ޚަބަރު

ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ދާއިރާތަކުން އެހީތެރިވުމުގައި އިންޑިއާ ދެމިއޮންނާނެ: ސަފީރު


  • ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރެއްވި

  • އިންޑިއާއިން ރާއްޖޭގައި ހިންގަމުންދާ މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި

ރާއްޖެއަށާއި ދިވެހި ރައްޔިތުންނަށް އެހީތެރިކަން ބޭނުންވާ ދާއިރާތަކުން އެހީތެރިވުމުގައި އިންޑިއާ ދެމިއޮންނާނެ ކަމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މުނޫ މަހާވަރު ވިދާޅުވެއްޖެއެވެ.

އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާ ބައްދަލުކުރައްވައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި އިންޑިއާ ސަފީރު ވަނީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި އިންޑިއާއިން ރާއްޖޭގައި ހިންގަމުންދާ މަޝްރޫޢުތަކާ ގުޅޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މި ބަދަލުކުރެއްވުމުގައި އިންޑިއާގެ ސަފީރު ދެއްކެވި ވާހަކައިގައި، އެ ޤައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބޮޑުވަޒީރުކަމުގެ އައު ދައުރަކަށް ހުވައިކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ ދަޢުވަތު ޤަބޫލުފުޅުކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ވަޑައިގެންނެވީތީ ޝުކުރުއަދާކުރެއްވިއެވެ. އަދި ދެ ޤައުމުން އެއްބާރުލައިގެން ފައިދާހުރި އަދި ކާމިޔާބު ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއަށާއި ދިވެހި ރައްޔިތުންނަށް އެހީތެރިކަން ބޭނުންވާ ދާއިރާތަކުން އެހީތެރިވުމުގައި އިންޑިއާއިން ދެމިއޮންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، އިންޑިއާގެ ބޮޑުވަޒީރު ހުވައިކުރެއްވުމުގެ ރަސްމިއްޔާތަށް އެޤައުމަށް ކުރެއްވި ޒިޔާރަތުގައި އިންޑިއާއިން އަދާކުރެއްވި މެހްމާންދާރީއާ ބެހެއްޓެވި ގާތްކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދިވެހިރާއްޖޭގެ ތަރައްޤީއާ ކުރިއެރުމުގައި އަދި ދިވެހިރައްޔިތުން އެހީތެރިކަމަކަށް ބޭނުންވާ ކޮންމެ ވަގުތެއްގައި އިންޑިއާއިން ދޭ ސަމާލުކަމާއި އަހައްމިއްޔަތު ފާހަގަކުރައްވާފައެވެ.

މިބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، އެއްބާރުލުން އިތުރުކުރުމުގެ އުންމީދީ ވާހަކަފުޅުތަކާއެކުއެވެ. އަދި އިންޑިއާކަނޑުގެ ޞުލްޙައާއި ހަމަޖެހުން ދެމެހެއްޓުމަށް، މިހާރެކޭވެސް އެއްގޮތަށް، އެއް ވިސްނުމެއްގައި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ދެބޭފުޅުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންގުޅުއްވަނީ، ޤައުމުތަކާ ގުޅިގެން، ހަލުވި ބާރުމިނުގައި ރާއްޖެ ތަރައްޤީކުރުމަށް، ބައިނަލްއަޤްވާމީ މުޖްތަމަޢުގެ އެއްބާރުލުމާއިއެކު މަސައްކަތްކުރެއްވުމަށް އިސްކަންދެއްވުމުގެ ޚާރިޖީ ސިޔާސަތެވެ.