ރާއްޖޭގައި ގޭންގްތަކުގެ ހަރަކާތްތައް ފެށިގެން އައީ ދެހާހުގެ ކުރީކޮޅެވެ. އެގޮތުން އެކި ގޭންގުތަކުން މާލޭގެ އެކިތަންތަނަށް އެއްވެ ތިބުމާއި ޖިނާޢީ ކުށް ކުރުމާއި އާއްމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ވަކި ނަންނަމުގައި އެކި ސަރަޙައްދުތަކުގައި ހަރަކާތްތެރިވުމާއި، ޖިނާޢީ އެކިއެކި ކުށްތަކަށް އަރައިގަތުންފަދަ ކަންކަން އެފަދަ ގްރޫޕްތަކުގެ މެދުގައި އެދުވަސްވަރު އިތުރުވެގެން ދިޔައެވެ. މިއާއެކު ގޭންގް ކުށުގެ ނުރައްކާ ބޮޑުވެ، ގޭންގް ކުށްތައް މަނާކުރުމަށް ޚާއްޞަ ޤާނޫނެއް 2010ވަނަ އަހަރު ވުޖޫދުކޮށް ޢަމަލުކުރަން ފެށިއެވެ.
ޒަމާނައަށް އަންނަ ބަދަލާއެކު ގޭންގުތަކުން ހަރަކާތްތެރިވާ ގޮތަށްވެސް އަންނަީ ބަދަލުއަންނަމުންނެވެ. މާލެ ސަރަޙައްދުގައި ވަރަށް ހަރަކާތްތެރިކޮށް އަދި ފުލުހުން އަބަދުވެސް ފާރަވެރިވާންޖެހޭ 8 ގޭންގެން ފުލުހުން ފާހަގަކުރެއެވެ. ހަމައެހެންމެ އަތޮޅުތަކުގެ ބޮޑެތި އާބާދީތައް އޮތް ސަރަޙައްދުތަކުން ވަރަށް ހަރަކާތްތެރި 6 ގޭންގެއްވެސް ފުލުހުން ފާހަގަކުރެއެވެ. މީގެއިތުރުން މާލޭގައި ހިންގާ ބައެއް ގޭންގުތަކުގެ ގޮފިތައް އަތޮޅުތަކުގައި ހިންގައެވެ. އާއްމުކޮށް މިފަދަ ގޭންގުތަކުގައި 25އާއި 150 މީހުންނާ ދެމެދުގެ ޢަދަދަކަށް މީހުން ހަރަކާތްތެރިވެ އުޅޭކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ.
ގޭންގުތަކުގެ ހިންގުމަށް މި ވޭތުވެދިޔަ އަހަރުތަކުގައި ބޮޑެތި ބަދަލުތައް ވަނީ އައިސްފައެވެ. އެންމެ ކަންބޮޑުވާ ކަމެއްގެ ގޮތުގައި ފުލުހުން ފާހަގަކުރަނީ ކުޑަކުދިން ގޭންގުތަކާ ގުޅި ޖިނާޢީ އެކި ކުށްކުށަށް އަރައިގަތުމެވެ. ބައެއް ބޮޑެތި ގޭންގުތަކުގައި 18 އަހަރުން ދަށުގެ 50އަށްވުރެ ގިނަ ކުޑަކުދިން ހަރަކާތްތެރިވެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސްޕްރިންޓެން އޮފް ޕޮލިސް ޢާރިފް ވިދާޅުވީ ކުޑަކުދިން ގޭންގު ކުށްތަކުގެތެރެއަށް ވައްދާ އެންމެ ބޮޑު ސަބަބަކީ އެކުދިންނަށް ޤާނޫނުން ލިބިފައިވާ ރައްކާތެރިކަމުގެ ނާޖާއިޒު ފައިދާ ގޭންގުތަކުން ހޯދުންކަމަށެވެ.
"ނުރައްކާތެރި ކުށް ކުރަން ކުޑަކުދިން އެބަ ބޭނުންކުރޭ. ޤާނުން ރައްކާތެރިކަން ލިބޭތީ، އެ ކުދިން ޒިންމާ އުފުލަން ނުޖެހޭ ޙާލަތްތައް އެބަހުރި. ހައްޔަރުކުރިއަސް، ޤާނުން ލިބިދޭ ރައްކާތެރިކަމެއް އޮންނާތީ އޭގެ ނާޒާއިޒު ފައިދާ އެބަ ނަގާ." ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އާރިފް ވިދާޅުވިއެވެ.
