ރަށު ކައުންސިލްތައް މެދުވެރިކޮށް އައިޑީ ކާޑު ހައްދަން އެދެވޭ އިންތިޒާމު ފަހިކުރުމަށް ފަރުރުމާކޮށްފައިވާ "ނާރެސް" ޕޯޓަލް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙްކޮށްދެއްވައިފިއެވެ.
ފުރަތަމަ ފަހަރަށް އޮންލައިކޮށް އައިޑީ ކާޑު ހެދުމުގެ މަސައްކަތް ރާއްޖޭގައި ފަށާފައިވަނީ 2021 ވަނަ އަހަރުގައެވެ. އަދި މިދިޔަ އަހަރުގެ މާޗްމަހުގެ 7 ވަނަ ދުވަހު ކުރިން ބޭނުން ކުރަމުންއައި އޮންލައިން ޕޯޓަލްގެ ބަދަލުގައި ޑީ.އެން.އާރު އޮންލައިން ޕޯޓަލްއެއް ޤާއިމްކުރެވި ސީދާ ކޮންމެ ރައްޔިތަކު އަމިއްލައަށް ކާޑަށް އެދި ހުށަހެޅޭނެގޮތް ހަމަޖެއްސިއެވެ.މިގޮތަށް އެ ރައްޔިތަކު ހުރި ތަނަކުން ކާޑަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުމުން ކުރިން ކައުންސިލް އިދާރާތަކުން ރައްޔިތުންނަށް ދެމުންގެންދިޔަ ކާޑުގެ ޚިދުމަތް މެދުކެނޑިގެން ދިޔައެވެ.
ދާޚިލީ ވުޒާރާއިން ވިދާޅުވީ ކޮވިޑް-19 އާއެކު ރާއްޖެ ބަންދުވުމާއެކު އައި މަޖުބޫރުކަމާއެކު ޑީއެންއާރުގެ މުޅި މަސައްކަތް އޮންލައިން ކުރެވުނުކަމަށެވެ. އެއާއެކު ކައުންސިލްތަކާއެކު ކުރިން ޑީއެންއާރުން ގެންގުޅެމުންއައި ގުޅުން ކެނޑި މިހާރު އައިޑީކާޑަށް ހަމައެކަނި ހުށަހެޅޭނީ އޮންލައިންކޮށެވެ. މިގޮތަށް ހެދުމުން ބޮޑު ލުޔެއް ލިބުނުނަމަވެސް އުމުރުން ދުވަސްވީ މީހުން ވަނީ ބާކީވެފައެވެ. އެހެންކަމުން އުމުރުން ދުވަސްވީ މީހުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން ކައުންސިލްތަކާއެކު ކުރިން އޮތް ގުޅުން އިތުރަށް ބަދަހިކޮށް މަސައްކަތްތަކެއް މިހާރު ސަރުކާރުން ވަނީ ފަށާފައެވެ.
މިގޮތުން "ނާރެސް" ޕޯޓަލް މެދުވެރިކޮށް މެދުވެރިކޮށް ކައުންސިލްތަކަށް އައިޑީކާޑްގެ ސްޓޭޓަސް ބެލުމާއި މާލެއެކޭ އެއްފަދައިން އައިޑީ ކާޑް ދޫކުރުން އަދި އެޕްލިކޭޝަންތައް ބަލައިގަތުމަށް ހިދުމަތް ލިބިގެންދާނެކަމަށް ދާޚިލީ ވުޒާރާއިން ވިދާޅުވެއެވެ. އަދި ނާރެސް ޕޯޓަލްއާއެކު ކޮންމެ ކައުންސިލަކަށް 10 އިނގިލީގެ ނިޝާން ނަގާ ފިންގާ ޕްރިންޓް ޑިވައިސްތަކެއްވެސް ހަވާލުކުރެވިގެންދާނެކަމަށާއި މިކަންވެގެންދާނީ ކައުންސިލްތަކާ ޑީއެންއާރާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމެއްކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
ނާރެސް ޕޯޓަލް އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދާޚީލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވީ ނާރެސް ޕޯޓަލްއަކީ ރައްޔިތުންނާ ގާތުން މަސައްކަތްކުރުމަށްޓަކައި ތައްޔާރުކޮށްފައިވާ ޕޯޓަލްއެއްކަމަށް. ވަޒީރު ވިދާޅުވީ އައިޑީކާޑު ހައްދަން ހަވާލުކޮށް އެ މަސައްކަތް ނުނިމި 3000 އައީޑީ ކަޑް އޮތްކަމަށާއި ނަމަވެސް މިހާރު 24 ގަޑިއިރަށްވުރެ ގިނަ އިރުވަންދެން ޕެންޑިންގައި އައޑީކާޑެއް ނޯންނާނެކަމަށެވެ.
