ކުޅިވަރު

ޔޫރޯގައި ވިދާލި ޖޯޖިއާގެ ފޯވާޑް، މިކައުޓާޒޭ ލިޔޯން އަށް


އެންމެ ފަހުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މޮޅު ކުޅުމެއްދެއްކި ޖޯޖިއާގެ ފޯވާޑް، ޖިއޯޖެސް މިކައުޓާޒޭ، 23، ގެ ސޮއި ހޯދުމުގައި އޮލިމްޕިކް ލިޔޯނުން ކާމިޔާބު ހޯދައިފިއެވެ.

ފްރެންޗް ދެވަނަ ޑިވިޝަނުގައި މެޓްޒް އަށް ކުޅެމުން އަންނަ މިކައުޓާޒޭ، ލިޔޯނަށް ބަދަލުވީ ބޯނަހާއެކު ގާތްގަނޑަކަށް 23 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީ އަކަށެވެ. އޭނާ ވަނީ ލިޔޯން އާއެކު ހަތަރު އަހަރުދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މެޓްޒް އަށް ބަދަލުވުމުގެ ކުރީން އޭނާ ވަނީ، ލިޔޯން އެކަޑެމީގައި ހަތް އަހަރު ހޭދަކޮށްފައެވެ. 2019 ވަނަ އަހަރުގައި ފުރަތަމަ ފަހަރަށް މެޓްޒްގެ ސީނިއާ ޓީމަށް ކުޅުނުއިރު، ނިމިދިޔަ ސީޒަނުގައި މިކައުޓާޒޭ ވަނީ އެ ޓީމަށް ކުޅެދިން 20 މެޗުގައި 13 ލަނޑުޖަހައިފައެވެ.

ޔޫރޯގެ ގަދަ 16 ގެ ބުރަށް ޖޯޖިއާ ދަތުރުކުރިއިރު މޮޅު ކުޅުމެއްދައްކައި، މުބާރާތުގެ ޖޮއިންޓް ޓޮޕް ސްކޯރާގެ ގޮތުގައި ނިންމާލި މިކައުޓާޒޭގެ ސޮއި ހޯދުމަށް ލިޔޯންގެ އިތުރުން މޮނާކޯ ވެސް ވަނީ މަސައްކަތްކޮށްފައެވެ. އޭނާ ވަނީ ޖޯޖިއާ އަށް މިހާތަނަށް ކުޅުނު 29 މެޗުގައި 13 ލަނޑުޖަހައިފައެވެ.

މިކައުޓާޒޭގެ ސޮއި ހޯދުމާއެކު، ލިޔޯނުން ކުރިއަށް އޮތް ސީޒަނަށް ކުޅުންތެރިން ގަތުމަށް ކުރި ހޭދަ ވަނީ 100 މިލިއަން ޔޫރޯ އަށް އަރާފައެވެ. މިކައުޓާޒޭގެ އިތުރުން، މޫސާ ނިއާހާތޭ އާއި އޯރެލް މަންގަލާ އަދި އާނެސްޓް ނުއާމާ ވަނީ ލިޔޯނަށް ބަދަލުވެފައެވެ.