ޚަބަރު

ޔޫރަޕުގެ ޗެމްޕިއަނުންނަށް ވުމަށްވުރެ ބޮޑު އުފަލެއް ނުލިބޭނެ: ސްޕެއިން ކޯޗު


ޔޫރޯ 2024 ގެ ފައިނަލްގައި ރޭ އިންގްލެންޑް އަތުން 1-2 އިން މޮޅުވި މެޗަށްފަހު، ސްޕެއިނުގެ ކޯޗު، ލުއިސް ޑެ ލަ ފުއެންޓޭ ވަނީ، އޭނާ އަށް މިއަށްވުރެ ބޮޑު އުފަލެއް ނުލިބޭނެ ކަމަށާއި، ސްޕެއިނަކީ ހަގީގީ ޓީމެއް ކަމަށެވެ. އަދި އެއީ ޔޫރަޕްގެ ޗެމްޕިއަނުންކަމަށާއި، ފާއިތުވާ ކޮންމެ ދުވަހަކާއެކު އެ ޓީމާމެދު ފަޚުރުވެރިވާ މިންވަރު އިތުރުވެގެންދާ ކަމަށް ވެސް ޑެ ލަ ފުއެންޓޭ ބުންޏެވެ.

މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެ ލަ ފުއެންޓޭ ބުނީ، މެޗަށް ނިކުތްއިރު ފޭވަރިޓަކީ ސްޕެއިން ނޫން ކަމަށާއި، ކުޅުންތެރިންގެ ފަރާތުން އޭނާ ބޭނުންވީ ވާދަވެރި ކުޅުމެއް ދައްކަން ކަމަށެވެ. އެކަން އޭނާގެ ކުޅުންތެރިން ކޮށްފައިވާ ކަމަށް ވެސް ޑެ ލަ ފުއެންޓޭ ބުންޏެވެ.

އަބަދުވެސް ބޭނުންވަނީ އޭނާގެ ކުޅުންތެރިން މެޗަކަށްވުރެ މެޗެއްގައި ކުޅުން ރަނގަޅުކުރުމަށް ކަމަށާއި، ހުރިހާ ކުޅުންތެރިން ދެއްކި ކުޅުމާ މެދު ފަޚުރުވެރިވާންޖެހޭނެ ކަމަށް ޑެ ލަ ފުއެންޓޭ ބުނެފައިވެއެވެ. އަދި އެ ކުޅުންތެރިންގެ ސަބަބުން އޭނާގެ މަސައްކަތް އިތުރަށް ފަސޭހަވެގެންދާ ކަމަށް ވެސް ޑެ ލަ ފުއެންޓޭ ވަނީ ބުނެފައެވެ.

ޑެ ލަ ފުއެންޓޭ ބުނީ، މިވަގުތަށް ބޭނުންވަނީ ކާމިޔާބީގައި އުފާ ފާޅުކުރުމަށް ކަމަށާއި، ވަރަށް އަވަހަށް މުސްތަގުބަލާމެދު ވިސްނަންފަށާނެ ކަމަށެވެ. މި ޓީމުން ދެން މަޑުނުޖެހޭނެ ކަމަށާއި، ބޭނުންވަނީ އިތުރު މުބާރާތްތައް ކާމިޔާބުކުރުމަށް ކަމަށް ވެސް ޑެ ލަ ފުއެންޓޭ ބުންޏެވެ.

"ސްޕެއިނުން ހާސިލްކޮށްފައިމިވަނީ ކުރަން ވަރަށް އުނދަގޫ ކަމެއް،" ޑެ ލަ ފުއެންޓޭ ބުންޏެވެ.

ސްޕެއިން ޓީމުގައި ހިމެނޭ ކޮންމެ ކުޅުންތެރިއަކީ މޮޅު ކުޅުންތެރިއެއް ކަމަށާއި، އެއިން ކޮންމެ ކުޅުންތެރިއަކަށް މެޗެއްގެ ކޮންމެ ވަގުތަކުވެސް ކުޅެވޭނެ ކަމަށް ވެސް ޑެ ލަ ފުއެންޓޭ ވަނީ ބުނެފައެވެ. އޭނާ ގެނައި ބަދަލުތަކުންވެސް އެ ކުޅުންތެރިން އެކަން ސާބިތުކޮށްދީފައިވާ ކަމަށް ޑެ ލަ ފުއެންޓޭ ފާހަގަކުރިއެވެ.

އޭނާގެ ކުޅުންތެރިންގެ ކިބައިން އުއްމީދުކުރާ ފެންވަރު އަބަދުވެސް ދަނޑުމަތީގައި ދައްކަމުންއައިސްފައިވާ ކަމަށް ވެސް ޑެ ލަ ފުއެންޓޭ ބުންޏެވެ.

ނިންމާލަމުން ޑެ ލަ ފުއެންޓޭ ބުނީ، އެ ގައުމުގެ ހުރިހާ އެންމެންނަށް ލިބުނު ތަރުހީބާއި ސަޕޯޓަށް ޝުކުރު އަދާ ކުރާ ކަމަށެވެ.