ޚަބަރު

އައު އުސޫލާއެކު ޕޯލްޓަރީ ފާމަށް ބިން ނަގާފަތިބި ފަރާތްތަކާއެކު ދަނީ އެހެން އެއްބަސްވުމަކަށް: ނިޒާރު


  • އުސޫލުގެ ދަށުން ބިން ދޫކުރަނީ ދެ ގިންތިއަކަށް ބަހާލައިގެން

އެއްގަމުމަހާއި ކަނޑުމަހުގެ ބާވަތްތަކާއި ޕޯލްޓަރީ ފާމް ހިންގުމަށް ބިން ދޫކުރުމުގެ އުސޫލަށް އަމަލުކުރިޔަސް ކުރިން ބިން ނެގި ފަރާތްތަކަށް އައު އެއްބަސްވުމަކަށް ދިޔުމުގެ ފުރުޞަތު އޮންނާނެ ކަމަށް އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

މަހުގެ ބާވަތްތަކާއި ޕޯލްޓަރީ ފާމް ހިންގުމުގެ އައު އުސޫލު އައްޑޫސިޓީ ކައުންސިލުން ވަނީ އެކުލަވާލާފައެވެ. އަދި އުސޫލަށް އަމަލުކުރަން ފަށާފައިވަނީ މި ޖުލައި މަހުގެ 10 ވަނަ ދުވަހުން ފެށިގެންނެވެ.

އުސޫލުގެ ދަށުން ބިން ދޫކުރަނީ ދެ ގިންތިއަކަށް ބަހާލައިގެންނެވެ. އެއީ ބީލަމުގެ އުސޫލަށް ނުފެތޭގޮތަށް ދޫކުރާ ބިމާއި ބީލަމުގެ އުސޫލުން ދޫކުރާ ބިމެވެ. ބީލަމުގެ އުސޫލަށް ނުފެތޭގޮތަށް ދޫކުރާ ބިމުގެ ކުއްޔަކީ އަކަފޫޓަކަށް 30 ލާރިއެވެ. އަދި ދޫކުރަނީ 5،000 އަކަފޫޓަށްވުރެ ބޮޑު ނޫން ބިންތަކެވެ.

އެ ގިންތީގެ ބިމަށް އެދި ހުށަހެޅޭނީ އައްޑޫސިޓީގައި ރަށްވެހިވެފައިވާ މީހުންނަށެވެ. އަދި ދޫކުރެވޭނީ ކޮންމެ މީހަކަށް ގިނަވެގެން 1 ބިމެވެ. މީގެއިތުރުން އުސޫލުގެ ދަށުން ބީލަމަށް ހުޅުވާ ނުލާ 3 އަހަރުގެ ދުވަހުގެ މުއްދަތަށް ނުވަތަ އެއަށްވުރެ ކުރު މުއްދަތަށް ބިން ދޫކުރެވިދާނެ ކަމަށް އުސޫލުގައިވެއެވެ.

ބީލަމުގެ އުސޫލުން ބިން ދޫކުރަން ކަނޑައަޅާފައިވާ 4 ގިންތިއަކަށް ބަހާލައިގެންނެވެ.

އެގޮތުން:
1-10،000 އަކަފޫޓުގެ ބިމަކަށް ތިރީސް ފަސް ލާރި
10،001-30،000 އަކަފޫޓުގެ ބިމަކަށް ފަންސަވީސް ލާރި
30،001-50،000 އަކަފޫޓުގެ ބިމަކަށް ވިހި ލާރި
50،001 އަކަފޫޓުން މަތީގެ ބިމަކަށް ފަނަރަ ލާރި

މި ގިންތީގެ ދަށުން ކުރިމަތިލެވޭނީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރީތަކަށެވެ. އޭގެ ތެރޭގައި އަމިއްލަ ފަރުދުންގެ ވިޔަފާރި، ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމެންޓް އަދި ކޯޕަރޭޓިވް ސޮސައިޓީތައް ހިމެނޭކަމަށް އުސޫލުގައިވެއެވެ.

މި އުސޫލަށް އަމަލުކުރަން ފެށުމުގެ ކުރިން ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން މުއްދަތު ހަމަނުވާ އެއްބަސްވުންތައް، އުސޫލަށް އަމަލުކުރަން ފަށާތާ 3 މަސް ދުވަހުގެ ތެރޭގައި ބާތިލްވާނެ ކަމަށް ވަނީ ބުނެފައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރު ވިދާޅުވީ އުސޫލަށް އަމަލުކުރަން ފަށާތާ 3 މަސް ދުވަހުގެ ތެރޭގައި ބާތިލްވާނެ ކަމަށް ބަޔާންކޮށްފައިވީނަމަވެސް މިހާރު ބިން ދޫކޮށްފައިވާ މީހުންގެ އަތުން ބިންތައް ނުނަގާނެކަމަށެވެ. އަދި މަހުގެ ބާވަތްތަކާއި ޕޯލްޓަރީ ފާމް ހިންގުމުގެ އައު އުސޫލާއެކު ބިން ކުރިން ނެގި ފަރާތްތަކަށް އައު އެއްބަސްވުމަކަށް ދިޔުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

އެއްގަމުމަހާއި ކަނޑުމަހުގެ ބާވަތްތަކާއި ޕޯލްޓަރީ ފާމް ހިންގުމުގެ ބޭނުމަށް ބިން ދޫކުރުމުގެ އުސޫލުގައިވަނީ ދޫކުރެވޭ ބިން އެހެން ފަރާތަކަށް ކުއްޔަށް ދިނުން ނުވަތަ ކައުންސިލްގެ ހުއްދަނެތި އެ ބިމުގައި ކުރެވޭ އިންވެސްޓްމަންޓް ވިއްކާލުން ފަދަ ކަމެއް ކޮށްފިނަމަ އެއްވެސް ބަދަލެއް ދިނުމަކާނުލައި އެ ބިން އެމީހެއްގެ ކިބައިން ވަކިކުރެވޭނެއެވެ. އަދި އެ މީހެއް 1000 ރުފިޔާ އާއި 5000 ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ އިޚްތިޔާރް ކައުންސިލަށް އޮންނާނެއެވެ.