ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ނޭޕާލްގެ އައު ބޮޑުވަޒީރަށް ތަހުނިޔާ ވިދާޅުވެއްޖެ


  • ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ ޝައުޤުވެރިކަން ފާޅުކުރެއްވި

ނޭޕާލްގެ ބޮޑުވަޒީރުކަމަށް ކަޑްގާ ޕްރަސާދް ސޮރްމާ އޮލީ އިންތިޚާބުވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ނޭޕާލްގެ އެންމެ ބޮޑު ދެ ސިޔާސީ ޕާޓީ ގުޅިގެން އިއްތިހާދެއް އެކުލަވާލައި, ބޮޑުވަޒީރު ކަމުގެ މަޤާމަށް ކަޑްގާ ޕްރަސާދް ސޮރްމާ އޮލީ ކާމިޔާބުކުރެއްވުމާ ގުޅިގެން ތަހުނިޔާ ވިދާޅުވެފައެވެ.


ރައީސުލްޖުމްހޫރިއްޔާގެ މެސެޖްގައި ދިވެހިރާއްޖެއާއި ނޭޕާލަކީ ވަރަށް ގާތް ގުޅުމެއް އޮންނަ ދެ ޤައުމު ކަމަށާއި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް އެކުގައި މަސައްކަތް ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

ކަޑްގާ ޕްރަސާދް ސޮރްމާ އޮލީއަކީ ނޭޕާލްގެ ކޮމިޔުނިސްޓު ޕާޓީގެ ވެރިޔާއެވެ. މިއީ 72 އަހަރުގެ އޮލީ ނޭޕާލްގެ ބޮޑުވަޒީރު ކަމުގެ މަޤާމާ ހަވާލުވެ ވަޑައިގަންނަވާ ހަތަރު ވަނަ ފަހަރެވެ. އޮލީއަށް މިފަހަރު ބޮޑުވަޒީރު ކަމުގެ މަޤާމު ލިބިވަޑައިގެންނެވީ, އެ މަޤާމު ފުުރުއްވަމުން ގެންދެވި ޕުސްޕާ ކަމަލް ދަހަލްގެ ސަރުކާރު ރޫޅި, އޭނާއާ ދެކޮޅަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ފާސް ކުރުމާ ގުޅިގެންނެވެ.