ކުޅިވަރު

18 އަހަރުގެ ޔޯރޯ، ޔުނައިޓެޑަށް ބަދަލުވެއްޖެ


ފްރާންސްގެ ލޮސްކް ލިއްލެ އަށް ކުޅެމުންއައި އުމުރުން 18 އަހަރުގެ ސެންޓްރަލް ޑިފެންޑަރު، ލެނީ ޔޯރޯ، މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެއްޖެއެވެ.

ޔޯރޯ ވަނީ ޔުނައިޓެޑާއެކު ފަސް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން، 2029 ވަނަ އަހަރުގެ ނިޔަލަށް އެ ޓީމުގައި މަޑުކުރުމަށް ހަމަޖެހިފައިވާއިރު، އިތުރު އެއްއަހަރަށް އެއްބަސްވުން އާކުރުމުގެ ފުރުޞަތު ޔުނައިޓެޑަށް ލިބިގެންވެއެވެ.

ޔޯރޯގެ ޓްރާންސްފާ ފީގެ ގޮތުގައި ލިއްލެ އަށް ބޯނަހާއެކު ގާތްގަނޑަކަށް 70 މިލިއަން ޔޫރޯ ދެއްކުމަށް ޔުނައިޓެޑުން ވަނީ އެއްބަސްވެފައެވެ.

ޔުނައިޓެޑަށް ބަދަލުވުމަށްފަހު ޔޯރޯ ދެއްކި ވާހަކައިގައިވަނީ، ކެރިއަރުގެ މިހާ ކުރީކޮޅު ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކަށް ބަދަލުވެވުމަކީ ލިބޭ ޝަރަފެއް ކަމަށް ބުނެފައެވެ. އެކްލަބާއެކު އެންމެ ފުރަތަމަ މަޝްވަރާކުރި ހިސާބުން ފެށިގެން އޭނާގެ ކުޅުން އިތުރަށް ޑިވެލޮޕްކުރުމަށް ރަނގަޅު ޕްލޭނެއް އޮތްކަން ކިޔައިދީފައިވާ ކަމަށް ވެސް ޔޯރޯ ބުންޏެވެ.

އަދި، ޔުނައިޓެޑްގައި ޒުވާން ކުޅުންތެރިންނާއެކު އޮތް މާޒީ ވެސް ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި، އޭނާގެ މުސްތަގުބަލަށް އެޅިގެންދިޔަ އެންމެ މުހިއްމު ފިޔަވަޅަކީ އެ ޓީމަށް ބަދަލުވުން ކަމަށް ވެސް ޔޯރޯ ބުނެފައިވެއެވެ.

ޔޯރޯ އަކީ މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ޔުނައިޓެޑަށް ގެނައި ދެވަނަ ކުޅުންތެރިޔާ އެވެ. މީގެކުރިން، އެ ޓީމުން ވަނީ ބޮލޯނިއާގެ ނެދަލެންޑްސް ފޯވާޑް، ޖޯޝުއާ ޒިރްކްޒީގެ ސޮއި ހޯދައިފައެވެ.