ޚަބަރު

އޭސިީސީން ބަލަމުންދާ ސަރުކާރު ކުންފުނިތަކާ ގުޅޭ މައްސަލަތަކުގެ އަދަދު 890އިން މަތީގައި


  • ކުންފުނިތަކުގެ މައްސަލަ ގިނަ ވުމުން އޭސީސީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި

  • ރިޔާސީ އިންތިހާބާއި ގުޅުވައި އޭސީސީ އަށް ހުށަހެޅުނު މައްސަލަތައް ބޮޑުތަނުން އިތުރުވި

ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކާއި ގުޅޭ 896 މައްސަލައެއް ބަލަމުންދާ ކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ. އޭސީސީން މިކަން ހާމަކޮށްފައިވަނީ އެކޮމިޝަނުން މިހާރު ބަލަމުންދާ މައްސަލަތަކުގެ ތެރެއިން ސަރުކާރު ކުންފުނިތަކާއި ގުޅުންހުރި މައްސަލަތަކުގެ މަޢުލޫމާތު ރައްޔިތުންގެ މަޖިލިހުގެ އެސްއޯއީ ކޮމެޓީގެ މެންބަރުންނާއި ހިއްސާ ކުރައްވަމުންނެވެ.

މި ކޮމެޓީ ބައްދަލުވުމުގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ރައީސް އަލްއުސްތާޛް އާދަމް ޝާމިލް ވިދާޅުވީ، އެ ކޮމިޝަނުން މައްސަލަ ތަހުޤީޤު ކުރުމުގައި ދެ މަރުހަލާއެއް އޮންނަ ކަމަށެވެ. އެގޮތުން ކޮމިޝަނަށް މައްސަލައެއް ހުށަހެޅުމުން ޕްރިލިމިނަރީ އިންވެސްޓިގޭޝަނެއް ކުރިއަށް ގެންދާކަމަށާއި، އެ މަރުހަލާގައި ކޮމިޝަނަށް ހުށަހެޅޭ މައްސަލަ ތަކުގެ ކިތާބީ ހެކި ހޯދައި، ހެކިތައް ވަޒަންކޮށް އެޝަކުވާއަކީ އިތުރަށް ތަހުޤީޤުކުރަން ޖެހޭ މައްސަލައެއްތޯ ނިންމާކަމަށެވެ. އަދި އޭގެ ފަހުން ކޮރަޕްޝަނަށް އެކުލެވޭ މައްސަލައެއް ނަމަ އެކޮމިޝަނުންގެ އިންވެސްޓިގޭޝަނުން ތަހުޤީގުރެއެވެ.

އޭސީސީން ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ގިނަ މައްސަލަތަކެއް އެ 2 މަރުހަލާގައިވެސް އެސީސީން ބަލަމުންދާ ކަމަށެވެ. އެގޮތުން ޖުމްލަ 896 މައްސަލައެއް ބަލަމުންދާ ކަމަށް އެސީސީގެ ރައީސް ވިދާޅުވިއެވެ.

"މިހާރު އަޅުގަނޑުމެން ބަލާއިރު، ކުންފުނިތަކާއި ގުޅުންހުރި 316 މައްސަލައެއް އެބައޮތް ޕްރިލިމިނަރީ މަރުހަލާގަ. އަދި 580 މައްސަލައެއް އެބައޮތް އަޅުގަނޑުމެން އިތުރަށް ތަހުޤީޤު ކުރާ މަރުހަލާ ތެރޭގައި" އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވިއެވެ.

ސަރުކާރު ކުންފުނިތަކަށް ނިސްބަތްވާ ގިނަ މައްސަލަތައް ހުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި ފާއިތުވެ ދިޔަ 5 އަހަރު ތެރޭގައި، މައްސަލަތައް އިތުރުވެގެން ދިޔަކަން އޭސީސީން ފާހަގަކުރެއެވެ.

އޭސީސީގެ ރައީސް ވިދާޅުވީ، އެކޮމިޝަނުގެ މަސައްކަތާއި 2022 ވަނަ އަހަރު ހަވާލުވި ފަހުން ޤައުމީ ފެންވަރުގެ ބޮޑު ދެ އިންތިޚާބެއް ބާއްވާފައިވާއިރު، ރިޔާސީ އިންތިޚާބުގައި މައްސަލަތައް އިތުރުވިކަން ޝާމިލް ފާހަގަކުރެއްވިއެވެ.

"އޭގެ ތެރެއިން ރިޔާސީ އިންތިހާބާއި ގުޅިގެން މައްސަލަތައް ހުށަހެޅުނު ނިސްބަތައް ބަލާއިރުގައި ހަމަ ވަރަށް ބޮޑު އަދަދުތަކުން ކަންބޮޑުވުންތައް ހުރެގެން ރައްޔިތުން މައްސަލަތައް ހުށަހެޅި. އެއީ ދެން ޓްރެންޑެއްގެ ގޮތުގައި ފާހަގަވެފައި އޮތް ކަމެއް. " ޝާމިލް އެވެ.

އޭސީސީން ވަނީ ކުންފުނިތަކާއި ގުޅިގެން ގިނަ މައްސަލަތަކެއް ހުރިއިރު، ކޮމިޝަނުގެ ތަހުޤީޤު ނިމި އަނބުރާ ދައުލަތައް ފައިސާ ހޯދުމަށް އަނގާފައިވާ އެންގުންތަކާއި އެއްގޮތަށް ކުންފުނިތަކާއި ގުޅުން ހުރި މައްސަލަތުގައި މިއަހަރު މިހާތަނަށް 237،108.53ރ މިހާތަނަށް ހޯދިފައިވާ ކަން ހާމަކޮށްފައެވެ.