޓައިލާފައެވެ. އަދި, ހެކަރުންގެ ބަޔަކު ވަނީ މަރުކަޒީ ބޭންކާއި ބޮޑުވަޒީރުގެ އޮފީހުގެ އިތުރުން ފުލުހުންގެ ވެބްސައިޓް ހެކުކޮށް, "މިހާރު މިއީ މުޒާހަރާއެއް ނޫން. މިހާރު މިއީ ހަނގުރާމައެއް" ކަމަށް އިންޒާރުކޮށް މެސެޖެއް ޝާއިޢު ކޮށްފައެވެ.