ޚަބަރު

ޔޫރަޕްގެ ޗެމްޕިއަންކަން ލިބުމުން މިހާ ހިސާބުން ނިންމާލާކަށް ގަސްދެއްނުކުރަން: ރޮޑްރީ


ސްޕެއިން ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިންނަކީ މީގެކުރީން، 19 އަހަރުން ދަށުގެ އާއި 21 އަހަރުން ދަށުގެ ޔޫރަޕިއަން ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައިވާ ކުޅުންތެރިން ކަމަށާއި، މިހާރު ސްޕެއިނަކީ ޔޫރަޕްގެ ޗެމްޕިއަނުންނަށް ވީ ނަމަވެސް، މިހާހިސާބުން ނިންމާލަން ބޭނުންނުވާ ކަމަށް ސްޕެއިންގެ މިޑްފީލްޑަރު، ރޮޑްރީ ބުނެފިއެވެ.

ޔޫރޯ 2024 ގެ ފައިނަލް މެޗަށްފަހު ސްޕެއިންގެ މިޑްފީލްޑަރު، ރޮޑްރީ ބުނީ ސްޕެއިން ޓީމުގައި ތިބި ކުޅުންތެރިންނަކީ ދުރާލާ އެކަމަށް ތަރުބިއްޔަތުވެގެން އެކަމުގެ އަމާޒުގައި ބުރަކޮށް މަސައްކަތްކޮށްގެން އައިސްފައިވާ ކުޅުންތެރިން ކަމަށެވެ.

ރޮޑްރީ ވަނީ، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުމުން އެވޯޑަށްފަހު، މިއީ އޭނާގެ ކެރިއަރުގެ އެންމެ އުފާވި ދުވަސް ކަމަށް ބުނެފައެވެ.

މުބާރާތުގެ ފައިނަލް މެޗުގެ ފުރަތަމަ ހާފުގައި ލިބުނު އަނިޔާއަކާ ގުޅިގެން ދެވަނަ ހާފަށް ނިކުތްއިރު ރޮޑްރީގެ ބަދަލުގައި ސްޕެއިނުގެ ކޯޗު، ލުއިސް ޑެ ލަ ފުއެންޓޭ ވަނީ ރެއާލް ސޮސިއެޑާޑަށް ކުޅެމުންއަންނަ މާޓިން ޒުބިމެންޑީ އަށް ފުރުޞަތުދީފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ކުޅުމުގެ ތެރެއިން ލިބުނު އަނިޔާއާ ގުޅޭގޮތުން ރޮޑްރީ ބުނީ، ޕެނަލްޓީއޭރިޔާ ތެރެއިން އެ ޓީމުގެ ސެންޓްރަލް ޑިފެންޑަރު، ރޮބިން ލެ ނޯމަންޑްއާ މުޑިއެރުމުގެ ސަބަބުން ފަޔަށް އަނިޔާލިބި، އިތުރު އުނދަގޫތަކެއްވި ކަމަށެވެ. އެހެންވެ، އޭނާ އަށް މެޗުގައި ދެން އިތުރަށް ކުޅުން ކުރިއަށްނުގެންދެވޭނެކަމަށް ގަބޫލުކުރެވުނު ކަމަށް ވެސް ރޮޑްރީ ބުންޏެވެ.

ސްޕެއިނުން މިހާރު ބިނާކޮށްފައިވާ އާއިލާ އެންމެންނަށް ފެނިގެންދާނެ ކަމަށާއި، މިހާތަނަށް ޔޫރޯ އެންމެ ގިނަ ފަހަރު ކާމިޔާބުކޮށްފައިވަނީ ވެސް އެ ޓީމު ކަމަށް ރޮޑްރީގެ ވާހަކައިގައި ފާހަގަކޮށްފައިވެއެވެ.

ރޮޑްރީ ބުނީ، ސްޕެއިނުގެ ފުޓްބޯޅަ އަށް ބެލޮންޑިއޯއެއް ހައްގުވާ ކަމަށާއި، ކޮންމެ ކުޅުންތެރިއަކަށް ލިބުނަސް އޭނާގެ މައްސަލައެއް ނެތް ކަމަށެވެ.

"އަހަރެން ވަރަށް ތެދުވެރިވާނަން، އަހަރެން ބޭނުމީ ސްޕެއިނުގެ ކުޅުންތެރިއަކަށް ބެލޮންޑިއޯ އެވޯޑް ލިބެން. ކޮންމެ ކުޅުންތެރިއަކަށް ވިޔަސް މައްސަލައެއްނެތް." ރޮޑްރީ ބުންޏެވެ.

ރޮޑްރީ އަށް ބެލޮންޑިއޯ އެވޯޑް ލިބުމާ ގުޅޭގޮތުން ބުނީ، ރެއާލް މެޑްރިޑާއެކު އެންމެ ފަހުގެ ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލި ސްޕެއިނުގެ ޑިފެންޑަރު، ޑަނީ ކަރްވަހާލް އަށް ވެސް އެވޯޑް ހައްގުވާ ކަމަށެވެ. އިންޑިވިޖުއަލީ ދެއްކި ކުޅުމަށް ބަލާއިރު، އޭނާ ރަނގަޅު ކުޅުމެއްދައްކާފައިވާ ކަމަށާއި ލިބެމުންއަންނަ ތަރުހީބާއި ތައުރީފަށް ޝުކުރުވެރިވެ، ފަޚުރުވެރިވާ ކަމަށެވެ. އެކަމަކު، އެވޯޑް ހައްގުވާ ކުޅުންތެރިޔާ ކަނޑައަޅަން އެސެސްމެންޓް ހަދަންވާނީ އެހެން މީހަކު ކަމަށް ރޮޑްރީ ބުންޏެވެ.