މުނިފޫހިފިލުވުން

މޯލްޑިވިއަން އައިޑަލް ސީޒަން 2 ގެ މެއިން ސްޕޮންސަރަކަށް އެލައިޑް


މޯލްޑިވިއަން އައިޑަލް 2 ވަނަ ސީޒަންގެ ހުރިހާ ސްޕޮންސަރުން ކަށަވަރުވެ، މެއިން ސްޕޮންސަރަކަށް އެލައިޑް އިންޝިއުރަންސްއާއެކު ޕީއެސްއެމުން މިއަދު ސޮއިކޮށްފިއެވެ. މޯލްޑިވިއަން އައިޑޮލްގެ ސީޒަން 1 އަށްވުރެ ސީޒަން 2 ހުރިހާ ގޮތަކުންވެސް ކޮލިޓީ ޝޯއަކަށް ހެދުމަށް ޕީއެސްއެމުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި މިކަމުގެ ޔަޤީންކަން ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ރައްޔިތުންނަށް ދެއްވައެވެ.

ފްރެންޗައިޒް އުޞޫލުން ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ރިއަލިޓީ ޝޯވ "މޯލްޑިވިއަން އައިޑަލް"ގެ ޝޯވތަކަށް ބެލުންތެރިންގެ ފަރާތުން ވަރަށް ބޮޑު ތަރުޙީބެއް ލިބިގެން ދިޔައެވެ. މިހާރު ޕީއެސްއެމުން ދަނީ ސީޒަން 2 ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމަށް ތައްޔާރުވަމުންނެވެ. މޯލްޑިވިއަން އައިޑޮލް ވެގެންގޮސްފައިވަނީ ރާއްޖޭގައި މިހާތަނަށް ބޭއްވުނު އެންމެ ކާމިޔާބު ރިއަލިޓީ ޝޯވއަށެވެ. މޯލްޑިވިއަން އައިޑޮލް ވެގެންގޮސްފައިވަނީ ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާއަށާއި، މިއުޒިކާއި، މުނިފޫހި ފިލުވުމުގެ ދާއިރާއަށް ބޮޑު އިންގިލާބެއް ގެނެސްދިން ވަރަށްވެސް ކާމިޔާބު ޝޯވއަކަށެވެ.

މޯލްޑިވިއަން އައިޑޮލްގެ ސީޒަން 2 ގެ މެއިން ސްޕޮންސަރަކަށް އެލައިޑް އިންޝިއުރަންސް ހަމަޖައްސައި މިކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލް ވިދާޅުވީ، މިއީ ރާއްޖޭގެ ފަހުގެ ތާރީޚުގައި ރައްޔިތުންގެ އެންމެ ބޮޑު ތަރުޙީބެއް ލިބުނު، އެންމެ ގިނަބަޔަކު ބެލި އަދި ފާޑުކިއުން އަމާޒުވި ޓީވީ ޕްރޮގްރާމް ކަމަށެވެ. މި ޝޯވއަށް ބޮޑު ތަރުޙީބެއް ލިބުނުކަން ފާހަގަކުރައްވާ ޚަލީލް ވިދާޅުވީ، ކުރީ ސީޒަންގައި ޝޯވތައް ފެށެން ގާތްގަނޑަކަށް ދެތިން މަހަށް ވެފައިވާއިރުވެސް ސްޕޮންސަރުން ކަށަވަރު ނުވާކަމަށާއި، ބައެއް ސްޕޮންސަރުން ކަށަވަރުވީ ޝޯވ ފެށުނު ފަހުންކަމަށެވެ. ނަމަވެސް މޯލްޑިވިއަން އައިޑޮލްގެ ސީޒަން 2 ގެ ހުރިހާ ސްޕޮންސަރުން މިހާރު ކަށަވަރުވެފައިވާ ކަމަށް ޚަލީލް ވިދާޅުވިއެވެ.

މޯލްޑިވިއަން އައިޑޮލްގެ ސީޒަން 2 ގައި ޖަޖުކަން ކުރާނެ ބަޔަކު ހޯދުމަށް ޝައުގުވެރިކަން ފާޅުކުރުމަށް ވަރަށް އަވަހަށް ހުޅުވާލައްވާނެ ކަމަށާއި، ޝޯވ ޕްރެޒެންޓްކުރާނެ ފަރާތްތައް ހޯދުމަށްވެސް އޮޑިޝަނަށް ހުވާލާނެކަންވެސް މެނޭޖިންގ ޑިރެކްޓަރ މިއަދު އިޢުލާން ކުރެއްވިއެވެ. އަދި މޯލްޑިވިއަން އައިޑޮލްގެ ސީޒަން 2 މިއަހަރުގެ ޑިސެމްބަރު މަހު ފަށައި، އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ޝޯވ ބެލުންތެރިންނާ ހަމައަށް ދައްކަން ފެށޭވަރު ވާނެކަމަށް ޚަލީލް ވިދާޅުވިއެވެ.

ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރު ފާހަގަކުރެއްވިގޮތުގައި މިއީ މުނިފޫހިފިލުވުމުގެ ޝޯވއެއްގެ އިތުރުން މުވައްޒަފުންނަށް ފަންނީ ތަމްރީން ލިބޭ، ވިޔަފާރިއަށްވެސް ފަހި ޕްރޮގްރާމެއް ކަމަށެވެ. އަދި ސީޒަން 2 އަށް ތައްޔާރުވުމުގެ ގޮތުން ފަންނީ ތަޖުރިބާ ހޯދުމަށް ރާއްޖޭގައާއި، ރާއްޖެއިން ބޭރުން މުވައްޒަފުންނަށް ތަމްރީންގެ ފުރުޞަތު ދެއްވާނެކަމަށް ވިދާޅުވެ، ޚަލީލް ވަނީ ފުރަތަމަ ސީޒަނުން ފާހަގަކުރެވުނު އުނިކަންތައްތައް ރަނގަޅުކޮށް ސީޒަން 2 ޕޮރޮޑަކްޝަންގެ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ފުރިހަމަވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އެލައިޑް އިންޝިއުރަންސް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އަމީލް ވިދާޅުވީ، ރާއްޖޭގައި ޒުވާނުންނަށާއި، މުޖުތަމަޢު ބަލައިގަންނަ ހުރިހާ ކަމެއްގައި އެކުންފުނިން އެއްބާރުލުން ދެއްވާނެ ކަމަށެވެ.

މޯލްޑިވިއަން އައިޑޮލްގެ 2 ވަނަ ސީޒަންގެ މެއިން ސްޕޮންސަރ އެއްބަސްވުމުގައި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލެވެ. އެލައިޑުގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓާރ އަޙްމަދު އަމީލެވެ. މޯލްޑިވިއަން އައިޑަލް ސީޒަން 1 ގެނެސްދިނުމަށް ޕީ.އެސް.އެމްގެ ފަރާތުން 17 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާއިރު، 2 ވަނަ ސީޒަނަށް ޚަރަދުވާ ފައިސާގެ ބޮޑުބައެއް މިހާރު ހަމަޖެހިފައިވާކަން ޕީއެސްއެމުން ފާހަގަކުރެއެވެ.