ޚަބަރު

އަވަހާރަ ކޮށްލަން ދިން ޙަމަލާއަށް ފަހު ޓްރަމްޕް ސަޕޯޓަރުންގެ ކުރިމައްޗަށް


އަވަހާރަ ކޮށްލުމުގެ ނިޔަތުގައި ދިން ޙަމަލާއަށް ފަހު އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާ ރިޕަބްލިކަން ޕާޓީގެ ކެނޑިޑޭޓު, ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭނާއަށް ތާޢީދު ކުރާ މީހުންނާ ފުރަތަމަ ފަހަރަށް ބައްދަލު ކުރައްވައިފިއެވެ. ޓްރަމްޕް އަވަހާރަ ކޮށްލަން ބަޑީގެ ޙަމަލާތަކެއް ދީފައި ވަނީ, ޕެންސިލްވޭނިޔާގެ ބަޓްލަރގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަ ދައްކަވަން ހުއްޓައެވެ.

ޙަމަލާއަށް ފަހު ޓްރަމްޕް އޭނާއަށް ތާޢީދު ކުރާ މީހުންނާ ބައްދަލު ކުރައްވާފައި ވަނީ ވިސްކޮންސިންގެ މިލްވާކީގައި ކުރިއަށްދާ ރިޕަބްލިކަން ނޭޝަނަލް ކޮންވެންޝަން (އާރްއެންސީ)ގައެވެ. ކަނާތު ކަންފަތްމަތީގައި ބެންޑޭޖު އަޅުއްވައިގެން ޓްރަމްޕް ސްޓޭޖަށް އަރައިވަޑަައިގަތުމުން އާރްއެންސީ ބައްދަލުވުމުގެ ބައިވެރިން ވަނީ އުފާ ފާޅުކޮށްފައެވެ.

ރިޕަބްލިކަން ޕާޓީގެ ޓިކެޓް ޓްރަމްޕަށް ރަސްމީކޮށް އެރުވުމަށް ހަމަޖެހިފައި ވަނީ ޖުލައި 18ވަނަ ދުވަހު އާރްއެންސީގައެވެ. ނޮވެންބަރު 5ގައި ބާއްވާ އިންތިޚާބުގައި އޭނާ ވާދަ ކުރައްވާނީ ދެވަނަ ދައުރަކަށް ކުރިމަތި ލައްވާފައިވާ ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓު, ރައީސް ޖޯ ބައިޑަނާއެވެ.

ހަތަރު ދުވަހަށް ދެމިގެންދާ އާރްއެންސީ ބައްދަލުވުމުގެ ފުރަތަމަ ދުވަހު ވާހަކަ ދެއްކި ބައެއް ޢާންމުން ވަނީ, އެމެރިކާގެ ޢާންމު ރައްޔިތުންނަށް މި ވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑެތި މައްސަލަތަކަށް އަލިއަޅުވައިލާފައެވެ. އެ ގޮތުން, އެ މީހުން ފާހަގަ ކޮށްފައިވާ ބައެއް މައްސަލަތަކުގެ ތެރޭގައި ތަކެތީގެ އަގުތައް އުފުލުމާ ގުޅިގެން ދަށް- އަދި މެދުމިނުގެ އާމްދަނީ ލިބޭ ޢާއިލާތަކަށް ކުރިމަތިވެފައިވާ ހާލަތު ހިމެނެވެ. އަދި, ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީގެ ސަރުކާރަށް ޢާންމު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ވަޒަން ނުކުރެވޭ ކަމަށް ވެސް އެ މީހުން ބުންޏެވެ.

އާރްއެންސީގެ ފުރަތަމަ ދުވަހު ޓްރަމްޕް ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އޭނާއާ އެކު ވާދަ ކުރައްވާނެ ރަނިންގ މޭޓަކީ އޮހާޔޯ ސްޓޭޓްގެ ސެނެޓަރު ޖޭމްސް ޑޭވިޑް ވޭންސް ކަން އިޢުލާނު ކުރައްވާފައެވެ. ރަނިންގ މޭޓުގެ ގޮތުގައި ވޭންސް އިޢުލާނު ކުރެއްވުމުން ބައިޑަން ވަނީ އެ ކަމަށް ފާޑު ވިދާޅުވެފައެވެ.

