ޚަބަރު

ޓޫރިޒަމް އާމްދަނީގެ ވަކި އިންސައްތައެއް ކައުންސިލްތަކުގެ ބަޖެޓަށް ޖަމާކުރަން ލަސްތަކެއްނުވެ ފެށޭނެ: ރައީސް


ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއަށް ލިބޭ އާމްދަނީން ވަކި އިންސައްތައެއް ކައުންސިލްތަކުގެ ބަޖެޓަށް ޖަމާކުރަން ނިންމެވި ނިންމެވުން ލަސްތަކެއްނުވެ ތަންފީޒުކުރަން ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ނާރެސް ޕޯޓަލް އާއި ކުރަނގި އެޕަރޭޝަންގެ ދެވަނަ ފިޔަވަހި އިފްތިތާޙުކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައްޔިތުންގެ ފަރާތުން ކައުންސިލްތަކުގައި އެދޭ ކަންކަން ކުރުމުގައި ކައުންސިލްތައް ބާރުވެރިކުރުމަކީ ސަރުކާރުގެ މުހިއްމު ސިޔާސަތެއްކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، ރައްޔިތުން ހޮވާފަ ތިބޭ ބަޔަކު ރައްޔިތުންނާ އެންމެ ގާތުން މަސައްކަތްކުރުމުގެ ޒިންމާ އަދާކުރެވޭނީ ޚިދުމަތް ދިނުމަށް ބޭނުންވާ ބާރުވެރިކަން ސަރުކާރުން ދީގެންކަމަށެވެ.

އެހެންކަމުން ރައްޔިތުންނާ ގުޅޭ އެފަދަ މުހިއްމު ޚިދުމަތްތަދޭން ތިބި އިދާރާތަކަަށް ބޭނުންވާ ހުރިހާ ކަމެއް ސަރުކާރުން ފަހިކޮށްދެއްވާނެކަމަށާއި، އެއީ އިޖްތިމާޢީ ގޮތުންވިއަސް އަދި އިޤްތިޞާދީގޮތުން ވިޔަސްއެކަންކަން ސަރުކާރުން ފަހިކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު އިޢުލާންކޮށްފައިވާ ގޮތަށް ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލާއި މިކަންކަން ކުރުމާއި އެކީގައި ރާއްޖެއަށް ޓޫރިޒަމްގެ ދާއިރާއިން މިލިބޭ އާމްދަނީގެ ވަކި އިންސައްތައެއް ކައުންސިލްތަކުގެ ބަޖެޓަށް ޖަމާވާގޮތައް އެނިންމި ނިންމުންވެސް އިރާދަކުރެއްވިއްޔާ މާލަސްތަކެއްނުވެ އަޅުގަނޑުމެން ތަންފީޒުކުރަން ފަށާނަން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ފަޅުރަށްރަށް ހޯދައިގެން މެދުރާސްތާގެ ޕްލޭނެއްގެ ތެރެއިން ވަކި މަސައްކަތްތަކެއް ކަނޑައަޅައިގެން އެރަށްތަކުގައި އާމްދަނީ ހޯދޭނެ މަސައްކަތްތަކެއް ކުރުމަށް މިހާރު ހުޅުވާލާފައިވާ ފުރުޞަތުގެ ތެރެއިން އަދިވެސް އިޚްތިސާސްގައި ފަޅު ރަށްތައް ނެތް ކައުންސިލްތަކަށް އެފުރުޞަތު އަދިވެސް ދެމުންގެންދަވާކަމަށް ރައީސް ވިދާޅުވިއެވެ.

ޓޫރިޒަމް އާމްދަނީގެ ވަކި އިންސައްތައެއް ކައުންސިލްތަކުގެ ބަޖެޓަށް ޖަމާކުރަން ލަސްތަކެއްނުވެ ފެށޭނެކަން ރައީސް ހާމަކުރައްވާފައިވާއިރު، ރަށު ފަތުރުވެރިކަމުގެ ސިނާއަތުން ސަރުކާރަށް ދައްކާ ޓެކްސްއިން ވަކި އިންސައްތައެއް އެ ރަށްރަށުގެ ކައުންސިލްތަކަށް ލިބޭގޮތަށް ޤާނޫނަށް އިސްލާހުގެނައުމަށް ގަސްތުކުރައްވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

އެގޮތުން ރަށު ފަތުރުވެރިކަމުގެ ސިނާއަތުން ސަރުކާރަށް ދައްކާ ޓެކުހުގެ %10 ކައުންސިލްތަކަށް ލިބޭގޮތަށް ޤާނުނަށް ބަދަލު ގެނައުމަށް މަޝްވާރާ ކުރައްވަމުންދާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްކަތްތާ ބެހެ ވުޒާރާއިން ވަނީ ފައްޓަވާފައެވެ.