ޚަބަރު

ރައީސް ވިދާޅުވީ ކައުންސިލަރުންގެ ޢަދަދު މަދުކޮށްގެންވެސް މާ ރަނގަޅު ޚިދުމަތްތަކެއް ދެވޭނެކަމަށް!


  • ރައީސް ހުށައެޅުއްވީ ތިންހާހުން ދަށުގެ އާބާދީއަށް 3 ކައުންސިލަރުން

  • ތިން ހާހުން މަތީގެ އާބާދީިއަށް 5 ކައުންސިލަރުން

  • ނަމަވެސް ގޮތެއް ނިންމާނީ ދިރާސާތަކަށްފަހު

ކައުންސިލަރުންގެ ޢަދަދު މަދުކޮށްގެންވެސް ރަނގަޅު ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދެވިދާނެކަމަށް ވިދާޅުވެ، ލާމަރުކަޒީ ނިޒާމަށް ގެނަން ފެނިވަޑައިގަންނަވާ ބަދަލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހިއްސާކުރައްވައިފިއެވެ. އެމަނިކުފާނު އެކަން ހިއްސާކުރެއްވީ، "ނާރެސް" ޕޯޓަލް އިފްތިތާޙްކުރުމަށާއި، އޮޕަރޭޝަން "ކުރަނގި" ފޭސް 2 ފެށުމަށް ދަރުކާރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ލާމަރުކަޒީ ނިޒާމު މިހާރު ތަންފީޒްވެފައި އޮތީ ވަރަށް ބޮޑު އަދި ބުރަހެލިކޮށްކަމަށެވެ. ކައުންސިލްތަކުގެ ސައިޒު ބޮޑުވެ އެންމެ ރަނގަޅަށް އެ ނިޒާމު ނުހިނގާކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކައުންސިލަރުން އިންތިޚާބުކުރެވި ކައުންސިލްތައް އެކުލެވޭގޮތަށް ބަދަލުތަކެއް ގެނަންޖެހޭކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ނަޒަރުގައި ކައުންސިލަރުންގެ ޢަދަދަށް ގެނެވިދާނެ ބަދަލުތައް ހިއްސާކުރައްވާފައެވެ.

* ތިން ހާހަށްވުރެ މީހުން ގިނަ ނޫން އާބާދީތަކަށް 3 ކައުންސިލަރުން.
(އެކަކީ އަންހެނުންގެ ފަރާތުން އިންތިޚާބުކުރާ އަންހެނުންގެ ރައީސެއް، އަދި އަނެއް މީހަކީ ޒުވާނުންގެ ފަރާތުން އިންތިޚާބުކުރާ މީހެއް. ނައިބު ރައީސަކު ކަނޑައަޅާނީވެސް ރައްޔިތުން.)
* ތިން ހާހާ ދިހަހާހާ ދެމެދު އާބާދީއެއްނަމަ 5 ކައުންސިލަރުން
* ސިޓީތަކަށް އެނޫން އެހެން ފޯމިއުލާއެއް (މިހާރަށްވުރެ ކައުންސިލަރުންގެ ޢަދަދު ގިނަ ނުވާނެހެން.)

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މިހާރުވެސް ދެތިން ސަތޭކަ މީހުން ދިރިއުޅޭ ރަށުގައިވެސް 5 ކައުންސިލަރުން ތިބޭކަން ފާހަގަކުރައްވާ ވިދާޅުވީ ވަރަށް ޚަރަދުތަކެއް ކޮންމެ ދުވަހަކު ކުރަންޖެހޭގޮތަށް ނިޒާމު އޮތުމުން އޭގެ ނަތީޖާ އެންމެ ރަނގަޅަށް ނުނިިކުންނަކަމަށެވެ. ނަމަވެސް ޢަދަދު މަދުކޮށް މާ ރަނގަޅަށް ރައްޔިތުންނަށް ފައިދާވޮތަށް ކައުންސިލްތައް ހިންގޭނެކަމަށާއި، އެކަމުގެ ދިރާސާކުރެވި، އެކަށިގެންވާގޮތަށް ބަދަލު ކުރުމަށް ވިސްނަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެކަމުގައި ފަންނީ ދިރާސާތައް ކުރެވެމުން އަންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ކައުންސިލަރުންގެ ޢަދަދު މަދުކޮށްގެން ޚަރަދު ކުޑަކުރެވި، ބާކީވާ ފައިސާއިން ކައުންސިލްތަކުގެ ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ރަނގަޅުކުރުމަށް ބޭނުންކުރެވޭނެކަމަށެވެ. މިއާއެކު ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުން އުފާވެ ރަނގަޅު ޚިދުމަތެއް ދެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

"އަދަދަކުން ވާކަމެއްނޫން މިއީކީއެއް. ޚިދުމަތް ދެވޭގޮތަށް ފުރިހަމަ ކުރަން މިޖެހެނީ. ޚިދުމަތް ދިނުމުގައި ދެވޭގޮތް އިޚްލާސްތެރިވާންވީ. ޚިދުމަތް ދިނުމުގައި ތެދުވެރިވާން މިޖެހެނީ. ހީވާގި ވާންމިޖެހެނީ. އެކަން ކުރާކަށް ބައި ބޯކުރާކަށްނުޖެހޭ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ސަރުކާރުން މަސައްކަތްކުރާނީ ރައްޔިތުން އިންތިޚާބުކޮށްފައިވާ މީހުން އިސްކޮށް ރައްޔިތުން އެދޭ އަމާޒަށްކަމަށެވެ. ކުރިއަށް އޮތްތަނުގައި ގިނަ ޚިދުމަތްތައް ވީހާވެސް ބޮޑަށް ލާމަރުކަޒީކޮށް ރައޔްިތުން ގާތުން އެންމެ ފުޅާކޮށް ޚިދުމަތް ދިނުމަށް ބައްޓަންކުރާނެކަމަށާއި،. ރާއްޖޭގެ ބޮޑެތި މައްސަލަތައް ހަލުކުރުމުގައި ކައުންސިލްތައް ދައުރު ބޮޑުކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.