ޚަބަރު

ވިއްސާރައިގައި ރާއްޖޭގެ އެކި ރަށްރަށަށް ބޮޑެތި ގެއްލުންތަކެއް


ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކުރިޔަށް އޮތް ސައުވީސްގަޑިއިރުވެސް ވިލާގަނޑުގައި ގަޑިއަކު 50 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވައެވެ. އެހެންކަމުން ރާއްޖޭގެ އެކި ހިސާބުތަކުގެ ކަނޑުތައް ގަދަވާނެކަމަށްވެސް ލަފާކުރައްވައެވެ.

މޯލްޑިވްސް މީޓިއޮރިލިކަލް ސަރވިސް އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކޯސްޓް ގާރޑުން ގެންދަވަނީ، ކަނޑުދަތުރުތައް ފެށުމުގެ ކުރިން މޫސުމަށް ސަމާލުވުމަށާއި ދަތުރާ ޙާލަތުގައިވެސް ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތައް ރަނގަޅަށް އަޅައިގެން ނޫނީ ދަތުރުނުކުރުމަށް ލަފާދެއްވަމުންނެވެ.

img:http://s2.psmnews.mv/images/660x400/14636531294973.jpg|އެމްއެންޑީއެފުން، ފޮނަދޫގައި ފެން ހިއްކުމުގެ މަސައްކަތް ކުރަނީ- ފޮޓޯ: އެމްއެންޑީއެފް

ރާއްޖެއަށް މިހާރު ކުރަމުންގެންދާ ވިއްސާރައިގައި އެކި ރަށްރަށަށް އެކި ވަރުގެ ގެއްލުންތައް ދަނީ ލިބެމުންނެވެ. އެގޮތުން 12 ރަށަކަށް އެކި ވަރުގެ ގެއްލުންލިބިފައިވާކަމުގެ މަޢުލޫމާތު އެ ސެންޓަރަށް ރިޕޯޓްކޮށްފައިވާކަމަށް ޑިޒާސްޓަރ މެނޭޖްމެންޓުން މަޢުލޫމާތުދެއެވެ.

img:http://s4.psmnews.mv/images/660x400/14636527453908.jpg|ވިއްސާރައިގެ ސަބަބުން ބައެއް ރަށްރަށަށް ލިބިފައިވާ ގެއްލުންތައް-

ތ ތިމަރަފުއްޓާއި ދ. ކުޑަހުވަދޫގައި ފެންބޮޑުވެ ގެއްލުންތައް ވަމުންދާތީ އެރަށްތަކުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ސިފައިން ދަނީ ޙަރަކާތްތެރިވަމުންނެވެ. އަދި އެމްއެންޑީއެފް ސެންޓްރަލް އޭރިއާއަށް ނިސްބަތްވާ، އެ ސަރަޙައްދުގެ އެހެން ރަށްތަކަށްވެސް ސިފައިންދަނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންނެވެ.

ތިމަރަފުއްޓާއި، ދ.ކުޑަހުވަދޫގައި، ފެންބޮޑުވެފައިވާ މަގުތަކުގައި ކޯރު ކެނޑުމުގެ މަސައްކަތް ސިފައިން މިހާރު ކުރަމުންދާއިރު، އެރަށްތަކުގެ މަގުތަކުގައި ހެދިފައިވާ ފެންގަނޑު ހިއްކުމުގެ މަސައްކަތް ޕަންޕުގެ އެހީގައި ސިފައިން ދަނީ ކުރައްވަމުންނެވެ. އަދި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ގެއްލުން ލިބެމުންދާ ބައެއް ގެތަކުގެ ކައިރީ ވެލި ބަސްތާ ޖެހުންފަދަ މަސައްކަތްތައްވެސް ކުރަމުންދާކަމަށް އެމް.އެންޑީއެފުން މަޢުލޫމާތުދެއެވެ.

img:http://s4.psmnews.mv/images/660x400/14636528390111.jpg|ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން ގެއަކަށް ފެން ވަދެފައި- ފޮޓޯ: އެމްއެންޑީއެފް

