ޚަބަރު

ޤަވާޢިދާ ޚިލާފަށް ހިންގަމުންދާ ޕާޓީތަކުގެ ޖަގަހަތައް ނަގަނީ


ދައުލަތުގެ ބިންތަކުގައި ޤަވާޢިދާ ޚިލާފަށް ހަދާފައިވާ ސިޔާސީ ޕާޓީތަކުގެ ޖަގަހަތައް ނެގުމުގެ މަސައްކަތުގައި ފުލުހުން އެހީތެރިކަން ފޯރުކޮށްދެއްވަން ފަށްޓަވައިފިއެވެ.

ދައުލަތުގެ ބައެއް ބިންތަކުގައި ހުއްދަ ހޯދުމަކާއި ނުލައި ބައެއް ސިޔާސީ ޕާޓީތަކުން ޖަގަހަތައް ހަދާ، އެ ބިންތަކުގެ ބޭނުން ކުރަމުންދާތީ، ކަމާއިބެހޭ އިދާރާތަކުންވަނީ މި ޖަގަހަތައް ނެގުމުގައި އެހީތެރިކަން ފޯރުކޮށްދެއްވުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގެންފައެވެ. މި މަސައްކަތުގެ ދަށުން މިހާތަނަށް ދ. ކުޑަހުވަދޫގައި ހުރި ބައެއް މިފަދަ ޖަގަހައާއި ހއ. ދިއްދޫގައި ހުރި ބައެއް ޖަގަހަ ނެގުމުގައި އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

އަދި މިއަދު އިތުރު ރަށްރަށުގައި ހުރި މިފަދަ ޖަގަހަތައް ނެގުމުގައި ފުލުހުން އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާނެކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. ދައުލަތުގެ ބިންތަކުގައި ޤަވާޢިދާ ޚިލާފަށް ހަދާފައިވާ ސިޔާސީ ޕާޓީތަކުގެ ޖަގަހަތައް ނެގުމަށް ކަމާއިބެހޭ އިދާރާތަކުން މީގެ ކުރިންވަނީ އެ ޖަގަހަތައް ނިސްބަތްވާ ޕާޓީތަކަށް އަންގަވާ، އެ ތަންތަން ހުސްކުރުމަށް ވަގުތު ދެއްވާފައެވެ.

އަދި، ފުލުހުންގެ އެހީތެރިކަމާއިއެކު މިހާރު ހުސްކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވަނީ، އެންގުންތަކާއި ޚިލާފަށް އަދިވެސް ނުނަގާ ހުރި ޖަގަހަ ފަދަ ތަންތަންކަމަށް ފުލުހުން ވިދާޅުވެއެވެ.