ޚަބަރު

ޓްރަމްޕަށް ދިން ޙަމަލާއާ ގުޅިގެން މަސްރަޙު ފިނިކުރަން ބައިޑަން މަސައްކަތް ކުރައްވަނީ


ނޮވެންބަރު މަހުގެ ތެރޭގައި އެމެރިކާގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާ ރިޕަބްލިކަން ޕާޓީގެ ކެނޑިޑޭޓު, ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަ ކޮށްލުމުގެ ނިޔަތުގައި ދިން ޙަމަލާއާ ގުޅިގެން އެ ޤައުމުގެ ސިޔާސީ މައިދާނުގައި އުފެދިފައިވާ ނުތަނަވަސް ކަމާއި ހަމަނުޖެހުންތައް ހައްލުކޮށް, މަސްރަޙު ފިނިކުރަން ރައީސް ޖޯ ބައިޑަން މަސައްކަތް ފައްޓަވައިފިއެވެ.

ޕެންސިލްވޭނިޔާގެ ބަޓްލަރގައި ބޭއްވި ކޭމްޕޭން ޖަލްސާއެއްގައި ވާހަކަ ދައްކަވަން ހުއްޓައި ޓްރަމްޕަށް އަމާޒުކޮށް ދިން ބަޑީގެ ޙަމަލާތަކުގައި އޭނާއަށް ޒަޚަމުތަކެއް ލިބުނު ނަމަވެސް, ފުރާނައަށް ނުރައްކާވެފައެއް ނުވެއެވެ. އެ ޙަމަލާގައި ކަނާތު ކަންފަތަށް ލިބުނު ޒަޚަމަށް ފަރުވާ ކުރެއްވުމަށް ފަހު ޓްރަމްޕް ވަނީ ވިސްކޮންސިންގެ މިލްވާކީއަށް ވަޑައިގަންނަވާފައެވެ. ރިޕަބްލިކަން ޕާޓީގެ ކެނޑިޑޭޓުގެ ގޮތުގައި ޓްރަމްޕް ކަނޑައަޅައި, ޕާޓީގެ ޓިކެޓު ރަސްމީކޮށް އެރުވުމަށް ބާއްވާ ރިޕަބްލިކަން ނޭޝަނަލް ކޮންވެންޝަން (އާރްއެންސީ) އޮންނާނީ އެ ރަށުގައެވެ. މި ހަފުތާ ފަހުކޮޅު ބާއްވާ އާރްއެންސީގައި ޓްރަމްޕް އޭނާގެ ރަނިންގ މޭޓު ވެސް އިޢުލާނު ކުރައްވާނެއެވެ.

ޓްރަމްޕަށް ބަޑިން ޙަމަލާ ދިން މީހާގެ ވަނަވަރު އެމެރިކާގެ ތަޙުޤީޤީ އިދާރާ, ފެޑެރަލް ބިޔުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި)ން ވަނީ ހާމަ ކޮށްފައެވެ. އެއީ, 20 އަހަރުގެ ޒުވާނެއް ކަމުގައިވާ ތޮމަސް މެތިއު ކްރުކްސެވެ. އޭނާއަކީ ޓްރަމްޕަށް ތާޢީދު ކުރާ, ރިޕަބްލިކަން ޕާޓީގެ މެންބަރެކެވެ. ޓްރަމްޕަށް ޙަމަލާ ދިނުމަށް އޭނާ ބޭނުން ކޮށްފައި ވަނީ އޭއާރް-15 މަރުކާއާ ވައްތަރުގެ ބަޑިއެކެވެ. އެ ޙަމަލާއާ ގުޅިގެން ބައިޑަން ވަނީ ފުރިހަމަ ތަޙުޤީޤެއް ހިންގަން އަމުރު ކުރައްވާފައެވެ.

އެފްބީއައިން ބުނީ, ރިޕަބްލިކަން ކޮންވެންޝަން ބާއްވާ ސަރަޙައްދަށް އެއްވެސް ނުރައްކަލެއް އޮތް ކަމުގެ އިންޒާރު ލިބިފައި ނުވާ ކަމުގައެވެ. އަދި, އެ ތަނުގެ ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާ ކުރަން ޖެހޭ ކަމަށް ގަބޫލު ނުކުރާ ކަމުގައެވެ. މިހާތަނަށް ހޯދިފައިވާ މަޢުލޫމާތުތަކަށް ބަލައި އެފްބީއައިން ބުނީ, ޓްރަމްޕް އަވަހާރަ ކޮށްލަން ދިން ޙަމަލާގެ ފަހަތުގައި ކްރުކްސް ނޫން އިތުރު މީހެއްގެ ބައިވެރިވުން އޮތް ކަމަށް ނުބެލެވޭ ކަމުގައެވެ. ނަމަވެސް, ޓްރަމްޕަށް ޙަމަލާ ދިނުމުގެ މަޤުޞަދު އަދިވެސް ސާފުވެފައި ނުވާ ކަމުގައި އެ އިދާރާއިން ބުންޏެވެ.

