ޚަބަރު

ކުރީގެ ރައީސް ޞާލިހްގެ މަންމާފުޅު ފަސްދާނުލައިފި


  • ރައީސް ޞާލިޙުގެ މަންމާފުޅު ފަސްދާނުލާފައިވަނީ ގަލޮޅު ސަހަރާގައި

  • އެކަމަނާ އަވަހާރަވިއިރު އުމުރުފުޅަކީ 80 އަހަރު

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހްގެ މަންމާފުޅު މުއުމިނާ ޙުސައިންފުޅު ފަސްދާނުލައިފިއެވެ.

ރައީސް ޞާލިޙުގެ މަންމާފުޅުގެ މައްޗަށް ކަށުނަމާދު ކުރުން އޮތީ، މިރޭ މަޣްރިބް ނަމާދަށް ފަހު، މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢުޡަމް، އިސްލާމީ މަރުކަޒުގައެވެ. އަދި ފަސްދާނުލާފައިވަނީ ގަލޮޅު ސަހަރާގައެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ލޮބުވެތި މަންމާފުޅު ޅ. ހިންނަވަރު، ނުރާނީއާގެ މުއުމިނާ ޙުސައިންފުޅު އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދަވަނިކޮށެވެ. އަވަހާރަވީއިރު ޢުމުރުފުޅަކީ 80 އަހަރެވެ.

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހްގެ މަންމާފުޅު އަވަހާރަވުމާގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެމަނިކުފާނުގެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެފައެވެ.

ތަޢުޒިޔާ ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ލޮބުވެތި މަންމާފުޅު މުއުމިނާ ޙުސައިންފުޅު އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެވަޑައިގަންނަވާކަމަށެވެ. އަދި ރައީސް ޞާލިހްގެ ޢާއިލާއަށް ހިތުގެ އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވައި، ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ރައީސުލްޖުމްހޫރިއްޔާވަނީ ދުޢާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މާތްﷲގެ ތަނަވަސްވެގެންވާ ރަޙްމަތާއި ރުހިވޮޑިގަތުމާއި މަޣްފިރަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމާ މުއުމިނާ ޙުސައިންފުޅު ލެހައްޓެވުމަށް އެދި ދުޢާ ކުރައްވާފައެވެ.

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހްގެ މަންމާފުޅު އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފްވެސް ވަނީ އެމަނިކުފާނުގެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ރައީސް ޞާލިޙްގެ ލޮބުވެތި މަންމާފުޅު އަވަހާރަވި ޚަބަރު އެއްސެވީ ކުއްލި ހައިރާންކަމާއި ފުން ހިތާމައާއެކުކަމަށެވެ.

ދައުލަތުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުވެސް ވަނީ ރައީސް ޞާލިހްގެ އާޢިލާއަށް ތަޢުޒިޔާ ފޮނުއްވާފައެވެ. އެގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވަނީ ރައީސް ޞާލިޙްގެ ޢާއިލާއަށް ތައުޒިޔާ ދަންނަވައި ހެޔޮ ދުއާ ރައްދުކުރައްވާފައެވެ.

މީގެ އިތުރުން އެމްޑީޕީގެ އިސް ބޭފުޅުންނާއި، އެމްޑީޕީގެ ކުރީގެ މެންބަރުންވެސް އަންނަނީ ރައީސް ޞާލިޙްގެ އާޢިލާއަށް ތަޢުޒިޔާ ފޮނުވަމުންނެވެ. އެގޮތުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ރައީސް ޞާލިހްގެ މަންމާފުޅަކީ އެމަނިކުފާނަށް ހެޔޮ ނަސޭހަތް ދެއްވި ބޭފުޅެއްކަން ފާހަގަކުރައްވާ އެކަމަނާ އަވަހާރަވުމުން ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެފައެވެ. ކުރީގެ ރައީސް އަލްއުސްތާޛް މަޢޫމޫން ޢަބްދުލްޤައްޔޫމްވެސް ވަނީ ރައީސް ޞާލިހަށާއި އެމަނިކުފާނުގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.