ޚަބަރު

ހުޅުމާލެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދައި 7 މީހަކު ހައްޔަރުކޮށްފި


  • އަތުލައިގަތް މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 1085.71 ގްރާމް

  • ހައްޔަރުކޮށްފައިވަނީ 18 އަހަރާއި 39 އަހަރާ ދެމެދުގެ ހަތް މީހުން

ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން 7 މީހަކު ހައްޔަރުކޮށްފިއެވެ.

މި ހަތް މީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައެވެ.

ފުލުހުން ވިދާޅުވީ ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލަައެއްގައި ހުޅުމާލޭގެ ދެ އެޕާޓްމަންޓަކާއި ދެ ކާރު ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮށްފައިވާކަމަށެވެ. އަދި އެ ބަލައިފާސްކުރުމުގެ ތެރެއިން ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 1085.71 ގްރާމެވެ.

މިމަހުގެ 16 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 18 އަހަރާއި 39 އަހަރާ ދެމެދުގެ ހަތް މީހުންނެވެ. އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުުމުން ހަތް މީހުން ވެސް 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލަ ޑްރަގް އެންފޯސްމަންޓުން ގެންދަނީ ތަހުގީގުކުރަމުންނެވެ.