ޚަބަރު

"ފަހި 913 ސްޕޯޓްސް ފެސްޓިވަލް" ކާމިޔާބުކަމާއިއެކު ނިންމާލައިފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރަށް ދެ އަހަރާއި ބައި ފުރުން ފާހަގަކުރުމުގެ ގޮތުން ކުޅިވަރު އެކުވެނި ދަނޑުގައި ކުރިއަށް ގެންދިޔަ، "ފަހި 913 ސްޕޯޓްސް ފެސްޓިވަލް" ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ.

6 ކުޅިވަރަކުން އެކި ވަނަތައް ހޯދި ޓީމްތަކަށް ތައްޓާއި މެޑަލް ހަވާލުކޮށްދެއްވީ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރަށް ދެ އަހަރާއި ބައި ފުރުން ފާހަގަކުރުމުގެ ގޮތުން ކުޅިވަރު އެކުވެނި ދަނޑުގައި ކުރިއަށް ގެންދިޔަ، "ފަހި 913 ސްޕޯޓްސް ފެސްޓިވަލް" ނިންމާލީ ކުލަގަދަ ރަސްމިއްޔާތަކާއިއެކުގައެވެ. ޖުމްލަ 6 ކުޅިވަރު މުބާރާތެއް ކުރިއަށްދިޔައިރު، މުބާރާތުގެ ހުރިހާ ފައިނަލް މެޗުތަކެއްވެސް ކުޅެފައިވަނީ ރޭގައެވެ.

މުބާރާތުގެ އެންެމެ ފޯރިގަދަ ބައެއްގެ ގޮތުގައި ފާހަގަކުރެވިގެންދިޔައީ ފުޓްސަލް މުބާރާތެވެ. 12 ޓީމް ވާދަކުރި ފިރިހެން ފުޓްސަލްގެ ޗެމްޕިއަންކަން އެމްޕީއެލް ހޯދީ ޓީމް ފެނަކަ ބަލިކޮށްގެންނެވެ. ފައިނަލް މެޗް އެމްޕީއެލް ކާމިޔާބުކުރީ ހަތަރެއް ތިނަކުންނެވެ. ޓީމް ބައިވެރިވި އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ ޓީމް ފެނަކައެވެ. ޓީމް ފެނަކަ ފައިނަލް މެޗް ކާމިޔާބުކުރީ ފައިނަލްގައި އެކެއް ސުމަކުން އެމްޕީއެލް ބަލިކޮށްގެންނެވެ. 6 ޓީމް ބައިވެރިވި ހޭންޑް ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ތައުލީމީ ގުޅުމާއި ވާދަކޮށް ހޯދީ ސިޓީ ބޭކަރީއެވެ. ފައިނަލް މެޗް ސިޓީ ބޭކަރީ ކާމިޔާބުކުރީ ދިހަ ލަނޑު ފަސް ލަނޑުންނެވެ.

7 ޓީމް ބައިވެރިވި ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ފިއޮންތި ހޯދީ ސަފަޔާއާއި ވާދަކޮށް އެކާވީސް ޕޮއިންޓް ހަތް ޕޮއިންޓުންނެވެ. 10 ޓީމް ބައިވެރިވި ތްރީ އޮން ތްރީ ބާސްކެޓްބޯޅަ މުބާރާތުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ބޮސްޓޮން އާއި ވާދަކޮށް ހޯދީ ސަ ބައުސްއެވެ. އަދި މި މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ ޓީމް ސުޕާއެވެ. ޓީމް ސުޕާ ފައިނަލް މެޗް ކާމިޔާބުކުރީ ފްލޭޝް އާއި ވާދަކޮށް 10 ޕޮއިންޓް 7 ޕޮއިންޓުންނެވެ.

6 ޓީމް ވާދަކުރި ބަށިބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ހުޅުމާލޭ ވިމެންސް ސްޕޯޓްސްއެވެ. އެޓީމް ޗެމްޕިއަންކަން ހޯދީ ފައިނަލްގައި މައްޗަންގޯޅި ވިދުވަރު 9 ލަނޑުގެ ތަފާތުން ބަލިކޮށްގެންނެވެ. 8 ޓީމް ވާދަކުރި ބައިބަލާ މުބާރާތުގެ ޗެމްޕިއަންކަން ކްލަބް ޓީނޭޖާއި ވާދަކޮށް ހޯދީ އީގަލްސް އިން އެޗްޑީއެވެ.

އިއްޔެ ފެށި ފަހި ނުވައެއް ތޭރަ ކުޅިވަރު ފެސްޓިވަލްގެ ހުރިހާ ކުޅިވަރެއް ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުންވަނީ ބައްލަވާލައްވާފައެވެ.

ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުން އިސްނަގައިގެން ކުރިއަށްގެންދާ "ފަހި 913" ކުޅިވަރު ފެސްޓިވަލްގައި ކުރިއަށްގެންދިޔަ ކުޅިވަރު މުބާރާތްތަކުގައި 59 ޓީމުން 1500 އަށްވުރެ ގިނަ ކުޅުންތެރިން ބައިވެރިވެފައިވެއެވެ.

"ފަހި 913 ކުޅިވަރު ފެސްޓިވަލް" ބޭއްވުމުގެ މަޤްސަދަކީ، ހުރިހާ ޢުމުރެއްގެ މީހުންނަށް ވެސް ކުޅިވަރު ކުޅުމުގެ ފުރުޞަތު ހޯދައިދ،ީ އުފާވެރި މާޙައުލެއް ގާއިމްކޮށްދިނުންކަމަށް ރައީސް ޔާމީން ކެމްޕެއިން އޮފީހުން މަޢުލޫމާތުދެއްވައެވެ.