ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) 20 އަހަރުން ދަށުގެ އަންހެން ވޮލީބޯޅަ މުބާރާތުގައި ކިރްގިސްތާނު ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބުކޮށްފިއެވެ.
ދެވަނަ މެޗުގައި އެ ޓީމު ބައްދަލުކުރީ ނޭޕާލާއެވެ. އެ މެޗު ކިރްގިސްތާނު ކާމިޔާބުކޮށްފައިވަނީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް އެ ޓީމުން ކާމިިޔާބުކޮށްފައިވަނީ 25-27، 23-25 އަދި 17-25 އިންނެވެ.
ފުރަތަމަ ސެޓު ފަށައިގެން ނޭޕާލުން ރަނގަޅަށް ކުޅެމުން ދިޔަ ނަމަވެސް ކިރްގިސްތާނުން ވަނީ ސެޓުގެ މެދު ތެރެއިން ލީޑު ނަގާފައެވެ. ކިރްގިސްތާނުން މެޗުގެ ފުރަތަމަ ސެޓު ކާމިޔާބުކޮށްފައިވަނީ 25-27 ގެ ނަތީޖާއަކުންނެވެ. ދެވަނަ ސެޓުގެވެސް ފެށުން ފެނުނީ ވާދަވެރިކޮށެވެ. ނޭޕާލުން މި ސެޓު ހޯދުމަށް ވަރަށް މަސައްކަތްކުރި ނަމަވެސް ކިރްގިސްތާނުން ވަނީ 23-25 ގެ ނަތީޖާއަކުން މި ސެޓު ކާމިޔާބުކޮށްފައެވެ.
މެޗުގެ ފަހު ސެޓުގައި ކިރްގިސްތާނުން ބޮޑު ލީޑެއް ނަގާ ހަމަޖެހިލިނަމަވެސް ނޭޕާލުން އެންމެ ފަހު ވަގުތާ ޖެހެންދެންވެސް ދިޔައީ ކިރްގިސްތާން ޓީމަށް ޕްރެޝަރުކޮށްފައެވެ. ވާދަވެރި ކުޅުމަކަށްފަހު މެޗުގެ ފަހު ސެޓު ކިރްގިސްތާނުން ކާމިޔާބުކޮށްފައިވަނީ 17-25 ގެ ނަތީޖާ އަކުންނެވެ.
މުބާރާތުގައި މިއަދު ކުޅޭނީ ތިންވަނަ ދުވަހުގެ މެޗުތަކެވެ. ފުރަތަމަ މެޗުގައި މިއަދު ހަވީރު ބައްދަލުކުރާނީ ނޭޕާލާއި ރާއްޖެއެވެ. ދެވަނަ މެޗުގައި މިރޭ ބައްދަލުކުރާނީ ސްރީލަންކާ އާއި ކިރްގިސްތާނެވެ. މި ދެ މެޗުވެސް ޔެސް ޓީވީން ވަގުތުން ގެނެސްދޭގޮތަށް ވަނީ ހަމަޖެހިފައެވެ.