ޚަބަރު

ދެ ގަޑިއިރުތެރޭ ވޯޓުލީ 669 މީހުން


  • މި އިންތިޚާބުގައި 13،112 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބޭ

  • ވޯޓުލާފައިވަނީ 5.1 އިންސައްތަ މީހުން

މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްގެ ބައި-އިލެކްޝަންތަކުގައި ފުރަތަމަ ދެ ގަޑިއިރު ތެރޭގައި 669 މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އެ ކޮމިޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މި އިންތިޚާބުގައި 13،112 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބެއެވެ. މީގެ ތެރެއިން މިހާތަނަށް ވޯޓުލާފައިވަނީ 5.1 އިންސައްތަ މީހުންނެވެ. އެއީ 234 އަންހެނުންނާއި 435 ފިރިހެނުންނެވެ.

ބައި އިލެކްޝަނުގެ ވޯޓުލުން މިއަދު ހެނދުނު 8:00 ފަށާފައިވާއިރު ގަޑިއަށް ވޯޓުލުން ފަށާފައިވަނީ 25 ފޮށީގެ ތެރެއިން 18 ފޮށީގައެވެ. މާލޭގެ 7 ފޮއްޓެއްގައި ވޯޓުލާން މީހުން ނުދިއުމުގެ ސަބަބުން ގަޑިއަށް ވޯޓުލުން ފެށިފައެއް ނުވެއެވެ.

މި އިންތިޚާބުގައި ވޯޓުލުން ކުރިއަށްދަނީ މާލެ ސިޓީ، ކުޅުދުއްފުށި ސިޓީ، ރ. ރަސްމާދޫ އަދި ފ. ބިލެތްދޫ ކައުންސިލްގެ ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިޚާބު ކުރުމަށެވެ.

ވޯޓުލުން ކުރިއަށްދާ ދާއިރާތައް:

• ހެންވޭރު ހުޅަނދު ދާއިރާ
• މައްޗަންގޮޅި މެދު ދާއިރާ
• ހުޅުމާލެ ދާއިރާ
• ކުޅުދުއްފުށި އުތުރު ދާއިރާ
• ރަސްމާދޫ އަންހެނުންނަށް ހާއްސަ ކޮށްފައިވާ ގޮނޑި
• ބިލެތްދޫ ކައުންސިލްގެ ރައީސް

ވޯޓުލުން ކުރިއަށްދާނީ މިއަދު ހަވީރު 4:00 އާ ހަމައަށެވެ.