"އަޅުގަނޑަށް އެ ވަގުތު އެހެން ދިމާލަކަށް ނަޒަރުހިންގައި ނުލެވުނު ނަމަ, މިއަދު މި ގޮތަށް ވާހަކަ ދައްކަން އަޅުގަނޑު ނުހުންނާނެ، ނޫންތޯ؟" އަވަހާރަ ކޮށްލަން ދިން ޙަމަލާއާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޓްރަމްޕް ސުވާލު ކުރެއްވިއެވެ. އޭނާ އަވަހާރަ ކޮށްލަން ދިން ޙަމަލާގައި ކެމްޕޭން ޖަލްސާގައި ބައިވެރިވި ޢާންމުންގެ ތެރެއިން އެކަކު މަރުވިއެވެ. އަދި, އިތުރު ބަޔަކު ޒަޚަމުވިއެވެ. ބަޑީގެ ޙަމަލާތައް ދިންތާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ޓްރަމްޕްގެ ސަލާމަތީ ކަންކަން ބަލަހައްޓަމުން ދިޔަ ސީކްރެޓް ސަރވިސްގެ އެޖެންޓުން ވަނީ ކްރުކްސަށް ރައްދު ޙަމަލާދީ އޭނާ މަރައިލާފައެވެ.

ޓްރަމްޕަށް ދިން ޙަމަލާއާ ގުޅިގެން ބައިޑަން ވަނީ ޓީވީ މެދުވެރި ކުރައްވައި ޤައުމާ މުޚާޠަބު ކުރައްވާފައެވެ. "މި ފަދަ ހަމަނުޖެހުންތަކަށް އެމެރިކާގައި ޖާގައެއް ނޯންނާނެ. [އެ ކަމުގައި] އެއްވެސް އުޒުރެއް ނެތް. މި ފަދަ ހަމަނުޖެހުންތައް ޢާންމުވުމުގެ ފުރުޞަތު ދީގެން ނުވާނެ. ސިޔާސީ މައިދާނުގައި ދައްކަމުންދާ ވާހަކަތަކުގެ ބަސްމަގު ވަރަށް ހޫނުވެއްޖެ. އެ ކަން ފިނިކުރަން ޖެހޭ،" ބައިޑަން ވިދާޅުވިއެވެ.

ޓްރަމްޕަށް ދިން ޙަމަލާއާ ގުޅިގެން ބައިޑަން އޭނާއަށް ފޯނުން ގުޅުއްވައި ވާހަކަ ދައްކަވާފައިވާ ކަމުގައި ވައިޓް ހައުސުން ބުންޏެވެ. އަދި, އޭނާގެ އަނބިކަނބަލުން ޖިލް, ޓްރަމްޕްގެ އަނބިކަނބަލުން މެލާނިޔާއަށް ފޯނުން ގުޅުއްވާފައިވާ ކަމުގައި ވެސް ވައިޓް ހައުސުން ބުންޏެވެ.

ޕެންސިލްވޭނިޔާގައި ދިން ޙަމަލާއާ ގުޅިގެން އެމެރިކާގެ ސިޔާސީ މަސްރަޙުގައި އެންމެ ގަދައަށް ދެކެވެމުން ދިޔަ ވާހަކަތަކާއި ހިނގަމުން ދިޔަ ބަހުސްތަކަށް ބަދަލު އައިސްފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ. ޙަމަލާގެ ކުރިން 81 އަހަރުގެ ބައިޑަންގެ އުމުރާ މެދު ދެކެވެމުން ދިޔަ ވާހަކަތަކުގެ އަޑުތައް ފަނޑުވެގެން ގޮސްފައިވާ ކަމުގައި އެ ފަރާތްތަކުން ބުނެއެވެ. ރޮއިޓަރސް އަދި އިޕްސޮސް ގުޅިގެން ނަގާފައިވާ ޚިޔާލު ހޯދުމުގެ ވޯޓުތަކުން ފެންނަ ގޮތުގައި ނޮވެންބަރު 5ގައި ބާއްވާ އިންތިޚާބު ވަރަށް ވާދަވެރިވާނެއެވެ.