ޚަބަރު

އަލް-މަވާސީގައި 90 ރެފިއުޖީން ޝަހީދުކޮށްލުމަށް ފަހު ޔަހޫދީންގެ އަމާޒު ޣައްޒާގެ މެދާއި ދެކުނަށް


ޣައްޒާގެ އަލް-މަވާސީ ރެފިއުޖީ ކޭމްޕަށް ރަޙުމު ކުޑަ ޙަމަލާތަކެއްދީ 91 މުސްލިމުން ޝަހީދު ކޮށްލުމަށް ފަހު ޔަހޫދީ ފައުޖުގެ އަމާޒު ޣައްޒާގެ މެދާއި ދެކުނަށް އަނބުރައިލައިފިއެވެ. ޚާން ޔޫނިސްގައި ހުޅަނގުން އޮންނަ މަވާސީއަށް ދިން ޙަމަލާތައް ޔަހޫދީ ފައުޖުން އަމާޒު ކޮށްފައި ވަނީ އެތަކެއް ސަތޭކަ ހާސް ރެފިއުޖީން ދިރިއުޅެމުން ދިޔަ ފޭލިގެތައް ޖަހާފައިވާ ސަރަޙައްދަށެވެ. އެ ޙަމަލާގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 300އަށް އުފުލިފައެވެ.

މަވާސީއަށް ފަހު ޔަހޫދީންގެ ޙަމަލާތައް އިތުރު ކޮށްފައިވާ ރަށްތަކުގެ ތެރޭގައި ޣައްޒާގެ އެންމެ ދެކުނުން އޮތް ރަފަޙް ހިމެނެއެވެ. އެ ރަށުގެ ރައްޔިތުން ބުނީ, އެ ރަށުގެ ހުޅަނގާއި މެދުތެރޭގައި ހުރި ޢާންމުންގެ ގެދޮރަށް ޔަހޫދީ ފައުޖުން ދެމުންދާ ޙަމަލާތައް އިތުރު ކޮށްފައިވާ ކަމުގައެވެ. ރަފަޙްގެ އިރުމަތީގައި ހުންނަ ގެއަކަށް ބޮން އަޅައި ޔަހޫދީ ފައުޖުން ޝަހީދު ކޮށްލާފައިވާ 10 މީހުންގެ ހަށިގަނޑު ފެނިފައިވާ ކަމުގައި ޣައްޒާގެ ޞިއްޙީ ޚިދުމަތްތެރިން ހާމަ ކުރިއެވެ.

ޣައްޒާގައި މެދުތެރޭގައި އޮންނަ ދެ ރެފިއުޖީ ކޭމްޕު ކަމުގައިވާ އަލް-ބުރަޔިޖާއި އަލް-މަޣާޒީއަށް ވެސް ޔަހޫދީ ފައުޖުން ވަނީ ޙަމަލާތައް އިތުރު ކޮށްފައެވެ. މި ގޮތުން, މަޣާޒީއަށް ދިން ރަޙުމު ކުޑަ ޙަމަލާތަކެއްގައި އެ ތަނުގައި ދިރިއުޅޭ ރެފިއުޖީންގެ ތެރެއިން ފަސް މީހުން ޝަހީދު ކޮށްލާފައިވާ ކަމުގައި ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ.

ޣައްޒާ ޢުދުވާނާ ގުޅިގެން އެ ސަހަރުގައި ދިރިއުޅޭ 2.3 މިލިޔަން ވަރަކަށް މީހުން ވަނީ ނިކަމެތިވެފައެވެ. އެ ސަހަރަށް ކާބޯތަކެއްޗާއި ބޭސްފަރުވާއަށް ބޭނުންވާ ސާމާނު ވެއްދުން ހުއްޓުވާފައި އޮތުމުން, ޣައްޒާގެ ރައްޔިތުންގެ ތެރެއިން އެތަކެއް ސަތޭކަ ހާސް ބަޔަކު ވަނީ ހައިހޫނުގައި ޖެހިފައިއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންނަށް ޞިއްޙީ ފަރުވާ ދެވޭނެ ގޮތެއް ވެސް ނެތެވެ.

