ޗައިނާ ވިމެންސް ޔުނިވަރސިޓީއާ މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ ގުޅިގެން ދިވެހި ދަރިވަރުންނަށް ތަމްރީން ޕްރޮގްރާމްތައް ފެށުމަށް މަޝްވަރާކުރައްވައިފިއެވެ.
މިމަޝްވަރާތައް ކުރެއްވީ މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ.މަރިޔަމް މާރިޔާ މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ޗައިނާ ވިމެންސް ޔުނިވަރސިޓީގެ ދަޢުވަތަކަށް އެޔުނިވަރސިޓީއަށް ކުރެއްވި ޒިޔާރަތުގައެވެ.
ޗައިނާ-ސައުތު އޭޝިއާ ޕޮލިޓިކަލް ލީޑަރސް ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެންނެވުމަށް ވަޒީރު ޑރ. މަރިޔަމް މާރިޔާ ޗައިނާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ޗައިނާ ވިމެންސް ޔުނިވަރސިޓީން ދެއްވި ދަޢުވަތަކަށް އެޔުނިވަރސިޓީއަށް ކުރެއްވި ޒިޔާރަތުގައިވަނީ ތަޢުލީމީ ދާއިރާއިން ރާއްޖެއަށް ހުރި ފުރުސަތުތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
މިމަޝްވަރާތަކުގައި ޗައިނާ ވިމެންސް ޔުނިވަރސިޓީއާއި ގުޅިގެން ދިވެހި ދަރިވަރުންނަށް އެކި ދާއިރާތަކުން ތަމްރީންވުމުގެ ފުރުސަތާއި އެކްސްޗޭންޖް ޕްރޮގްރާމްތައް ފެށުމާއި ގުޅޭގޮތުންވަނީ މަޝްވަރާކުރައްވާފައެވެ. އަދި މިފަދަ ފުރުސަތުތައްވެގެންދާނީ ރާއްޖޭގެ މަތީ ތަޢުލީމަށް ލިބިގެންދާނެ އިތުރު ކުރިއެރުމެއްގެ ގޮތުގައި ވަޒީރުވަނީ ފާހަގަކުރައްވާފައެވެ.
ޗައިނާ-ސައުތު އޭޝިއާ ޕޮލިޓިކަލް ލީޑަރސް ޕްރޮގްރާމް އިންތިޒާމުކުރުމުގައި ހިއްސާވާ ޗައިނާގެ ވިމެންސް ޔުނިވަރސިޓީއަކީ އޯލް-ޗައިނާ ވިމެންސް ފެޑެރޭޝަނާއި ގުޅިގެން ހިންގާ 75 އަހަރުވީ ދިގު ތާރީޚެއް އޮތް ޔުނިވަރސިޓީއެކެވެ. އެޔުނިވަރސިޓީއަކީ ދުނިޔޭގެ އެކި ޤައުމުތަކުގެ އަންހެނުންނަށް ތަޢުލީމީ ފުރުސަތުތައް ފަހިކޮށްދީ އަންހެނުން ބާރުވެރިކުރުވާ އަންހެނުންގެ ހައްގުތައް ކަށަވަރުކުރުމަށް ވަކާލާތުކުރާ އަދި ދިރާސީ ރޮނގުން ކުރިއަރާފައިވާ ޔުނިވަރސިޓީއެއްކަން ފާހަގަކޮށްލެވެއެވެ.