ޚަބަރު

ބާ ކައުންސިލްގައި ބަންޑާރަ ނައިބު ނުހިމެނޭގޮތަށް ޤާނޫނަށް އިޞްލާހެއް


  • ޤާނޫނު ބުނާގޮތުން ބާ ކައުންސިލްގައި ބަންޑާރަ ނައިބު ހިމެނިވަޑައިގަންނަވާ

  • ލިޔުންތައް އެޓެސްޓުކުރާ ގޮތަށްވެސް ބަދަލު ގެނައުމަށް ހިމަނާފައިވޭ

ބާ ކައުންސިލްގައި ހަމައެކަނި ޤާނޫނީ ވަކީލުން ހިމެނޭހެން އަލުން އެކުލަވާލުމަށް ޤާނޫނީ ފަންނުގެ ޤާނޫނަށް އިޞްލާހެއް ހުށައަޅައިފިއެވެ. އެ ޤާނޫނަށް އިޞްލާހު ހުށައެޅުއްވީ ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސެއިން ޝަރީފްއެވެ. މި ބިލުގެ ފުރަތަމަ ކިއުން މަޖިލީހުގައި މިހާރު ވަނީ އިއްވާފައެވެ.

ޤާނޫނީ ފަންނުގެ ޤާނޫނު ބަޔާންކުރާގޮތުން ބާ ކައުންސިލްގައި ބަންޑާރަ ނައިބުވެސް ހިމެނިވަޑައިގަންނަވައެވެ. ނަމަވެސް އެ ޤާނޫނަށް ހުށައެޅުއްވި އިޞްލާހަކީ ބާ ކައުންސިލުގައި ބަންޑާރަނައިބު ނުހިމެނޭގޮތަށް، ހަމައެކަނި ޤާނޫނީ ވަކީލުން ހިމެނުމަށް ހުށައެޅުއްވި އިޞްލާހެކެވެ. މިހާރު ޤާނޫނު ބުނާގޮތުން ބާ ކައުންސިލް އެކުލެވިގެންވަނީ ބަންޑާރަނައިބާއެކު 7 މެންބަރުންނެވެ. ނަމަވެސް ޤާނޫނަށް ގެނަނަ އިޞްލާހުގައި ވަނީ ބާކައުންސިލް އެކުލަވާލަންވާނީ ޤާނޫނީ ދާއިރާގެ 7 މެންބަރުންގެ މައްޗަށްކަމަށެވެ. އެގޮތުން ބާ ކައުންސިލްގައި ހިމެނިވަޑައިގަންނަވާނީ ޤާނޫނީ ވަކީލުންގެ ތެރެއިން އިންތިޚާބު ކުރާ ރައީސަކާއި ނައިބު ރައީސާއި، މެންބަރުންކަމަށް އަލަށް ހުށައެޅުއްވި އިޞްލާހުގައިވެއެވެ.

މި އިޞްލާހު ހުށަހެޅުމުގެ މަޤްޞަދެއްކަމަށް ބަޔާންކޮށްފައިވަނީ، ޤާނޫނީ ވަކީލުންގެ ކަންކަން ހަމަޖައްސާނީ ވަކީލުންގެ ފަރާތުން ހޮވާ މަންދޫބުން ކަމުގައި ހަމަޖައްސާ، ބާކައުންސިލު ފުރިހަމަ މިނިވަންކަމާއިއެކު ހިންގުމުގެ ފުރުސަތު ހޯދައި ދިނުމެވެ.

މީގެ އިތުރުން މި އިޞްލާހުގައި ރަސްމީ އިދާރާތަކުންނާއި ރަޖިސްޓްރީކޮށްފައިވާ ކިޔަވައިދޭ މަރުކަޒުތަކުން، ދޫކުރާ ލިއުންތަކުގައި އެތަންތަނުގެ އަސްލާއި އެއްގޮތް ކަމުގެ ތައްގަނޑު ޖަހައިދިނުމާއި ބޭރު ޤައުމުތަކުގައި ބޭނުން ކުރުމަށް ދިވެހި ރައްޔިތުންގެ ބައެއް ލިއުންތަކާއި ޑިޕްލެމެޓިކް މިޝަންތަކުން އަސްލާއި އެއްގޮތްކަމުގެ ތައްގަނޑު ޖަހައިދިނުން ހުއްދަ ކުރުމަށްޓަކައި، ޤާނޫނަށް ގެންނަން ޖެހޭ އިސްލާހުވެސް ހިމަނަފައިވެއެވެ. މިހާރު ޤާނޫނު އޮތް ގޮތުން އެޓެސްޓް ކުރުން ނުވަތަ އަސްލާއި އެއްގޮތް ކަމުގެ ތައްގަނޑު ޖަހައިދެނީ ބާ ކައުންސިލުން އެކަމުގެ ހުއްދަ ދީފައިވާ ޤާނޫނީ ވަކީލުން އެކަންޏެވެ.

ޤާނޫނުގެ ފަންނުގެ ޤާނޫނަކީ ކޯޓުތަކުން ޤާނޫނީ ވަކީލުން ރެގިއުލޭޓުކޮށް އެމީހުންނާއި މެދު ފިޔަވަޅު އެޅުން ހުއްޓުމަކަށް ގެނައުމަށާއި ވަކީލުންގެ ކަންކަން ބެލެހެއްޓުމަށް ބާ ކައުންސިލުގެ ނަމުގައި ވަކި މިނިވަން މުސްތަޤިއްލު މުއައްސަސާއެއް އުފެއްދުމުގެ މަޤްޞަދުގައި 2019 ވަނަ އަހަރު އެކުލަވާލި ޤާނޫނެކެވެ. މި ޤާނޫނުގެ ދަށުން އުފެއްދި ބާ ކައުންސިލުގެ މަޤްޞަދަކީ ރާއްޖޭގައި މަސައްކަތްކުރާ ޤާނޫނީ ވަކީލުންގެ ޙައްޤުތަކާއި އިމްތިޔާޒުތައް ޙިމާޔަތް ކުރުމާއި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަދީ ޤާނޫނީ ވަކީލުންގެ މަސައްކަތްތަކާ ގުޅޭ އެންމެހާ ކަންކަން ރެގިއުލޭޓުކޮށް ބެލެހެއްޓުމެވެ.