ޣައްޒާގެ މެދުތެރޭގައި އޮންނަ ދަޔިރް އަލް-ބަލަޙަކީ މި ވަގުތު 700,000އެއްހާ ރެފިއުޖީން ދިރިއުޅެމުންދާ ސަރަޙައްދެކެވެ. ދަޔިރް އަލް-ބަލަޙަށް ކަރަންޓު ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ތެޔޮ ހުސްވުމާ ގުޅިގެން އެ ސަރަޙައްދުގައި ދިރިއުޅޭ ރެފިއުޖީން ބޯފެނަށް ޖެހިފައިވާ ކަމުގައި އެ ސަރަޙައްދުގެ މުނިސިޕަލިޓީން ހާމަކުރިއެވެ. މިއާ އެކު, އެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް މި ވަނީ އިތުރު ނިކަމެތިކަމާ ކުރިމަތިލާން ޖެހިފައެވެ. ފާއިތުވި ދެ ދުވަހުގެ ތެރޭގައި ޔަހޫދީ ފައުޖުން ރަފަޙާއި, އަލް-ބުރަޔިޖާއި, އަލް-މަޣާޒީގެ އިތުރުން ދަޔިރް އަލް-ބަލަޙަށް ދީފައިވާ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި 80އަށްވުރެ ގިނަ ޢަދަދަކަށް ކުޑަކުދިން ހިމެނެއެވެ.

ދަޔިރް އަލް-ބަލަޙަށް ވެސް ޔަހޫދީ ފައުޖުން ދަނީ ޙަމަލާތައް އަމާޒުކޮށް, މުސްލިމުން ޝަހީދު ކުރަމުންނެވެ. "އަޅުގަނޑުގެ އުމުރުން ދުވަސްވީ މަންމަ, މަތީ ބުރީގައި އަޅުގަނޑާ އެކު އިނދެފައި ތިރިއަށް ފޭބީ ކޮންމެ ވެސް ބޭނުމެއްގައި. ފަސް މިނެޓު ފަހުން, އަޅުގަނޑުމެން ދިރިއުޅޭ ގޭގެ ސުންނާފަތި ކޮށްލާފައިވާ ޢިމާރާތުގެ ދަށުން އަޅުގަނޑަށް ނެރެން ޖެހުނީ މަންމަގެ ފުރާނަ ނެތް މަސްގަނޑު. އަދި, އަޅުގަނޑުގެ އަންހެން ކޮއްކޮއާއި, އޭނާގެ ދަރިންގެ ހަށިތައް ވެސް ނެގީ ކޮންކުރީޓާއި ފާރުތަކުގެ ދަށުން،" ދަޔިރް އަލް-ބަލަޙަށް ޔަހޫދީ ފައުޖުން ދިން ރަޙުމު ކުޑަ ޙަމަލާއެއް ސިފަ ކޮށްދެމުން އެ ރަށުގައި ދިރިއުޅޭ ވަލީދް ޘާބިތް ކިޔައިދިނެވެ.

"ޔަހޫދީންގެ ޙަމަލާގައި ޝަހީދު ކޮށްލި މީހުންގެ ތެރޭގައި އަޅުގަނޑުގެ މަންމައާއި, އަންހެން ކޮއްކޮއާއި, ކޮއްކޮގެ ދަރިން ހިމެނޭ. އެއީ ކުޑަކުދިންތަކެއް. އެއް ކުއްޖެއްގެ އުމުރަކީ އެންމެ ދެ އަހަރާއި ބައި. އަނެއް ކުދިންނަށް ވީ ގޮތެއް ވެސް ނޭނގޭ. މާތް ކަލާންގެ ދެނެވޮޑިގަންނަވާނީ،" އޭނާ ބުންޏެވެ.

މީގެ ނުވަ މަސް ކުރިން ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 38,664އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 89,097އަށް އުފުލިފައެވެ. އދން ބުނީ, ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.