"އަޅުގަނޑުމެން މި ދޭން ފަށާ ޚިދުމަތުގެ ޒަރިއްޔާއިން އައިޑީ ކާޑަށް އެޕްލައިކުރާ މީހަކަށް މި ޕޯޓަލް މެދުވެރިކޮށް އޭގެ ސްޓޭޓަސް ބަލާލެވޭނެ. މާލެ އިން ޕްރިންޓްކޮށް އެ ރަށަކާހިސާބަށް ދެވެންދެން އޭގެ ސްޓޭޓަސް ބަލާލެވޭނެ." ދާޚީލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވިއެވެ.
ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ މަޢުލޫމާތު އެއްކޮށް އެއްތަނަކުން ބެލެހެއްޓުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ 1 މެއި 1984ގައެވެ. ފުރަތަމަ ދޫކުރެވުނު ކާޑު ހަދާފައިވަނީ ކަރުދާހުން ޗާޕްކޮށްފައިވާ ކާޑެއްގައި މަޢުލޫމާތުތަށް އަތުން ލިޔެ ލެމިނޭޓް ކޮށްގެންނެވެ. މިގޮތަށްހެދި ކާޑުގެ ޑިޒައިން ދެފަހަރެއްގެ މަތިން ބަދަލުކޮށް އައި.ޑީ ކާޑަށް ނަންބަރު ދީފައިވަނީ ކޮންމެ ރަށަކަށް ވަކިން އެރަށަކަށް ދީފައިވާ ކޯޑެއް ހިމަނައިގެނެވެ.
11 ނޮވެމްބަރު 1993 ގައި އައިޑެންޓިޓީ ކާޑު ޔުނިޓްގެ ނަން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންއަށް ބަދަލުވެގެން ދިޔުމާއެކު ކާޑު ހެދުމުގެ މަސައްކަތްތަކަށްވެސް ބަދަލުތަކެއް ގެނެވިފައިވޭ.. އެގޮތުން 1994 ގައި ކާޑުގެ ޑިޒައިނަށް ބަދަލު ގެނެވި ދިވެހި އަކުރުގެ އިތުރުން އިގިރޭސި އަކުރުން ފުރިހަމަ ނަން ކާޑުގައި ލިޔުނެވެ. އަދި 2003 ވަނަ އހަރުގެ މެއި މަހުގެ 1 ވަނަ ދުވަހު ކާޑު ހަދައިދިނުމުގެ މަސައްކަތް ކޮމްޕިޔުޓަރައިޒް ކުރެވިގެން ދިޔުމާއެކު ލެމިނޭޓްކާޑުވަނީ ޕްލާސްޓިކް ކާޑަށް ބަދަލުކުރިއެވެ. އެގޮތުން މިހާތަނަށް 174 ކަލެކްޓިން ސެންޓަރު ގާއިމުކޮށް މިސެންޓަރު ތަކުން ރައްޔިތުންނަށް ވަނީ ޚިދުމަތް ފޯރުކޮށްދީފައެވެ.