ޚަބަރު

ފައިނަލަކުން ބަލިވުމަކީ ގަބޫލުކުރަންދަތި، ވަރަށް އުނދަގޫ ކަމެއް: ސައުތުގޭޓް


ޔޫރޯ 2024 ގެ ފައިނަލްގައި ރޭ ސްޕެއިން އަތުން ބަލިވި މެޗަށްފަހު ދެއްކި ވާހަކައިގައި އިންގްލެންޑްގެ ކޯޗު، ގަރެތު ސައުތުގޭޓް ބުނީ، ފައިނަލަކުން ބަލިވުމަކީ ގަބޫލުކުރަންދަތި ވަރަށް އުނދަގޫ ކަމެއް ކަމަށެވެ.

މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައުތުގޭޓް ބުނީ، މުބާރާތެއްގެ ފައިނަލަށް ދެ ފަހަރު އިންގްލެންޑަށް ދެވިފައިނުވީނަމަވެސް މެޗަށް ނިކުތީ ޗެމްޕިއަންކަން ހޯދުމަށް ކަމަށެވެ. އެހެންނަމަވެސް އެކަން އެގޮތަށް ކުރެވޭ ގޮތެއް ނުވި ކަމަށް ސައުތުގޭޓް ބުންޏެވެ.

ސައުތުގޭޓް ބުނީ، އިންގްލެންޑް ޓީމުގައި ތިބި ޒުވާން ކުޅުންތެރިންނާއެކު މިދިޔަ އަށް އަހަރުގެ ތެރޭގައި ދެ ފައިނަލަކަށް ދަތުރުކޮށް، ސެމީ ފައިނަލްގައި ކުޅެފައިވާ ކަމަށާއި، މި ހުރިހާ ކަމަކާ ކުރިމަތިލާންޖެހުމުން ދެރަވިޔަސް އެކުޅުންތެރިން މިކަމުން އަރައިގަނެ، އެނބުރި ނާދެވޭންވީ ސަބަބެއް ނެތް ކަމަށެވެ.

މުބާރާތުގައި ފެނިގެންދިޔަ އެންމެ މޮޅު ޓީމަކީ ސްޕެއިން ކަމަށާއި، އޭނާގެ ޓީމަށް އެންމެ ރަނގަޅަށް ބޯޅަ ހިފަހައްޓައިގެން ނުކުޅެވުނު ކަމަށް ސައުތުގޭޓް ބުންޏެވެ. ފުރަތަމަ ހާފުގައި އިންގްލެންޑުން ވަރަށް ރަނގަޅަށް ޑިފެންސްކޮށްފައިވާ ކަމަށާއި، ބޯޅަ ލިބުނު ހާލަތްތަކުގައި އެންމެ ރަނގަޅަށް މަސައްކަތްނުކުރެވުނު ކަމަށް ސައުތުގޭޓް ވަނީ ބުނެފައެވެ.

އަދި ފަހު ހާފުގައި އިންގްލެންޑްގެ ކުޅުންތެރިންނަށް މާބޮޑަށް ވަރުބަލިކަން އިހުސާސްކުރެވި، ބޯޅަ އެންމެ ރަނގަޅަށް ނުހިފެހެއްޓެވުމުގެ ނަތީޖާއެއްގެ ގޮތުން ސްޕެއިނަށް ފުރުޞަތުތައް ތަނަވަސްކުރުމަށް ފަސޭހަވީ ކަމަށް ވެސް ސައުތުގޭޓް ބުންޏެވެ.

މެޗުން އިންގްލެންޑަށް މޮޅުނުވެވުނީ، އެންމެ ރަނގަޅަށް ބޯޅަ ހިފަހައްޓައިގެން ނުކުޅެވުމުން ކަމަށް ސައުތުގޭޓްގެ ވާހަކައިގައި ފާހަގަކުރިއެވެ. މުބާރާތަށް އައިއިރު އޭނާގެ ޓީމުގެ ގިނަ ކުޅުންތެރިން ތިބީ ފިޒިކަލީ އެންމެ ރަނގަޅު ހާލަތުގައި ނޫން ކަމަށާއި، އެކަމުގެ ސަބަބުން ވެސް ފައިނަލް މެޗަށް އަސަރުކޮށްފައިވާ ކަމަށް ސައުތުގޭޓް ބުންޏެވެ.

މެޗުގެ ފަހު ދިހަ ވަރަކަށް މިނެޓާ ހަމައަށް ދިޔައިރު ރަނގަޅަށް ދިޔަނަމަވެސް، އެއަށްފަހު އޭނާ ބޭނުންވާ ގޮތަށް ކަންކަން ގޮސްފައިނުވާކަމަށާއި، އެހެންވެ ވަރަށް ބޮޑަށް މާޔޫސްވެ، ދެރަވެފައިވާ ކަމަށް ވެސް ސައުތުގޭޓް ވަނީ ބުނެފައެވެ. ނަތީޖާ ކޮންމެ ގޮތަކަށް ނިކުތް ކަމުގައިވިޔަސް، އިންގްލެންޑްގެ ކުޅުންތެރިންގެ ފަރާތުން ދެއްކި ކުޅުމާމެދު ފަޚުރުވެރިވާ ކަމަށް ސައުތުގޭޓް ބުންޏެވެ.

ޖެހިޖެހިގެން ދެވަނަ ފަހަރަށް ޔޫރޯގެ ފައިނަލްގައި ކުޅެވުމުން އޭނާގެ ކުޅުންތެރިން ފަޚުރުވެރިވާންޖެހޭ ކަމަށާއި، މުޅި ގައުމުވެސް ފަޚުރުވެރިކޮށްދީފައިވާ ކަމަށް ސައުތުގޭޓް ވަނީ ބުނެފައެވެ.