ޒުވާނުން ބާރުވެރިކުރުވުމާ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ޔޫތު ލީޑަރޝިޕް ކޭމްޕް" 31 ބައިވެރިންނާއެކު ކ. ހުރާގައި ބާއްވައިފިއެވެ.
މި ކޭމްޕަކީ، 16 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާނުންގެ ލީޑަރޝިޕް ހުނަރުތައް ތަރައްޤީ ކުރުމަށް ތިން ދުވަހަށް ކުރިޔަށް ގެންދިޔަ ކޭމްޕެކެވެ. މި ކޭމްޕް ބާއްވާފައިވަނީ، މި މަހުގެ 14އިން ފެށިގެން މިއަދުގެ ނިޔަލަށެވެ.
ޒުވާނުން ބާރުވެރިކުރުވުމާ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި ކޭމްޕް ކުރިއަށް ގެންދިޔައީ އެވުޒާރާއާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އާއި، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) ގުޅިގެން ކަމަށެވެ.
Youth Leadership Camp has kicked off with 31 participants. This 3-day camp in Huraa, held in partnership with Maldives National Defence Force, began with icebreaking sessions and workshops on police crime prevention, swimming theory, and seeking help and supporting others. pic.twitter.com/gma6SPyDIF
— Youth Empowerment by MoYSF (@YouthGovMv) May 16, 2026
އެވުޒާރާއިން ވިދާޅުވީ، އެމްއެންޑީއެފްގެ ފަރާތުން މި ކޭމްޕުގައި ސެލްފް ޑިފެންސް، ލީޑަރޝިޕް ޓްރެއިޓްސް، ފަންގްޝަނަލް ލީޑަރޝިޕް އަދި ކޮމާންޑް ޓާސްކްތަކާ ގުޅޭ އައުޓްޑޯ ޑެމޯ ސެޝަންތަކެއް ނަގައިދީފައިވާ ކަމަށެވެ ކަމަށެވެ. މީގެ އިތުރުން ފަޔަރ އެވެއަރނެސް ސެޝަންތަކާއި، ފުލުހުންނާ ގުޅިގެން ރެސްކިއު ސްވިމިންގްގެ ޕްރެކްޓިކަލް ސެޝަންތައްވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށް އެވުޒާރާއިން މައުލޫމާތުދެއްވައެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ކްރައިމް ޕްރިވެންޝަން ނުވަތަ ކުށް މަދުކުރުމާ ގުޅޭ މަޢުލޫމާތާއި، ރެސްކިއު ސްވިމިންގް ތިއަރީ ސެޝަންތައް ނަގައިދެއްވާފައިވާއިރު، އެންސީޓީސީގެ ފަރާތުން "ޔޫތު، ޕީސް އެންޑް ސެކިއުރިޓީ"އާ ގުޅޭ ޚާއްޞަ ސެޝަނެއް ބާއްވާފައިވާ ކަމަށް އެވުޒާރާއިން މައުލޫމާތުދެއްވައެވެ. މީގެ އިތުރުން، ޒުވާނުންގެ މެދުގައި އެކަކު އަނެކަކަށް އެހީތެރިވުމުގެ ރޫޙު އާލާކުރުމާއި، ދިމާވާ އެކިއެކި ކަންކަމުގައި އެހީތެރިކަން ހޯދާނެ ގޮތްތަކާ ގުޅޭގޮތުންވެސް މިކޭމްޕުގައި ސެޝަންތަކެއް ކުރިއަށްގެންދިޔަ ކަމަށްވެސް ކުޅިވަރާ ބެހޭ ވުޒާރާއިން މައުލޫމާތުދެއްވައެވެ.
މިކޭމްޕަށް ބައިވެރިން ހޮވީ މިމަހުގެ ކުރީކޮޅު އެކަމަށް އިއުލާން ކޮށްގެންނެވެ. މިފަދަ ކޭމްޕްތަކުގެ މައިގަނޑު މަޤްޞަދަކީ، މުޖުތަމަޢުގައި ޒުވާނުންގެ ދައުރު ފުޅާކޮށް، ޒިންމާދާރު ލީޑަރުންތަކެއް ބިނާކުރުން ކަމަށް އެވުޒާރާއިން ވިދާޅުވިއެވެ.