ޚަބަރު

ކައުންސިލްތަކުގެ ބައި-އިލެކްޝަން އަހަރަކު އެއްފަހަރު ބާއްވާގޮތަށް ޤާނޫނު ބަދަލުކުރަންޖެހޭ: ފުވާދު


  • އެއްފަހަރު އިންތިޚާބު ބޭއްވުމުން ޚަރަދު ކުޑަވާނެ

  • މިހާރު އޮންނަ 15 ދުވަހުގެ ތެރޭ ބައި-އިލެކްޝަން އިޢުލާނުކުރަންޖެހޭ

އަހަރަކު އެއްފަހަރު ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަންތައް ބާއްވާގޮތަށް ޤާނޫނަށް ބަދަލު ގެންނަންޖެހޭކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީޤު ވިދާޅުވެއްޖެއެވެ. ފުވާދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ވާހަކަދައްކަވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތަޢުފީޤް ވިދާޅުވީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަންތައް އެއްކޮށްލާފައި އަހަރަކު އެއް ފަހަރު ބާއްވާގޮތަށް ޤާނޫނު އިސްލާހުކޮށްދިނުމަށް މީގެ ކުރިން 19 ވަނަ މަޖިލީހުގައި އެދިވަޑައިގެންނެވިކަމަށެވެ. އެހެންނަމަވެސް އޭރުގެ މަޖިލީހުން ޤާނޫނަށް އިސްލާހު ގެނައީ ހަމައެކަނި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތައް އަހަރަކު އެއްފަހަރު ބާއްވާގޮތަށްކަމަށް ފުވާދު ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ވަނީ ކޮންމެ އަހަރަކުވެސް ގާތްގަނޑަކަށް 20 ބައި-އިލެކްޝަނެއް ބާއްވާއިރު، ކޮންމެ ބައި-އިލެކްޝަނަކަށްވެސް އެތައް ޚަރަދެއް ހިނގާކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެހެންނަމަވެސް ހުރިހާ ބައި-އިލެކްޝަނެއް އެއްފަހަރާ ބާއްވާގޮތަށް ބަދަލުކުރުމުން އިދާރީ ޚަރަދުތައް ވަރަށް ބޮޑަށް މަދުކުރެވޭނެކަން ފުވާދު ފާހަގަކުރެއްވިއެވެ.


"ކޮންމެ އަހަރަކު 1 ފަހަރު ކައުންސިލް ބައި-އިލެކްޝަންތައް ބާއްވާގޮތަށް ބަދަލުކޮށްފިއްޔާ އިދާރީ ޚަރަދުތައް ވަރަށް ބޮޑަށް މަދުކުރެވޭނެ. އަދި މިހާރު ބައި-އިލެކްޝަންތަކަށްކުރާ ޚަރަދުގެ ދެބައިކުޅަ އެއް ބައި މަދުކުރެވޭނެ." ފުވާދު ވިދާޅުވިއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު ބަޔާންކުރާގޮތުގައި ލޯކަލް ކައުންސިލެއްގެ މެންބަރެއްގެ މަޤާމު ހުސްވެ އެގޮނޑިއަށް މެންބަރަކު އިންތިޚާބުކުރަންޖެހޭ ޙާލަތުގައި އެ ގޮނޑި ހުސްވި ތާރީޚުން ފެށިގެން ގިނަވެގެން 15 ދުވަހުގެ ތެރޭގައި، އެ ކައުންސިލްގެ ބައ-ިއިލެކްޝަނަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުޞަތު ހުޅުވާލަން ޖެހޭނެކަމަށެވެ.

ލޯކަލް ކައުންސިލްތަކުގެ ބައި އިލެކްޝަންތައް އަހަރަކު އެއްފަހަރު ބާއްވާގޮތަށް ޤާނޫނަށް އިޞްލާހު ގެނައުމަށް އިލެކްޝަންސް ކޮމިޝަނުން އެދިވަޑައިގެންފައިވާއިރު، ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދެ އިންތިޚާބުކަމަށްވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުއެކީގައި ބާއްވާގޮތަށް ޤާނޫނު އަސާސީއަށް އިޞްލާހު ގެނައުމަށް ސަރުކާރުން ނިންމާފައިވަނިކޮށެވެ. ނަމަވެސް އެ ބަދަލު ގެންނާނީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަކަށްފަހުއެވެ.