ޚަބަރު

ނިރުފެހިގޭ އަލިފާނުގެ ހާދިސާގައި މަރުވި ބައެއް މީހުން އަދިވެސް ދެނެގަނެވިފައެއް ނުވޭ: އިޙްސާން


  • އަލިފާނުގެ ހާދިސާގައި 10 ބިދޭސީން މަރުވި

މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެތެރެއިން ބައެއް މީހުން އަދިވެސް ދެނެނުގަނެވޭ ކަމަށް ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު ހިނގި އެ އަލިފާނުގެ ހާދިސާގައި 10 ބިދޭސީން މަރުވިކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

މި އަލިފާނުގެ ހާދިސާގައި މުޅި އިމާރާތް އެއްކޮށް ވަނީ އަނދާ ހުލިވެފައެވެ. މި ހާދިސާގައި މަރުވެފައިވަނީ ބަންގްލަދޭޝްގެ 2 މީހަކާއި އިންޑިއާގެ 8 މީހެއްކަމަށް އޭރު ފުލުހުން ވިދާޅުވެފައިވެއެވެ. މީގެ ތެރެއިން އިންޑިއާއަށް ނިސްބަތްވާ 3 މީހެއްގެ ހަށިގަނޑު އޭރު ޤައުމަށް ފޮނުވާލިއެވެ.

ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާއަކީ މިހާތަނަށް ރާއްޖޭގައި ހިނގި މިފަދަ އެންމެ ހިތާމަވެރި އެއް ހާދިސާއެވެ.

އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަލާމަތީ ޚިދުމަތްތަކާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ އެ އަލިފާނުގެ ހާދިސާ ހިނގި ތަނުގައި ތިބީ ކިތައް މީހުންތޯވެސް އެނގުނީ އަލިފާން ކޮންޓްރޯލްކޮށް ނިމުނު ފަހުންކަމަށެވެ. އަދި މިހާތަނަށްވެސް އޭގެ ތެރެއިން ބައެއް މީހުންނަކީ ކޮންބައެއްކަން ދެނެގަނެވިފައިނުވާކަމަށް އިހްސާން ވިދާޅުވިއެވެ.

"އެނގިވަޑައިގަންނަވާނެ އަލިފާނުގެ ހާދިސާއެއް ރާއްޖޭގައި، މާލޭގައި ހިނގި. ހިނގައިގެން އެ ހާދިސާ ހިނގި ތަނުގައި ތިބީ ކިތައް މީހުންތޯވެސް އަޅުގަނޑުމެންނަށް އެނގުނީ އަލިފާން ނިވި، މީހުންގެ ހަށިގަނޑު ގުނައިގެން، އެ ތަނުން ފެނުނު މީހުންގެ. އަދި އަދަށް ދާންދެން ވެސް އޭގެ ތެރެއިން ބައެއް މީހުންނަކީ އައިޑީ ނުކުރެވޭ މީހުން" ވަޒީރު ޢަލީ އިޙްސާން ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި ރާއްޖޭގައި ބިދޭސީން ދިރިއުޅޭ ޙާލަތުގެ މައްޗަށް އަލިއަޅުއްވާލައްވާ ވިދާޅުވީ، ބައްޔެއް ފެތުރޭނަމަ ނުވަތަ އެނޫންވެސް ޙާލަތެއްގައި އެހީތެރިކަން ފޯރުކޮށްދޭން ޖެހިއްޖެނަމަ އެ ތަނެއްގައި ތިބީ ކިތައް ބިދޭސީންކަން އެނގިގެން ނޫނީ އެ މީހުންނަށް ބޭނުންވާ އެހީ، ނުވަތަ ސެކިއުރިޓީ ފޯރުކޮށް ނުދެވޭނެކަމަށެވެ.

މިފަދަ ކަންކަމާއި ގުޅިގެން، ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ބިދޭސީ މަސައްކަތްތެރިން ބައިތިއްބާނެ އެކޮމޮޑޭޝަންތަކެއް އެޅުމަށް ސަރުކާރުގެ ވިސްނުން ހުރިކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ވަޒީރު ޢަލީ އިޙްސާން ވަނީ 1000 އަށްވުރެ ގިނަ ބިދޭސީން ރާއްޖޭގައި އުޅޭ ސަރަހައްދުތަކުގައި ޑޯމެޓަރީ ފެސިލިޓީތައް އެޅުމަށް މެލޭޝިއާގެ ކުންފުންޏަކުން ޝަޢުގުވެރިކަން ފާޅުކޮށްފައިވާކަމަށް ބުނެފައެވެ.