ޚަބަރު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އެމްޑީޕީގެ އިސްވެރިންނާ ބައްދަލުކުރައްވައިފި


  • މަޖިލީހުގެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި މަޖިލީހުގެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މަޢުލޫމާތު ދެއްވައެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވެވި މިބައްދަލުކުރެއްވުމާ ގުޅޭގޮތުން އެމްޑީޕީން ބުނީ މަޖިލީހުގައި މައިނޯރިޓީ ޕާޓީގެ ހައްގުތައް ހިމާޔަތްކޮށް، ވީހާވެސް ފުޅާކޮށް މަސައްކަތް ކުރުމުގެ ފުރުސަތު ކަށަވަރުކޮށްދިނުމަށް އެޕާޓީގެ ޗެއަރޕާސަން ފައްޔާޒު އެދިވަޑައިގެންނެވިކަމަށެވެ. އަދި، މަޖިލީހުގެ މަސައްކަތް ކުރިއަށްދާއިރު 18 ވަނަ މަޖިލީހުގައި ކަންކަން ހިނގާދިޔަ ގޮތަށް ފުރުސަތު ނުދެއްވުމަށް ޕާޓީގެ ފަރާތުން އިލްތިމާސް ކުރެއްވިކަމަށެވެ.

މިބައްދަލުކުރެއްވުމުގައި މަޖިލީހުގެ ރައީސްގެ އިތުރުން ނައިބު ރައީސް އަޙްމަދު ނާޡިމާއި މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހު ބައިވެރިވެވަޑައިގެންނެވިއެވެ. އެމްޑީޕީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެޕާޓީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލާއި ޗެއަރޕާސަންގެ ނައިބު އަދި އެޕާޓީގެ އެހެން ބައެއް އިސްވެރިންނެވެ.