ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާއާއި އަދި މި ނޫންވެސް ދެޤައުމުން އިސްކަންދޭ ކަންތައްތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއާއި ސްލޮވާކިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ރޮބަޓް މެކްސިއަން މަޝްވަރާކުރައްވައިފިއެވެ.
މިމަޝްވަރާތައް ކުރެއްވީ ސްލޮވާކިޔާއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ރޮބަޓް މެކްސިއަން އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް އެރުއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައެވެ.
މި ރަސްމިއްޔާތަށް ސަފީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވާފައެވެ.
ސްލޮވާކިޔާގެ އައު ސަފީރު، ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ވިދާޅުވެފައެވެ.
ފަތްކޮޅު އެރުއްވުމަށްފަހު އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއާއި، ވިޔަފާރީގެ ދާއިރާއާއި އަދި މި ނޫންވެސް ދެޤައުމުން އިސްކަންދޭ ކަންތައްތައް ހިމެނެއެވެ. މީގެ އިތުރުން ދެ ބޭފުޅުން ވަނީ ދެޤައުމުގެ ގާތް ރަހުމަތްތެރިގުޅުން އިތުރު ހަރުފަތަކަށް ކުރިޔަށްގެންދިއުމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރައްވައިފައެވެ.
ދިވެހިރާއްޖެއާ ސްލޮވާކިޔާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1993 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުގައެވެ.
ސްލޮވާކިޔާގެ ސަފީރަކީ ނޮން-ރެޒިޑެންޓް ސަފީރުގެ ގޮތުގައި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެކެވެ. ސަފީރު ހުންނަވާނީ އިންޑިއާގެ ނިއުދިއްލީގައެވެ.