ކުޑަކުދިން ލައްވާ ކުރުވާ ކުށްތަކުގެތެރޭގައި މަސްތުވާތަކެއްޗާއި، ވައްކަމުގެ ކުށްތަކުގެ އިތުރުން ބޮޑެތި ކުށްތައް ކުރުމަށް ފާރަލުން ހިމެނެއެވެ. މިގޮތުން ވަރަށް ބޮޑެތި ކޭސްތަކުގައި ޙަމާލާ އަމާޒުވާ މީހާއަށް ފާރަލުމުގައި ކުޑަކުދިން ހަރަކާތްތެރިވާކަން ތަޙުޤީގަށް ހާމަވެފައި އެބަހުއްޓެވެ.
ފުލުހުން ވިދާޅުވީ ގޭންގްތަކަށް ކުޑަކުދިން ވަންނަ އެންމެ ބޮޑު އެއް ސަބަބަކީ، ގޭންގްތަކުން އެކުދިންގެ ސިކުންޑިއާ ކުޅެލާ، އެކަމުގެ ޝަޢުގުވެރިކަން އުފެއްދުންކަމަށެވެ. ކުޑަކުދިން ގޭންގުތަކަށް ރެކްރޫޓްކުރަން ބޭނުންކުރާ އެއް ވަސީލަތަކީ ސޯޝަލް މީޑިއާގެ ވަސީލަތްތަކެވެ. ޚާއްސަކޮށް އޮންލައިން ގޭމު ކުޅޭ ޕްލެޓްފޯމްތަކުގައި ކުޑަކުދިންނާ ބައްދަލުވެ ރަޙުމަތްތެރިކަން އުފައްދާ ގޭންގުތަކަށް ލޯބި ޖައްސައެވެ. ގޭމިންގެތެރޭގައި އާއްމުކޮށް ހަރަކާތްތެރިވެ އުޅެނީ 12، 13، 14 އަހަރުގެ ކުޑަކުދިންނެވެ.
މީގެއިތުރުން އެކިކަހަލަ ކުޅިވަރުތަކާއި ގޭންގުތަކުން ގެންގުޅޭ އަގުބޮޑެތި ކާރާ ސައިކަލު ފަދަ ތަކެއްޗަށްވެސް ކުދިންގެ ޝައުގުވެރިކަން އުފައްދާ ހިތްޖައްސުވައެވެ.
ފުލުހުން ވިދާޅުވީ ސުކޫލް މާޙައުލު ބޭނުންކޮށްގެންވެސް ކުދިން ރެކްރޫޓްކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދާކަމަށެވެ.
މިކަމުގައި ކުޑަކުދިންގެ ބައިވެރިވުމަކީ ކޮންމެހެން ހުއްޓުވަންޖެހޭ ބޮޑު މައްސަލައެއްގެ ގޮތުގައި ފުލުހުން ފާހަގަކުރެއެވެ. ކުދިންގެ ބެލެނިވެރިން އަދި ސްކޫލްތަކުންވެސް މިހާރަށްވުރެ ބޮޑަށް ސަމާލުވެ، މިއީ އަވަސް ފިޔަވަޅުތައް އަޅަންޖެހޭ ކަމެއްކަމަށް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އާރިފް ވިދާޅުވިއެވެ.
"ކުދިންނަށް ބުނެދޭންޖެހޭ ހަޤީގަތުގައި މިވަނީ ކީއްކަން. މިކަމުގެ ސަބަބުން ކުދިންނަށް ބޮޑެތި އަނިޔާތައް ލިބިފައި އެބަހުރި. ކުދިން ނިޔާވެފައި އެބަހުރި ގޭންގު މާރާމާރީތަކުގައި. ބައެއް ޙާލަތުގައި ޖިންސީ ގޯނާގެ ޝިކާރައަކަށްވެސް ވެފައި އެބަހުރި." ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އާރިފް ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ ގޭންގް ކުށްތައް މަދުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން ފުލުހުންގެ ޚިދުމަތުގައި އުފެއްދި ގޭންގް ކްރައިމް އިންވެސްޓިގޭޝަން ވިންގާއެކު، ގޭންގުތަކުގެ މައްސަލަ ޙައްލުކުރުމުގެ މަސައްކަތް އިތުރަށް ހަރަދަނާކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މިފަދަ މައްސަލަތަކުގައި ފިޔަވަޅު އެޅުމުގެ އުސޫލުތަކާއި އަދި ރިހެބިލިޓޭޝަން ފަރުވާގެ ނިޒާމުވެސް ހަރުދަނާކުރުމުގެ މަސައްކަތްތައް ކުރަމުންދާކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.