އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް، އޭޑީބީން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް 25 މިލިއަން ޑޮލަރުގެ އެހީއެއް ދިނުމަށް ނިންމާފައިވާ ކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިޢު މުޙައްމަދު ވިދާޅުވެއްޖެއެވެ.
އޭޑީބީއަކީ ރާއްޖޭގެ ތަރައްޤީގެ މަސައްކަތުގައި މުހިންމު ބައިވެރިއެކެވެ. އެގޮތުން ތަރައްޤީގެ އެކި އެކި މަޝްރޫޢުތައް ހިންގުމަށް އޭޑީބީން ދަނީ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް، ޔޫސުފް މާނިޢު މުޙައްމަދު ވިދާޅުވީ ކަސްޓަމްސްގެ މަސައްކަތްތައް ކޮމްޕިއުޓަރައިޒްކޮށް، ޑިޖިޓަލައިޒް ކުރުމުގެ އިތުރުން އައިޓީ އިންފްރާސްޓްރަޗްކަރ ޤާއިމުކުރުމަށް އޭޑީބީން 25 މިލިއަން ޑޮލަރުގެ ގްރާންޓެއް ދެއްވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އަދި އަންނަ އަހަރު ނިމުމުގެ ކުރިން އެ ފައިސާ ހަމަޖެހޭނެ ކަމަށް ލަފާ ކުރެއްވޭ ކަމަށެވެ.
މިކަމުގެ ސަބަބުން ދައުލަތުން ޚަރަދުނުކޮށް އައިޓީ އިންފްރާސްޓްރަޗްކަރ ޤާއިމުކޮށް، ސެކިއުރިޓީ ވަރުގަދަ ކުރުމަށް ފުރުސަތު ފަހިވެގެން ގޮސްފައިވާކަން މާނިއު ވަނީ ފާހަގަކުރައްވާފައެވެ.
"އަންނަ އަހަރު ނިމުމުގެ ކުރިން އޭޑީބީން އެ ފައިސާ ދެއްވާނެ. ދައުލަތުން ޚަރަދުނުކޮށް އައިޓީ އިންފްރާސްޓްރަޗްކަރ ޤާއިމުކޮށް، ސެކިއުރިޓީ ވަރުގަދަ ކުރުމުގެ ފުރުސަތު މިވަނީ ފަހިވެގެން ގޮސްފައި. އެހެންނަމަވެސް އޭގެ ކުރިން މުވައްޒަފުން އައްޔަން ކުރަންޖެހޭ" މާނިއު ވިދާޅުވިއެވެ.
މާނިއު ވިދާޅުވީ ގްރާންޓެއް ގޮތުގައި 100 މީހުން ހިލޭ ތަމްރީނު ކުރުމުގެ ޖާގަ އިންޑިއާއިން މިއަހަރު ފޯރުކޮށްދޭނެ ކަމަށެވެ. އަދި ހުރިހާ ޚަރަދެއް ކުރާނީ އެ ޤައުމުގެ ސަރުކާރުން ކަމަށާއި އެއީ 6 މަސް ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ކަމަށެވެ.
"މިހާރު ވެސް އަޅުގަނޑުމެންގެ މުވައްޒަފުންގެ ތެރެއިން ވަރަށް މަދު މުވައްޒަފުންނަށް ސްކޭން ރިޕޯޓް ވެސް ކިޔަން މިއެނގެނީ. އެއަރ ކާގޯއަށްވެސް އެންފޯސްމަންޓް ބައިން މުވައްޒަފުން ގެނެސްގެން މަސައްކަތް ހަމަޖައްސަނީ މި. އެހާ މަދު މުވައްޒަފުން ތިބެގެން ވެސް މީގެ ކުރިން އަތުލައިނުގަންނަ ވަރަށް ބޯޑަރުން މަސްތުވާތަކެތި އަތުލައިގެންފައިވަނީ. ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތީގެ ތެރެއިން 99 ޕަސެންޓު މަސްތުވާތަކެތި އަތުލައިގެންފައިވަނީ ހަމަ އަޅުގަނޑުމެން" މާނިއު ވިދާޅުވިއެވެ.
މާނިއު އިތުރަށް ވިދާޅުވީ މިމަސައްކަތަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އެމްއެންޑީއެފްގެ އެހީތެރިކަން ލިބޭ ކަމަށެވެ. ކަސްޓަމްސްއިން ވަނީ މުވައްޒަފުންގެ އިތުރުން، ޒަމާނީ ވަސީލަތްތައް ނެތުމާއި ބަނދަރުގެ ޖާގައިގެ ދަތިކަމާއި އެއަރޕޯޓުގެ ސެކިއުރިޓީ ކަންކަން އިންތިޒާމުވެފައި ހުރި ގޮތުގައި ކުރިމަތިވާ މައްސަލަތައް ފާހަގަކުރައްވާފައެވެ.