ބޯކޮށް ވާރޭވެހި ބައެއް ގޭގެއަށް ފެންވަދެ ހިފައި ގެންގުޅޭ ތަކެއްޗަށް ބައެއް ގެއްލުންތައް ވަމުންދާއިރު، އެރަށްރަށުގެ ބައެއް ސްކޫލުތަކާއި ދައުލަތުގެ އޮފީސްފަދަ ތަންތަނަށްވެސް ދަނީ ފެންވަދެ ގެއްލުންތައް ވަމުންނެވެ. މީގެ އިތުރުން ރޭ ކުރި ވިއްސާރައިގައި އައްޑޫސިޓީގެ 7 ގެއެއްގެ ފުރާޅު ވަނީ އެއްލާލާފައެވެ. އައްޑޫސިޓީއަށް ވައިގަދަވުމުގެ ސަބަބުން ހިތަދޫގެ 4 ގެއަކާއި ފޭދޫގެ 3 ގެއެއްގެ ފުރާޅުގެ ބައެއް ޓިނުތައް އެއްލާލައި ގެއްލުންތަކެއް ލިބިފައިވާކަމަށް އެމްއެންޑީއެފާއި ފުލުހުން ވިދާޅުވެއެވެ.

img:http://s1.psmnews.mv/images/660x400/14636529913853.jpg|ވިއްސާރައިގެ ސަބަބުން ބައެއް ރަށްރަށަށް ލިބިފައިވާ ގެއްލުންތައް-

އެމްއެންޑީއެފުން ވިދާޅުވީ، ފުރާޅު އެއްލާލުމުގެ ސަބަބުން އެކިގެއަށް އެކިވަރުގެ ގެއްލުން ލިބިފައިވާކަމަށާއި، ނެއްޓިފައިވާ ފުރާޅުގެ ޓިނުތައް، އެމްއެންޑީއެފްގެ ސަދަން އޭރިޔާގެ ސިފައިންގެ އެހީތެރިކަމާއެކު ހަރުކޮށް މަރާމާތުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. މީގެ އިތުރުން ތިނަދޫގައި ފެންބޮޑުވުމުގެ ސަބަބުން ފެން ހިއްކުމާއި ވެލިބަސްތާ ޖެހުމުގައި ސިފައިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށްވެސް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ. މި ވިއްސާރައިގައި ނ ލަންދޫގައި ފެންބޮޑުވެ 10 ގެއަކަށް ފެންވަދެފައިވާކަމަށް އެރަށު ކައުންސިލުން މައުލޫމާތުދެއެވެ. އަދި މީގެ އިތުރުން މާލެއަށްކުރި ވިއްސާރައިގައި ރޭ މާލޭގެ މަގުތަކުގައިވެސް ފެންބޮޑުވެފައިވެއެވެ.

img:http://s3.psmnews.mv/images/660x400/14636529354961.jpg|ވިއްސާރައިގައި ވައިގަދަވުމުގެ ސަބަބުން ގަހެއް ވެއްޓިފައި-

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ލ.އަތޮޅު ފޮނަދުއާއި، ގަމާއި، މާންދޫގެ އިތުރުން މާވަށުގައިވެސް އިއްޔެ ފެންބޮޑުވުމުގެ ސަބަބުން އެރަށްރަށުގައިވެސް ފެންހިއްކާ ވެލިބަސްތާ ޖެހުމުގައި ފުލުހުންނާއި ސިފައިން ވަނީ ޙަރަކާތްތެރިވެފައެވެ. މި ވިއްސާރައިގައި ތ. އަތޮޅު ހިރިލަންދުއާއި ވޭމަންޑުއާއި ތ. ވަންދުއާއި ތ. އޮމަދުއާއި ތިމަރަފުށީގައިވެސް ފެންބޮޑުވުމާ ގުޅިގެން ފުލުހުންނާއި ސިފައިން ވަނީ އެރަށްރަށަށް އެހީތެރިކަން ފޯރުކޯށްދީފައެވެ.

img:http://s3.psmnews.mv/images/660x400/14636527921016.jpg|ވިއްސާރައިގެ ސަބަބުން ރަށެއްގައި ފެންބޮޑުވެފައި-

ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް އެކިރަށްރަށުގައި ޙާދިސާތައް ހިނގަމުންދާތީ ކުރިއަށް އޮތް ގަޑިތަކުގައިވެސް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.