2010 ވަނަ އަހަރުގެ ފަހުން ބިން ހިއްކި ތަންތަނަށް ބޭނުންވާ ޚިދުމަތްތައް ސަރުކާރުން މިހާތަނަށް ފޯރުކޮށްދީފައިނުވާ ކަމަށް އިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރައްޔިތޔުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
އިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ 2010ގެ ފަހުން ހިއްކި ބިންތަކުގެ ތެރެއިން އަސާސީ ޚިދުމަތް ގާއިމުކުރެވިފައިވަނީ އެންމެ ދެ ތަނެއްގައި ކަމަށެވެ. އެއީ ހުޅުމާލެ ދެވަނަ ފިޔަވައްސާއި ހއ. ދިއްދޫކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ އިތުރު އެއްވެސް ތަނެއްގައި އަސާސީ ޚިދުމަތްތައް މިހާތަނަށް ފޯރުކޮށްދީފައި ނުވާ ކަމަށެވެ.
މިއީ ބޮޑު ޚަރަދެއް ހިނގާނެ މަޝްރޫޢުތަކެއް ނަމަވެސް އެސަރަހައްދުތަކުގައި މީހުން އާބާދުވުމަށް ފެނާއި ނަރުދަމާ އާއި ކަރަންޓާއި މަގުތައް ހެދުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންވެ، މިސަރުކާރުން އެމަސައްކަތްކުރަމުން އަންނަކަމަށް ވިދާޅުވިއެވެ.
"ދައުލަތުން ވަރަށް ބޮޑެތި ޚަރަދުތައް ކޮށްފައި ހިއްކާފައި ހުރި ބިންތަކެއް. ޚަރަދުކޮށްފައި އޭގެ އެއްވެސް ފައިދާއެއް ނުވެ ހުރި ތަންތަން މިއީ. އެހެންވެ އެތަންތަން ބޭނުން ހިފޭ ތަންތަނަށް ހެދުމަކީ ސަރުކާރުން އިސްކަންދޭ ކަމެއް. އެއަށް އަޅުގަނޑުމެން މިހާރު އަގުތަކާ އެއްޗެހި ހެދިފައިހުރީ. އެއަށް ދެން ބޭނުންވާ ފަންޑިން ހޯދުމުގެ މަސައްކަތާއި ކުރިއަށް ގެންދާނެގޮތެއް އަޅުގަނޑުމެން މިދަނީ ބަލަމުން،" އިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިހާރު ފަށާފައިވާ މަޝްރޫޢުތަކުގެ ތެރެއިން މިހާތަނަށް ފެނާއި ނަރުދަމާގެ ޚިދުމަތް ނުދެވި ހުރި ހުރިހާ ރަށެއްގައި އެ ޚިދުމަތް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ގާއިމުކުރައްވާނެ ކަމަށެވެ.