ބައިޑަން ސިފަ ކުރެއްވި ގޮތުގައި ވޭންސަކީ ޓްރަމްޕްގެ ނަކަލެކެވެ. އަދި, މައްސަލަތަކުގައި ޓްރަމްޕާ ޚިޔާލު އެއްގޮތް ބޭފުޅެކެވެ. ޑިމޮކްރެޓިކް ޕާޓީގެ ބައެއް އިސް މެންބަރުން ވެސް ވޭންސަށް ފާޑު ވިދާޅުވެފައިވެއެވެ. ޚާއްޞަ ގޮތެއްގައި, ދަރިމައިވުމުގެ ޞިއްޙަތާއި ޙައްުޤުތަކާ މެދު ވޭންސް ގެންގުޅުއްވާ ސިޔާސަތުތަކަށް ޑިމޮކްރެޓިކް ޕާޓީން ވަނީ ފާޑުކިިޔާފައެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބު ވަރަށް ވާދަވެރިވާނެ ކަމަށް ޚިޔާލު ހޯދުމުގެ ވޯޓުތަކުގެ ނަތީޖާއިން ފެންނައިރު, މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ވެސް އެ ކަމާ އެއްބަސްވެއެވެ. ނަމަވެސް, ޓްރަމްޕަށް އޮތް ތާޢީދު އިތުރުވެ, ރިޕަބްލިކަން ޕާޓީގެ ކެމްޕޭނަށް ޚަރަދު ކުރާ މީހުންގެ ޢަދަދު އިތުރުވަމުންދާ މަންޒަރު ދަނީ ފެންނަމުންނެވެ.

ޓްރަމްޕްގެ ކެމްޕޭނަށް ފައިސާ ހޯދުމުގައި އިސްކޮށް ހަރަކާތްތެރިވާ ޓެއިލަރ ބުޑޮވިޗް ވިދާޅުވީ, ޓްރަމްޕަށް ތާޢީދު ކުރާ (މޭކް އެމެރިކާ ގްރެއިޓް އަގެއިން) މާގާ އިންކޯޕޮރޭޓެޑަށް ލިބިފައިވާ ފައިސާގެ ޢަދަދު 50 މިލިޔަން އެމެރިކާ ޑޮލަރަށް އުފުލިފައިވާ ކަމުގައެވެ. ބިލިޔަނަރެއް ކަމުގައިވާ އެކްސް (ކުރިން ޓްވިޓަރ)ގެ ސީއީއޯ އީލޯން މަސްކް ވެސް ދާދި ފަހުން ވަނީ ޓްރަމްޕަށް ތާޢީދު ކުރާ ކަން ހާމަ ކޮށްފައެވެ. އަދި, ޓްރަމްޕްގެ ކެމްޕޭނަށް މަހަކު 45 މިލިޔަން އެމެރިކާ ޑޮލަރު ހަދިޔާ ކުރަން މަސްކް ނިންމާފައިވާ ކަމަށް އެމެރިކާގެ ނޫހެއް ކަމުގައިވާ ވޯލް ސްޓްރީޓް ޖަރނަލުން ރިޕޯޓު ކުރެއެވެ.

ބަޓްލަރގައި ބޭއްވި ކޭމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަން ހުއްޓައި ޓްރަމްޕަށް އަމާޒުކޮށް ދިން ބަޑީގެ ޙަމަލާތަކުގައި އޭނާއަށް ޒަޚަމުތަކެއް ލިބުނު ނަމަވެސް, ފުރާނައަށް ނުރައްކާވެފައެއް ނުވެއެވެ. ޓްރަމްޕަށް ބަޑިން ޙަމަލާ ދިން މީހާގެ ވަނަވަރު އެމެރިކާގެ ތަޙުޤީޤީ އިދާރާ, ފެޑެރަލް ބިޔުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި)ން ވަނީ ހާމަ ކޮށްފައެވެ. އެއީ, 20 އަހަރުގެ ޒުވާނެއް ކަމުގައިވާ ތޮމަސް މެތިއު ކްރުކްސެވެ. އޭނާއަކީ ޓްރަމްޕަށް ތާޢީދު ކުރާ, ރިޕަބްލިކަން ޕާޓީގެ މެންބަރެކެވެ. ޓްރަމްޕަށް ޙަމަލާ ދިނުމަށް އޭނާ ބޭނުން ކޮށްފައި ވަނީ އޭއާރް-15 މަރުކާއާ ވައްތަރުގެ ބަޑިއެކެވެ.

ޕެންސިލްވޭނިޔާގައި ދިން ޙަމަލާއާ ގުޅިގެން އެމެރިކާގެ ސިޔާސީ މަސްރަޙުގައި އެންމެ ގަދައަށް ދެކެވެމުން ދިޔަ ވާހަކަތަކާއި ހިނގަމުން ދިޔަ ބަހުސްތަކަށް ބަދަލު އައިސްފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ. ޙަމަލާގެ ކުރިން 81 އަހަރުގެ ބައިޑަންގެ އުމުރާ މެދު ދެކެވެމުން ދިޔަ ވާހަކަތަކުގެ އަޑުތައް ފަނޑުވެގެން ގޮސްފައިވާ ކަމުގައި އެ ފަރާތްތަކުން ބުނެއެވެ.