ކުޅިވަރު

ސިޓީން ސާވީނިއޯގެ ސޮއި ހޯދައިފި


ޕްރިމިއާ ލީގުގެ ޗެމްޕިއަން، މެންޗެސްޓާ ސިޓީން ބްރެޒިލްގެ ވިންގް، ސާވީނިއޯގެ ސޮއި ހޯދައިފިއެވެ.

ސާވީނިއޯ، 20، ސިޓީއާ ގުޅިފައިވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ކަމަށް އެކްލަބުން ވަނީ ކަށަވަރުކޮށްދީފައެވެ.

ސިޓީ އަށް ބަދަލުވުމަށްފަހު ސާވީނިއޯ ބުނީ، އެ ކްލަބަށް ބަދަލުވެވުމުން ވަރަށް ބޮޑަށް އުފާވާ ކަމަށާއި، މިވަގުތު ދުނިޔޭގައި އޮތް އެންމެ މޮޅު ފުޓްބޯޅަ ޓީމަކީ ސިޓީކަން އެންމެންނަށް އެނގޭނެ ކަމަށެވެ.

ޕެޕް ގާޑިއޯލާ އާއެކު މަސައްކަތްކުރުމަށް ފުރުޞަތު ލިބުމަކީ އެކަމަކަށްޓަކައި އަބަދުވެސް ވަރަށް ބޭނުންވެފައިވާ ކަމެއް ކަމަށާއި، އެއީ ދުނިޔޭގެ އެންމެ މޮޅު އެއްކޯޗު ކަމަށް ވެސް ސާވީނިއޯ ބުނެފައިވެއެވެ. އަދި، ގާޑިއޯލާގެ އެހީތެރިކަމާއެކު މިހާރަށްވުރެ އޭނާގެ ކުޅުން އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް ވެސް ސާވީނިއޯ ބުންޏެވެ.

ސާވީނިއޯ، މިދިޔަ ސީޒަނުގައި ކުޅުނީ ފްރެންޗް ކްލަބު ޓްރޯޔޭސް އިން ލޯން އެއްބަސްވުމެއްގެ ދަށުން، ސްޕެނިޝް ލީގުގެ ޖިރޯނާ އަށެވެ. އޭނާ ވަނީ އެ ޓީމަށް ލީގުގައި ކުޅެދިން 37 މެޗުގައި ނުވަ ލަނޑުޖަހައިފައެވެ.

ސާވީނިއޯ ވަނީ މިހާތަނަށް ބްރެޒިލް ގައުމީ ޓީމަށް ހަތް މެޗު ކުޅެދީފައެވެ. އެ ޓީމަށް އޭނާ އެންމެ ފުރަތަމަ ލަނޑެއްޖަހައިދިނީ ކޮޕާ އެމެރިކާގައި މިދިޔަ މަހު ޕެރަގުއޭއާ ދެކޮޅަށް ކުޅުނު މެޗުގައެވެ.

މިދިޔަ ހަތަރު އަހަރުގެ ލީގު ޗެމްޕިއަން، ސިޓީން އައު ސީޒަނުގައި ޕްރިމިއާ ލީގުގައި ކުޅޭ ފުރަތަމަ މެޗުގައި އަންނަ އޯގަސްޓްމަހުގެ 18 ވަނަ ދުވަހު ނިކުންނާނީ ޗެލްސީއާ ދެކޮޅަށެވެ.