ޚަބަރު

އޮޕަރޭޝަން ކުރަނގި މުޅި ރާއްޖެއަށް: ކައުންސިލްތަކަށް އެޕްލިކޭޝަންތަކުގެ އެކްސެސްދެނީ


  • އަމާޒަކީ 3 އަހަރުން ބިދޭސީންގެ މައްސަލަ ހައްލުކުރުންކަމަށް ވިދާޅުވި

  • ފިންގާ ޕްރިންޓް މެޝިންތަކެއް ކައުންސިލްތަކަށް ވަނީ ހަދިޔާކޮށްފައި

ރާއްޖޭގައި ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފަށާފައިވާ އޮޕަރޭޝަން "ކުރަނގި" ފޭސް ދޭއްގައި އެކުލަވާފައިވާ އެޕްލިކޭޝަންތަކުގެ ސީދާ އެކްސެސް ކައުންސިލްތަކަށް ދޭނެކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާނު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ އޮޕަރޭޝަން "ކުރަނގި" ފޭސް 2 އިފްތިތާހްކުރުމަށާއި "ނާރެސް" އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. ރާއްޖޭގައި ޤަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފުލުހުންނާއި މޯލްޑިވްސް އިމިގްރޭޝަނާއި ގުޅިގެން އެ ވުޒާރާއިން "އޮޕަރޭޝަން ކުރަނގި" ފެށީ މިދިޔަ މެއި މަހުގެ ދެވަނަ ދުވަހެވެ. މި ޕްރޮގްރާމް ފެށީ ކ. ހިންމަފުށީގައެވެ.

އޮޕަރޭޝަން ކުރަނގި ފޭސް ދޭއް ފެށިއިރު، ކައުންސިލްތަކަށް ވަނީ ފިންގާ ޕްރިންޓް މެޝިންތަކެއް ހަދިޔާ ކޮށްފައެވެ. މިއާއެކު ޤަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށްޓަކައި މުޅި ރަށުގައި ތިބޭ ބިދޭސީންގެ ފިންގާ ޕްރިންޓް ނެގުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ދާޚިލީ ސަލާމާތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އަޙްސާން ވިދާޅުވީ ޤަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު ކަށަވަރުކޮށް، އެއީކޮން ބައެއްކަން ދެނެގަނެ އެ މީހުންނާއި ދޭތެރޭގައި އަޅަަން ޖެހޭ ގާނޫނީ ފިޔަވަޅު، މަގުފަހިވެގެން ދާނީ މި އޮޕަރޭޝަންގެ ޒަރިއްޔާއިން ރާއްޖޭގައި ތިބި ބިދޭސީންގެ މައުލޫމާތު ނެގިގެން ކަމަށެވެ.

އަދި އެ އޮޕަރޭޝަންގެ ފޭސް ދޭއްގެ ޒަރިއްޔާގައި މިހާރު އެކުލަވާފައިވާ އެޕްލިކޭޝަންތަކުގެ ސީދާ އެކްސެސް ކައުންސިލްތަކަށް ދޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ޤަވާއިދާއި، ހިލާފަށް އުޅޭ ބިދޭސީއެއްކަން ޝައްކު ކުރެވޭނަމަަ އެ މީހާގެ ފޮޓޯގެ ނަގާ ހިސާބުން، އެ އެޕްލިކޭޝަންގެ ޒަރިއްޔާއިން އެއީ ކާކުކަން، ކީއްކުރަން އައިސް ކޮން ކުންފުންޏެއްގެ މީހެއްކަން އެނގިގެން ދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"މިގޮތުން ރަށްރަށުގައި ތިބެގެން ބިދޭސީންގެ ފިންގާ ޕްރިންޓް ނެގުމާއި އެކުގައި އަޅުގަނޑުމެންގެ ހެދިފައިވާ ސެންޓްރަލް ޑޭޓާ ބޭސްއަށް މި ޑޭޓާ ޕޫލް ކުރާނެ، އެއަށް ފަހުގައި ކައުންސިލަށް އޮޓޯއިން އެ ސިސްޓަމްގެ ޒަރިއްޔައިން ބެލޭނެ އެރަށުގައި ތިބި ބިދޭސީންގެ ދަފްތަރު،" ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އަމާޒަކީ 3 އަހަރުގެ ތެރޭގައި ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްކަމަށެވެ. އަދި 1 އަހަރުގެ ތެރޭގައި ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަނެ ޖެހިގެން އަންނަ 2 އަހަރު އެފަދަ މީހުން ޤާނޫނީ އިމުގެ ތެރެއަށް ގެނައުމުގެ މަސައްކަތް ކުރާނެކަމަށެވެ.

އޮޕަރޭޝަން ކުރަނގީގެ މައިގަނޑު މަގްސަދަކީ ދިވެހިރާއްޖޭގައި ގަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމެވެ. އެގޮތުން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ އިނގިލީގެ ނިޝާން ނެގުމާއި އެ ބިދޭސީ މީހާ ވަޒީފާ އަދާކުރަނީ ރާއްޖޭގައި ހެދިފައިހުރި ގާނޫނާއި ގަވާއިދުގެ ދަށުންތޯ ޔަގީންކުރެއެވެ.

މީގެ އިތުރުން ބިދޭސީން ގަވާއިދުގެ ތެރެއަށް ފެއްތުމާއި އެ ފަރާތްތަކަށް ވަޒީފާދޭނެ ފަރާތެއް ހޯދައިދިނުންވެސް މި ޕްރޮގްރާމުގެ ތެރޭގައި ހިމެނެއެވެ. އަދި ކައުންސިލް އިދާރާތަކުގައި ބިދޭސީންގެ ބަޔޯ މެޓްރިކްސް ނެގުމުގެ މަސައްކަތާއި އެ ފަރާތްތުގެ ސައްޙަކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރިއަށްގެންދާއިރު މި މައުލޫމާތުގެ އަލީގައި ބިދޭސީންގެ މައި ދަފްތަރެއް އެކުލަވާލާނެކަމަށް ދާޚިލީ ސަލާމާތައި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.