ޚަބަރު

ފަލަސްޠީނު މައްސަލައިގަ އައިސީޖޭގެ ފަނޑިޔާރުން ނެރުއްވި އިރުޝާދީ ލަފަޔަށް ރައީސްގެ މަރުޙަބާ


ފަލަސްޠީނުގެ މުސްލިމުން އަޅުވެތި ކުރުމާއި އެ މީހުންނާ މެދު އަމަލު ކުރަމުންދާ ލާއިންސާނީ ސިޔާސަތުތަކަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު ސިޔާސަތުތަކެއް ކަމަށް ކަނޑައަޅައި އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް، އައިސީޖޭގެ ފަނޑިޔާރުން ނެރުއްވި އިރުޝާދީ ލަފަޔަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.

އައިސީޖޭގެ ލަފަޔަށް ރައީސުލްޖުމްހޫރިޔާ މަރުޙަބާ ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އައިސީޖޭގެ ލަފަޔާއެކު އިސްރާއީލުން ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެ ބައިނަލްއަޤްވާމީ ޤާވާއިދުތަކާއި ޤާނޫނުތަކާއި ޚިލާފުވެގެން ތިބިކަމާއި މިނިވަންދަޢުލަތެއް އުފެއްދުމުގެ އުންމީދު އާވެގެންދާކަމަށެވެ.

ރައީސް ވަނީ އިސްރާއީލުން ޤާނޫނާ ޚިލާފަށް ކުރިއަށްގެންދާ ވަޒަންވެރިކުރުވުމުގެ ސިޔާސަތުތަކަށް ވަގުތުން ނިމުން ގެނެސް، ބޭނުންކުރާ ނަހަމަ އުޞޫލުތަކާއި ތަފާތުކުރުމުގެ އަމަލުތަކުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށް ގޮވާލައްވާފައެވެ.

މީގެ އިތުރުން ފަލަސްޠީނު މައްސަލައަށް ދެމެހެއްޓެނިވި ޙައްލެއް ހޯދޭނީ 1967ގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް އެކުލެވިފައިވާ، އިރުމަތީ ޤުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައެޅިފައިވާ މިނިވަން އަދި މުސްތަޤިއްލު ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރެވިގެންކަމަށްވާތީ މި ލަފާޔާއެކު އެކަމުގެ އުންމީދު އައުވެފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ފަލަސްޠީނުގެ މުސްލިމުން އަޅުވެތި ކުރުމާއި އެ މީހުންނާ މެދު އަމަލު ކުރަމުންދާ ލާއިންސާނީ ސިޔާސަތުތަކަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު ސިޔާސަތުތަކެއް ކަމަށް ކަނޑައަޅައި, ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް މުސްލިމުންގެ ބިމުގެ ޤުދުރަތީ ވަސީލަތްތަކުން ޔަހޫދީން ނަފާ ހޯދަމުންދާ ކަމުގައި އދގެ އެންމެ މަތީ ކޯޓު, އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)ން ވަނީ ކަނޑައަޅާފައެވެ. ދުނިޔޭގެ ކޯޓުގެ ފަނޑިޔާރުން ނެރެއްވި އިރުޝާދީ ލަފާގައި ބުނެފައި ވަނީ, ބައިނަލްއަޤުވާމީ ޤާނޫތަކާއި, ޖެނީވާ ކޮންވެންޝަންގެ އިތުރުން އދގެ ޗާޓަރާ ޔަހޫދީން ޚިލާފުވެފައިވާ ކަމުގައެވެ.

ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަތުމާއި, މުސްލިމުން އަޅުވެތި ކުރުން ބަލައިގަތުމާއި އެ ކަމަށް ތާޢީދު ކުރުން ހުއްޓައިލުމަށް ވެސް އައިސީޖޭގެ ފަނޑިޔާރުން ވަނީ ބައިނަލްއަޤުވާމީ މުޖުތަމަޢަށް ގޮވައިލައްވާފައެވެ. އަދި, ފަަލަސްޠީނުގެ މުސްލިމުން އަޅުވެތި ކުރުމުގެ ގޮތުން ޔަހޫދީން އެ މީހުންގެ މައްޗަށް ހިންގަމުންދާ ސިޔާސަތުތަކާއި, ކުރިމަތި ކުރަމުންދާ ފިއްތުންތަކާއި ހުރަސްތަކަކީ ނިޒާމީ އަޅުވެތި ކަމުގެ ދަށުން ހިންގަމުންދާ ތަފާތު ކުރުމުގެ ކުށެއްގެ ގޮތުގައި ވެސް އައިސީޖޭގެ ފަނޑިޔާރުން ނެރުއްވި އިރުޝާދީ ލަފާގައި ސިފަ ކުރެއްވިއެވެ.