އެތުލެޓިކޯ މެޑްރިޑަށް ކުޅެމުންއަންނަ ސްޕެއިނުގެ ފޯވާޑް، އަލްވާރޯ މޮރާޓާ، އިޓަލީގެ އޭސީ މިލާނަށް ބަދަލުވެއްޖެއެވެ.
މޮރާޓާ، 31، މިލާނަށް ބަދަލުވީ ހަތަރު އަހަރުދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އެތުލެޓިކޯ އިން މޮރާޓާ ވިއްކާލަން އެއްބަސްވީ، އޭނާގެ ކޮންޓްރެކްޓް އުވާލަން ބޭނުންވާ ރިލީޒް ކްލޯޒް ކަމަށްވާ، 13 މިލިއަން ޔޫރޯ، މިލާނުން ދައްކަން އެއްބަސްވުމުންނެވެ.
މީގެ ފަސް އަހަރުކުރީން، 65 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީ އަކަށް އެތުލެޓިކޯ އަށް ބަދަލުވެ މިހާތަނަށްއައިއިރު މޮރާޓާ ވަނީ، އެ ޓީމަށް ކުޅެދިން 154 މެޗުގައި 58 ލަނޑުޖަހައިފައެވެ.
އެންމެ ފަހުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްޕެއިނުން ޗެމްޕިއަންކަން ހޯދިއިރު އެ ޓީމުގެ ކެޕްޓަންކަން ކުރީ މޮރާޓާ ވަނީ އެ މުބާރާތުގައި ރަނގަޅު ކުޅުމެއްދައްކާފައެވެ. އޭނާ ވަނީ ސްޕެއިނަށް މިހާތަނަށް ކުޅުނު 80 މެޗުގައި 36 ލަނޑުޖަހައިފައެވެ.
ދުނިޔޭގެ ފުޓްބޯޅައިގެ ވަރުގަދަ ކްލަބުތަކަށް ކުޅެފައިވާ މޮރާޓާގެ ކެރިއަރު ފެށީ ސްޕެއިނުގެ ރެއާލް މެޑްރިޑުންނެވެ. އެއަށްފަހު ޔުވެންޓަސް އާއި ޗެލްސީ އަށް ވަނީ ކުޅެފައެވެ. މުޅިއެކު ދެ ފަހަރުމަތީން ޔުވެންޓަސް އަށް ކުޅެފައިވާއިރު، އެންމެ ކާމިޔާބު ދުވަސްތައް ހޭދަކުރީ ރެއާލްގައި ވަނީ ޗެމްޕިއަންސް ލީގާއި، ސްޕެނިޝް ލީގުގެ އިތުރުން ފީފާ ކްލަބް ވޯލްޑް ކަޕާއި، ޔުއެފާ ސުޕަ ކަޕް އެއްފަހަރު އަދި ކޮޕާ ޑެލް ރޭ ދެ ފަހަރު ކާމިޔާބުކޮށްފައެވެ.
ޔުވެންޓަސް އާއެކު ދެ ފަހަރު އިޓަލިއަން ލީގުގެ ޗެމްޕިއަންކަން ހޯދައި، ތިން ފަހަރު ކޮޕާ އިޓާލިއާ ކާމިޔާބުކޮށްފައިވާއިރު ޗެލްސީ އިން ޔުރޮޕާ ލީގާއި، އެފްއޭ ކަޕް ކާމިޔާބުކުރި ޓީމުގައި ހިމެނުނެވެ.