ޚަބަރު

ފުލުހުންގެ ބެލުމުގެ ދަށަށް މީހަކު ގެންދިއުމުގެ ތެރޭގައި އަނިޔާވި މައްސަލައެއް ބަލަނީ


  • އަނިޔާވެފައިވަނީ 38 އަހަރުގެ ފިރިހެނަކަށް

  • އޭނާއަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުން

  • މި މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަރޑްސް ކޮމާންޑަށް ވަނީ ހުށަހަޅާފައި

ޑްރަގް ކޯޓުގެ އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހަކު ހައްޔަރު ކުރުމުގެ ތެރޭގައި އަނިޔާވި މައްސަލައެއް ކަމާއިބެހޭ އިދާރާތަކުން ބަލަމުންދާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ކޯޓު އަމުރެއްގެ ދަށުން ޑްރަގް ކޯޓަށް އަންގާރަ ދުވަހު 1 ޖަހާއިރަށް ހާޒިރުކުރުމަށް، ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުގެ ތެރޭގައި އަނިޔާވެފައިވަނީ 38 އަހަރުގެ ފިރިހެނަކަށްކަމަށެވެ. އަދި އޭނާއަށް އައި.ޖީ.އެމް.އެޗުގައި މިވަގުތު ފަރުވާދެމުންދާ ކަމަށެވެ.

މިހާދިސާގައި ފުލުހުން ޢަމަލުކުރިގޮތާމެދު ޢާއިލާގެ ސީރިއަސް ކަންބޮޑުވުންތަކެއް ހުރުމުން އެކަން ބެލުމަށް، ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަރޑްސް ކޮމާންޑް، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަދި ހިއުމަން ރައިޓްސް ކޮމިޝަންގައި އެދިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

އެހެންނަމަވެސް މިމައްސަލައިގެ އިތުރު ތަފްޞީލެއް ފުލުހުން ހާމަކުރައްވާފައެއްނުވެއެވެ.