ކުޅިވަރު

އަލްޖީރިއާގެ އޮއާރް އަލް އިއްތިހާދަށް ބަދަލުވެއްޖެ


އިޓަލީގެ އޭއެސް ރޯމާ އަށް ކުޅެމުންއައި އަލްޖީރިއާގެ މިޑްފީލްޑަރު، ހުސާމް އޮއާރް، ދާއިމީ އެއްބަސްވުމެއްގެ ދަށުން ސައުދީ ޕްރޯ ލީގުގެ ކްލަބު އަލް އިއްތިހާދަށް ބަދަލުވެއްޖެއެވެ.

އޮއާރް، 26، ވަނީ، އަލް އިއްތިހާދާއެކު ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އޮއާރް، އެ ޓީމަށް ބަދަލުވިކަން ކަށަވަރުކޮށްދެމުން އަލް އިއްތިހާދުން އެކްސްގައި ކުރި ޕޯސްޓްގައިވަނީ، "މަރުހަބާ އޮއާރް،" މިހެންނެވެ.

ފްރެންޗް ލީގުގައި އޮލިމްޕިކް ލިޔޯނަށް ވެސް ކުޅެފައިވާ އޮއާރްގެ އިތުރުން އަލް އިއްތިހާދުގެ މިޑްފީލްޑްގައި ދެން ހިމެނެނީ؛ ފްރާންސްގެ މިޑްފީލްޑަރު، އެންގޯލޯ ކާންޓޭ އާއި ކުރީން ލިވަޕޫލްގައި މޮޅު ކުޅުމެއްދެއްކި ބްރެޒިލްގެ މިޑްފީލްޑަރު، ފަބީނިއޯ އެވެ.

ފްރާންސްގެ އެކި އުމުރުފުރާގެ ޓީމުތަކަށް ކުޅުމަށްފަހު، ސީނިއާ ގައުމީ ޓީމުން ގަވާއިދުން ކުޅުމުގެ ފުރުޞަތު ނުލިބޭތީވެ، އޮއާރް ވަނީ އޭނާގެ މައިންބަފައިންގެ އުފަން ގައުމު ކަމަށްވާ، އަލްޖީރިއާ އަށް ކުޅެން ނިންމާފައެވެ. ފްރާންސްގެ ޖާޒީގައި އޮއާރް ކުޅުނީ 2020 ވަނަ އަހަރުގައި އެކުވެރިކަމުގެ މެޗެއްގައި ޔޫކްރޭނާ ދެކޮޅަށެވެ.